އިސްރާއީލުގެ ޖަލެއްގައި ސަހްޔޫނީން އަނިޔާކުރުމުގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތަކު ޝަހީދުވެފައިވާ ކަމަށ،ް ބަންދުގައި ތިބޭ ފަލަސްޠީނު މީހުންގެ ޙައްޤުގައި މަސައްކަތްކުރާ ޖަމްޢިއްޔާއިން ހާމަކޮށްފިއެވެ.
އެ ޖަމްޢިއްޔާއިން ބުނާ ގޮތުގައި 45 އަހަރުގެ މުޙައްމަދު ޙުސައިން އަލް-ޢާރިފް ޝަހީދުވެފައިވަނީ އިސްރާޢީލުގެ ރަޙުމެއް ނެތް އަނިޔާވެރިކަން ތަޙައްމަލުކުރަމުން ދަނިކޮށެވެ.
އަލް-ޢާރިފްގެ އާއިލާއަށް ލިބުނު ފުރަތަމަ މެޑިކަލް ރިޕޯޓުން ދައްކާ ގޮތުގައި، އޭނާ ހައްޔަރުކުރި ވަގުތުން ފެށިގެން އޭނާ މަރާލުމަށް ނިންމާފައިވާކަން ސާފުކޮށް އެނގެއެވެ. އޮޓޮޕްސީން ހާމަވެފައިވަނީ އޭނާއަށް އަނިޔާކޮށްފައިވާ ކަމުގެ އެތައް ހެއްކެއް ހުރި ކަމަށެވެ. މިކަމުގެ ސަބަބުން ހާޓްއެޓޭކެއް ޖެހި، ފުއްޕާމޭގެ ނާރެއް ބްލޮކްވެ، ސިކުނޑިއަށް ލެޭ އަރައި، އަދި އެތެރެއަށް އެހެނިހެން ގެއްލުންތައް ލިބިފައިވެއެވެ.
އެ ޖަމްޢިއްޔާއިން ފާހަގަކުރާ ގޮތުގައި އަލް-ޢާރިފްގެ މަރަކީ އިސްރާއީލުން ބަންދުގައި ތިބޭ ފަލަސްތީނުގެ މީހުންނާ ދެކޮޅަށް ހިންގަމުންދާ ނިޒާމީ ކުށްތަކުގެ ތެރެއިން އެއް ކުށެވެ. ޣައްޒާއަށް އިސްރާއީލުން ހަނގުރާމަ ފެށި ފަހުން އަނިޔާ ކުރުން އިތުރުވެ، ހައްދުފަހަނަ އަޅާފައިވާ ކަމަށް އެފަރާތްތަކުން ބުނެއެވެ.
މި ހާދިސާއާ ގުޅިގެން، އިސްރާއީލުގެ ލީޑަރުންނާ މެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ބައިނަލްއަޤްވާމީ ޤާނޫނީ މުއައްސަސާތަކަށް ގޮވާލައި، އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އަޅައި، އެ ޤައުމު އެކަހެރި ކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި މަސައްކަތް ކުރުމަށް އެ ޖަމްޢިއްޔާއިން އިލްތިމާސްކޮށްފައިވެއެވެ.