މާލޭގެ އިމާރާތެއްގެ ފަސްވަނަ ފަންގިފިލާއިން ކުޑަކުއްޖަކު ވެއްޓެން އުޅެނިކޮށް ސަލާމަތްވި މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ޢާންމުވެއްޖެއެވެ.
މި ވީޑިއޯގައި ފެންނަނީ ހުޅުވިފައިވާ ކުޑަދޮރެއްގެ މަތިން ކުޑަކުއްޖަކު ނުރައްކާތެރި ގޮތެއްގައި ބޭރަށް ނިކުންނަން މަސައްކަތްކުރި މަންޒަރެވެ.
މަގުމަތީގައި އެއްވެ ތިބި މީހުން އެ ކުއްޖާއަށް އެތެރެއަށް ވަންނަން ގޮވާ އަޑު އިވޭއިރު، އެ ކުއްޖާ ކުޑަދޮރުން ބޭރަށް ފައި ބާލައިގެން އޮތް ތަން ފެނެއެވެ. ނަމަވެސް، ކުޑަ އިރުކޮޅަކަށްފަހު އެ ކުއްޖާ އެޕާޓްމަންޓް ތެރެއަށް ދަމައިގަނެވުނު މަންޒަރު ވީޑިއޯއިން ފެނެއެވެ.
މި ހާދިސާ ހިނގާފައިވަނީ މާލޭގެ ހެންވޭރު ބުރެވިމަގުގައި ހުންނަ އިމާރާތެއްގެ ފަސްވަނަ ފަންގިފިލާގައި ކަމަށް މަޢުލޫމާތު ލިބެއެވެ. މި ހާދިސާއާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ. އަދި އެ ކުއްޖާއަށް އެއްވެސް އަނިޔާއެއް ލިބުނުކަމުގެ މަޢުލޫމާތެއްވެސް ލިބިފައެއް ނުވެއެވެ.
މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، އުސް އިމާރާތްތަކުގައި ދިރިއުޅޭ ޢާއިލާތަކުން ކުޑަކުދިންގެ ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެކެވެ. މީގެ ތެރޭގައި ކުޑަދޮރުތައް ރަނގަޅަށް ތަޅުލުމާއި، ކުދިންނަށް ނުރައްކާވެދާނެ ކަންކަން ދެނެގަތުމާއި، އަދި އަބަދުވެސް ބޮޑުމީހެއްގެ ބެލުމުގެ ދަށުގައި ކުދިން ބޭތިއްބުން ހިމެނެއެވެ.