ޣައްޒާގެ ރައްޔިތުންނަށް ލިބުނު މި ނަޞްރުގެ ފަހަތުގައި ވަނީ އީމާންކަމާއި، ހިތްވަރާއި، ކެތްތެރިކަމާއި، އުޚުއްވަތްތެރިކަމާއި، ނުގުޑާފަދަ ވަރުގަދަ ޢަޒުމު ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
"ޣައްޒާގެ ރައްޔިތުންގެ ކާމިޔާބީ" މި މައުޟޫޢުގެ މައްޗަށް ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ހުކުރު ޚުތުބާގައި ވިދާޅުވި ގޮތުގައި،
މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުން އިވެމުންދަނީ ފަލަސްޠީނުގެ އަޑެވެ. އެތަށް ދުވަހެއް ވަންދެން ހިންގަމުން ދިޔަ ނަސްލު ނައްތައިލުމުގެ އަނިޔާވެރި ހަނގުރާމަ މެދުކަނޑައިލި ވާހަކައެވެ.
"މިއީ ހަމަކަށަވަރުންވެސް ޣައްޒާގެ ރައްޔިތުންނަށް ލިބުނު މަތިވެރި ނަޞްރެކެވެ," މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.
ޚުޠުބާގައި ވިދާޅުވިގޮތުގައި ޣައްޒާގެ ރައްޔިތުންނަށް ލިބުނު މި ނަޞްރުގެ ފަހަތުގައި ވަނީ އީމާންކަމާއި، ހިތްވަރާއި، ކެތްތެރިކަމާއި، އުޚުއްވަތްތެރިކަމާއި، ނުގުޑާ ޢަޒުމެއްގައި ބަދަހިކަމާއެކު ތިބެ، އެކަލާނގެއަށް ވަކީލުކޮށްގެން ކުރި ވަރުގަދަ ހަނގުރާމައެވެ.
"މި ހަނގުރާމައިގައި ގާތްގަނޑަކަށް 50,000 މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި މުސްކުޅިންނާއި އިލްމުވެރި އިލްމުވެރިންނާއި ފަލަސްޠީނުގެ މިނިވަންކަމަށްޓަކައި މަސައްކަތްކުރަމުންދިޔަ އެތައް ލީޑަރުންނެއް ހިމެނެއެވެ. މުޅި ޣައްޒާވަނީ ބިމާ ހަމަވެފައެވެ," ޚަޠީބު ވިދާޅުވިއެވެ.
ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި ހަނގުރާމަތަކުގައި ނަޞްރު ލިބެނީ ލަޝްކަރުގެ ޢަދަދު ގިނަކަމާއި ހަތިޔާރުގެ މޮޅުކަމުގެ މައްޗަކަށް ނޫނެވެ. އީމާންކަމާއި ކެތްތެރިކަމުގެ މައްޗަށެވެ.
ޚުޠުބާގައި އިތުރަށް ވިދާޅުވީ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ޞަހްޔޫނީ ނިޒާމުން ހިންގި ޢުދުވާނާ ގުޅިގެން ދިވެހިރާއްޖެއިން ވެސް ވަނީ އިސްލާމީ އުޚުއްވަތްތެރިކަން ދައްކައި ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިކަމަށެވެ.
"ދިވެހި ރައްޔިތުން ވަނީ ޣައްޒާގެ އަޚުންނާއި އުޚްތުންނާ އެކުވެރިވުމުގެ ގޮތުން މުދަލުން ހޭދަކޮށްފައެވެ. އަދި ދިވެހިރާއްޖެއިން ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ޣައްޒާގެ ރައްޔިތުންގެ ދިފާޢުގައި އަޑުއުފުލާފައެވެ," ޚަޠީބު ވިދާޅުވިއެވެ.