އިސްރާއީލު، ލުބުނާނުން ފޭބުމަށް ކުރިން ދީފައިވާ 60 ދުވަހުގެ މުއްދަތު އިތުރުކޮށްދިނުމަށް އެމެރިކާގެ ވައިޓް ހައުސްއިން ގޮވާލައިފިއެވެ. މިކަމަށް ގޮވައިލައްވާފައިވަނީ ވައިޓް ހައުސްގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ޕްރެސް ސެކްރެޓަރީ ބްރަޔަން ހިއުޒް ވިދާޅުވެފައެވެ.
ހިއުޒް ވިދާޅުވި ގޮތުގައި، ހިޒްބުއްލާއަށް ލުބުނާނުގެ ރައްޔިތުންނަށާއި އަވަށްޓެރި ޤައުމުތަކަށް ނުރައްކާވެދާނެ ފަދަ ގޮތަކަށް ޢަމަލުކުރުމުގެ ފުރުޞަތު ނުދިނުމަކީ ހުރިހާ ފަރާތްތަކެއްގެވެސް މަޤްޞަދެކެވެ. މި މަޤްޞަދު ޙާޞިލުކުރުމަށްޓަކައި ކުރު މުއްދަތަކަށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އިތުރުކުރުމަކީ ކޮންމެހެން ބޭނުންތެރިކަމެކެވެ.
އެމެރިކާއިން މިހާރު ވަނީ ސަރަޙައްދީ ބައިވެރިންނާއެކު 2024 ވަނަ އަހަރުގެ ނޮވެމްބަރު 27 ގައި ވެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އިތުރުކުރުމަށް މަސައްކަތްކުރަން ފަށައިފައެވެ. އަދި އިސްރާއީލުގެ ސިފައިން ދެކުނު ލުބުނާނުގެ މެދު ތެރޭގެ ސަރަޙައްދުތަކުން ފައިބާފައިވާތީ އެކަމަށް ވައިޓް ހައުސްއިން މަރުޙަބާ ކިޔައިފައިވެއެވެ.
އެހެންނަމަވެސް، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ހުކުރު ދުވަހު އިޢުލާނުކޮށްފައި ވަނީ، އިސްރާއީލުގެ ސިފައިން ދެކުނު ލުބުނާނުން އަނބުރާ ގެނައުމުގެ މަސައްކަތް 60 ދުވަހުގެ ތެރޭގައި ނިންމާނުލެވޭނެ ކަމަށެވެ. މިއީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ކަނޑައެޅިފައިވާ މުއްދަތެވެ.
ނަތަންޔާހޫގެ އޮފީހުން ބުނެފައިވަނީ އިސްރާއީލުގެ ސިފައިން އަނބުރާ ގެނައުމުގެ މަސައްކަތް ކުރިއަށްދާނީ ލުބުނާނުގެ ސިފައިން ދެކުނު ލުބުނާނުގައި ބައިތިއްބައި، އެއްބަސްވުން ފުރިހަމައަށް ތަންފީޒުކުރުމަށްޓަކައި، ހިޒްބުއްލާ ޖަމާޢަތް، ލިޓާނީ ކޯރުން އުތުރަށް ގެންދިއުމުން ކަމަށެވެ. އަދި ލުބުނާނުން މިހާތަނަށް އެ ޤައުމުގެ ޒިންމާ ފުރިހަމައަށް އަދާކޮށްފައިނުވާތީ، އިސްރާއީލުގެ ސިފައިން އަނބުރާ ގެނައުމުގެ މަސައްކަތް ކުރިއަށްދާނީ ހަރުފަތްތަކަކަށް ބަހާލައިގެން ކަމަށް ވެސް ނަތަންޔާހޫގެ އޮފީހުން ބުނެފައިވެއެވެ.