މިދުވަސްވަރަކީ ޕްލެނެޓް ނުވަތަ ގުރަހަތައް އެއް ސަފަކަށް އެތުރޭ ދުވަސްވަރެއް ކަމުން އެމަންޒަރު މިޖެނުއަރީ މަސް ނިމެންދެންވެސް ފެންނާނެ ކަމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑީޔާ، ހޭޔަންބޯ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް މައުމޫން ވަނީ ގުރަހަތަކާއި އެ ގުރަހަތައް އެއްސަފަކަށް އެތުރޭ ގޮތާ ގުޅޭގޮތުން ވަރަށް ތަފްސީލްކޮށް މަޢުލޫމާތު ހިއްސާކުރައްވާފައެވެ.
ރައީސް މައުމޫން ވިދާޅުވީ ދުނިޔެ ދަތުރުކުރަމުންދާ އިރަވީނިޒާމުގައި އިރުގެ ވަށައިގެން ދުނިޔެފަދަ އިތުރު ޕްލެނެޓުތައް ދަތުރުކުރެއެވެ.
ރައީސް މައުމޫނު ފާހަގަކުރައްވާ ގޮތުގައި، 8 ޕްލެނެޓެއް ނުވަތަ ގުރަހައެއް މިނިޒާމުގައި އިރުގެ ވަށައިގެން ދަތުރުކުރަމުންދާއިރު، މި ގުރަހަތައް ދަތުރުކުރަނީ އެކި ބާރުމިނުގައި އެކި ދުރުމިނުގައެވެ. އާންމުގޮތެއްގައި މިގުރަހަތަައް އެއް ސަފަކަށް އެތުރެނީ މަދުންކަން ފާހަގަކުރައްވާ ރައީސް މައުމޫން ވިދާޅުވީ މިދުވަސްވަރު އެގުރަހަތައް އެއް ސަފަކަށް އެތުރިފައިވާ ކަމަށާއި، މިމަންޒަރު ހަމަލޮލުން ބަލާލުމުގެ ފުރުސަތު މިދުވަސް ވަރު ލިބޭނެކަމަށެވެ.
"ވަކި ދުވަސްވަރެއްގެ ރީތިކޮށް ފެންނާނެ ކަމަށް ބުނަން ދަތި. އެހެންނަމަވެސް އެންމެ ރީތިކޮށް މިދުވަސް ވަރު ފެންނާނީ ޖެނުއަރީ 21 އިން 25 އަށް. ދެން ޖެނުއަރީ މަސް ނިމެންދެންވެސް ފެންނާނެ. އިރު އޮއްސުމަށް ފަހު ދެގަޑިއެއްހާއިރު ނިކުމެވަޑައިގެން ބެއްލެވީމަ. އެންމެ ހުޅަނގަށް ފެންނާނީ މާކިއުރީ، އެއީ އިރާއި އެންމެ ކައިރިން ދެން ފެންނާނީ. ދެން މީގެ އަލިކަން އެކަތި އަނެކައްޗަށް ތަފާތުވާނެ އެހެންވީމަ މިއީ، އެހާފަސޭހައިން އަލިކަން ފެންނާނެ އެއްޗެއް ނޫން." ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ މިމަންޒަރަކީ ކޮންމެ 100 އަހަރަކުން އެއްފަހަރު ފެންނަ މަންޒަރެއްކަމަށެވެ ރައީސް މައުމޫން ވަނީ މިމަންޒަރު ހަމަލޮލަށް ފެންނައިރު، ތަރިތަކާއި ގުރަހަތައް ވަކިކުރަން އެހާ ފަސޭހަ ނުވެދާނެކަން ފާހަގަކުރައްވާފައެވެ. ނަމަވެސް ފަލަކީ ޢިލްމުވެރިންނާއި ހަވާލާދެއްވާ ރައީސް މައުމޫން ވަނީ ބައެއް ފަލަކީ ޢިލްމުވެރިން ވިދާޅުވާ ގޮތުން ގުރަހަތައް ނުވަތަ ޕްލެނެޓުތައް އުޑުގައި ވިދަމުންދާތަން ނުފެންނާނެކަން ފާހަކުރައްވާފައެވެ. ނަމަވެސް ތަރިތައް ވިދަމުންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.