8 ފެބުރުވަރީ 2025
ސްޓެލްކޯގެ މެކޭނިކަލް ޓްރެއިނިންގ ސެންޓަރުގެ މަސައްކަތް ކުރިއަށް ދަނީ: ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯގެ މުވައްޒަފުން އަމިއްލައަށް ފަރުމާކޮށް އިމާރާތްކުރާ މެކޭނިކަލް ޓްރެއިނިންގ ސެންޓަރުގެ މަސައްކަތް ކުރިއަށް

ކ. ތުލުސްދޫގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އިމާރާތްކުރަމުންދާ މެކޭނިކަލް ޓްރެއިނިންގ ސެންޓަރަކީ އެ ކުންފުނީގެ މުވައްޒަފުން އަމިއްލައަށް ފަރުމާކޮށް އިމާރާތްކުރަމުންދާ މަޝްރޫޢުއެއްކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ފެށުނު މި މަޝްރޫޢުއަކީ ސްޓެލްކޯގެ މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން ދައްކުވައިދޭ މިސާލެކެވެ. ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވި ގޮތުގައި މި މަޝްރޫޢު ޙަޤީޤަތަކަށް ހެދުމަށް ކުންފުނީގެ މުވައްޒަފުން ދައްކަމުންދާ ހިތްވަރަކީ ތަޢުރީފު ޙައްޤު ކަމެކެވެ.

ފަހުމީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫޢުގެ ކޮންސެޕްޓް އެކުލަވާލުމުން ފެށިގެން އިމާރާތްކުރުމުގެ މަސައްކަތް ނިމެންދެން ހުރިހާ މަރުޙަލާއެއްގައިވެސް ސްޓެލްކޯގެ މުވައްޒަފުން ދަނީ ސީދާ ބައިވެރިވަމުންނެވެ. އަދި މި މަޝްރޫޢުގެ އިމާރާތުގެ ޑިޒައިންވެސް ފުރިހަމައަށް ކޮށްފައިވަނީ ސްޓެލްކޯގެ މުވައްޒަފުންކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މި ސެންޓަރުގެ މައިގަނޑު މަޤްޞަދަކީ މެކޭނިކަލް އިންޖިނިއަރިންގ ދާއިރާއިން ޒުވާނުން ތަމްރީނުކުރުމާއެކު، މިހާރު ސްޓެލްކޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ތަމްރީނު ދިނުމެވެ. މިއީ ސްޓެލްކޯގެ މުވައްޒަފުންގެ ތަމްރީނާއި ތަރައްޤީއަށް އެ ކުންފުނިން ދޭ އަހައްމިއްޔަތުކަން ހާމަވެގެންދާ މަޝްރޫޢުއެއްކަން ފާހަގަކޮށްލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު