8 ފެބުރުވަރީ 2025

އައި.ސީ.ސީ ޕްރޮސެކިއުޓަރ، އަފްޣާނިސްތާނުގެ ޠާލިބާނު ލީޑަރުން ހައްޔަރުކުރުމުގެ އަމުރެއް ނެރުމަށް އެދިއްޖެ

އައި.ސީ.ސީ ޕްރޮސެކިއުޓަރ، އަފްޣާނިސްތާނުގެ ޠާލިބާނު ލީޑަރުން ހައްޔަރުކުރުމުގެ އަމުރެއް ނެރުމަށް އެދިއްޖެއެވެ.

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ ޗީފް ޕްރޮސެކިއުޓަރ ކަރީމް ޚާން ވަނީ އަފްޣާނިސްތާނުގެ ޠާލިބާނު ސަރުކާރުގެ އިސް ދެ ވެރިއެއްގެ މައްޗަށް ހައްޔަރުކުރުމުގެ އަމުރެއް ނެރެދިނުމަށް އެދި ހުށަހަޅާފައެވެ. މިގޮތުން އަމުރު ނެރުމަށް އެދިފައިވަނީ ޠާލިބާނުގެ އެންމެ އިސްވެރިޔާ ހިބަތުއްލާ އަޚުންޒާދާ އާއި އަފްޣާނިސްތާނުގެ ސުޕްރީމް ކޯޓުގެ އިސްޤާޟީ އަބްދުލް ޙަކީމް ޙައްޤާނީގެ މައްޗަށެވެ.

މި ދެ ވެރިންގެ މައްޗަށް ތުހުމަތުކުރެވެނީ އަންހެނުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި ޢަމަލުތަކާއި، ޖިންސީ ތަފާތުކުރުންތަކުގެ ސަބަބުން އިންސާނިއްޔަތާ ދެކޮޅު ކުށްތަކެއް ކުރިކަމުގެ ތުހުމަތުގައެވެ. ޕްރޮސެކިއުޓަރ ކަރީމް ޚާން ވިދާޅުވި ގޮތުގައި، އަފްޣާނިސްތާނުގެ އަންހެނުންނާއި އަންހެން ކުދިންނަށް އަމާޒުކޮށް، އަދި އެލް.ޖީ.ބީ.ޓީ.ކިއު.އައި.އޭ+ ކޮމިއުނިޓީއާ ދެކޮޅަށް ހިންގާ ފާޅުކަން ބޮޑު އަނިޔާވެރި ޢަމަލުތަކަކީ މިހާތަނަށް ފެނިފައިނުވާ ފަދަ ބޮޑެތި އަނިޔާތަކެކެވެ.

2021 ވަނަ އަހަރު ޠާލިބާނުން އަލުން ވެރިކަމާ ހަވާލުވުމަށްފަހު، އަންހެނުންނަށް ވަޒީފާ އަދާކުރުމާއި، ގިނަ ޢާންމު ތަންތަނަށް ދިއުމާއި، 6 ވަނަ ގްރޭޑަށްވުރެ މަތީ ތަޢުލީމު ޙާޞިލުކުރުން ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން، ފާއިތުވި އަހަރު އަޚުންޒާދާ ވަނީ އަންހެނަކު އިށީނދެ ނުވަތަ ހުންނަ ތަނެއް ފެންނަ ގޮތަށް ކުޑަދޮރު ހުރުން މަނާކޮށް އަމުރެއް ނެރެފައެވެ.

އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުން ވަނީ އައި.ސީ.ސީ އިން މި އަޅާފައިވާ ފިޔަވަޅަށް މަރުޙަބާ ކިޔާފައެވެ. އަދި މިއީ އަފްޣާނިސްތާނުގެ އަންހެނުންނަށް ޢަދުލު އިންޞާފު ހޯދައިދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބުނެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު