8 ފެބުރުވަރީ 2025

މޫސުން ގޯސް، އަލިވާނީ ބުދަ ދުވަހު

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އަލިކުރާނެކަމަށް ލަފާކުރެވެނީ، އަންނަ ބުދަ ދުވަހުގެ ފަހުންކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، އަންނަ ބުދަ ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަކުރާނޭކަމަށާއި، މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި އާންމު ވައިވެސް ގަދަވާނޭކަމަށެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެކަމަށް ލަފާކުރެވޭކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.

ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެ ވިލާގަނޑުގައި އިތުރަށް ގަދަވުން އެކަށީގެންވާކަމަށާއި، ދެކުނުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން އަދި އެހެން ހިސާބުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 30 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

އާންމުގޮތެއްގައި ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގެ ކަނޑުތަކުގެ ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާ 5 ފޫޓާއި ދެމެދުގައިކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ. މިވޭތުވެދިޔަ 24 ގަޑިއިރުގައި ކުރި ވިއްސާރައަށް ބަލާއިރު އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ ބ. ގޮއިދޫއަށެވެ. އެއީ 43.4 މިލިމީޓަރުގެ ވާރޭއެވެ.

ރާއްޖެއަށް މިހާރު މި ކުރަމުންދާ ވިއްސާރައަކީ، ރާއްޖޭގެ އިރުމަތީ ސަރަހައްދުގައި އުފެދިފައިވާ ސާކިއުލޭޝަންއާއި އޭގެ ޓްރަފްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއްކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު