8 ފެބުރުވަރީ 2025
ފުލުހުންގެ މައި އިދާރާ، ފޮޓޯ: ފިޔަ

އިމާރާތެއްގެ މަތިން ކުޑަކުއްޖަކު ނިކުތުމަށް މަސައްކަތްކުރާ ވީޑިއޯ ދައުރު ނުކުރުމަށް ފުލުހުން އެދިއްޖެ

އިމާރާތެއްގެ 5ވަނަ ފަންގިފިލާއިން ކުޑަކުއްޖަކު ނިކުތުމަށް މަސައްކަތްކުރާ ވީޑިއޯ ދައުރު ނުކުރުމަށް ފުލުހުންގެ ޚިދުމަތުން އެދިވަޑައިގެންފިއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އިމާރާތެއްގެ 5 ވަނަ ފަންގިފިލާގެ ކުޑަދޮރަކުން ކުޑަ ކުއްޖަކު ނުކުތުމަށް މަސައްކަތްކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަކަމަށާއި، މިވީޑިއޯ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ.

ފުލުހުން ވަނީ މިފަދަ ވީޑިއޯތައް ދައުރު ކުރުމަކީ އެ ކުއްޖާއާއި ކުއްޖާގެ އާއިލާއަށް އާންމުންގެ ފާޑުކިޔުމާއި ނަފްސާނީ ގޮތުން އަނިޔާއަށް ހުށަހެޅިގެން ދާނެކަމެއްކަމަށެވެ. އަދި އާއިލާގެ އިތުރުން، މިވީޑިއޯ ފެންނަ ކޮންމެ މީހަކަށްވެސް ނަފްސާނީގޮތުން އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއްކަމަށާއި މިފަދަ މަންޒަރުތަކުގެ ސަބަބުން، ކުޑަކުދިން ނުވަތަ ނާޒުކު ހާލަތުގައިވާ ފަރާތްތަކަށް ކަމެއް މެދުވެރިވާ ސަބަބަކަށްވެ އެމީހުން ނުރައްކަލަކަށް ހުށަހެޅިދާނެކަމަށެވެ.

އަދި މިފަދަ ފޫޓޭޖްތައް ދައުރު ކުރުމަކީ، ސޯޝަލް މީޑިއާގައި ސަމާލުކަން ހޯދުމަށް މަސައްކަތްކުރާ ސަގާފަތެއް އާލާވެ، ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މުހިންމު ކަންކަމަށް ދެވޭ ސަމާލުކަން ކުޑަވެގެން ހިނގައިދާނެ ކަމެއްކަމަށްވެސް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.

މިފުޓޭޖްގެ ބަދަލުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަހައްމިއްޔަތުކަން ދީ، ކުޑަދޮރުތަކާއި ބެލްކަނިތައް ރައްކާތެރިކުރުމާއި، ކުޑަކުދިންނަށް އޮންނަ ނުރައްކާތަކާ ބެހޭގޮތުން ހޭލުންތެރިކުރުމާއި، އަދި މިފަދަ ވީޑިއޯތައް އިތުރަށް ދައުރުކުރުމުގެ ބަދަލުގައި އެ ޕްލެޓްފޯމްތަކުން ނެގުމަށް ރިޕޯޓުކުރުން ފަދަ ކަންކަމަށް އިސްކަންދިނުމަށް ފުލުހުންގެ ޚިދުމަތުންވަނީ ގޮވާލައްވާފައެވެ.

ފުލުހުންގެ ޚިދުމަތުންވަނީ މި ވީޑިއޯ ދައުކުރުން ހުއްޓާލައި މި ވީޑިއޯ ޝެއާކޮށްފައިވާނަމަ އެވީޑިއޯ ނަގާ، އެހެން މީހުންނަށްވެސް އެކަން ނުކުރުމަށް ބާރުއެޅުމަށް އިލްތިމާސްކުރައްވާފައެވެ.

މިހާދިސާއާ ގުޅިގެން އެއްވެސް ފަރާތެއްގެ ކަންބޮޑުވުމެއް ނުވަތަ މަޢުލޫމާތެއް ވާނަމަ، ދިވެހި ފުލުހުންގެ ޚިދުމަތުގެ 3322111 އަށް ގުޅުއްވާ ހިއްސާކުރެއްވުމަށްވެސްވަނީ އެދިވަޑައިގެންފައެވެ.

ފުލުހުން ވިދާޅުވީ މިހާދިސާއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުންދާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ފުލުހުން ދެންކީއްވެގެން މަސްތުވާ ތަކެތި ބޭނުންކުރާ މީހުންގެ ވާހަކަތައް ސޯސަލް މީޑިއާގަ ހާމަކުރަނީ މަސްތުގެ ހާލަތައް ކުދިން ދިރުމަށް މަގުފަހިވާނެކަމެއްކްމާއި އަދި ބޭނުންކުރުމަށް މަގުފަހިވާނެކަމެއްކަން ނޭގެނީހެއްޔެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު