ޕެސްޓިސައިޑަކީ ތަފާތު އެކި ކަހަލަ ފަނިފަކުސާއާއި ދިރޭ ސޫފާ ސޫފި މެރުމަށް ޚާއްޞަކުރެވޭ ވިހަ މާއްދާތައް އެކުލެވޭ އެއްޗެކެވެ. އެހެންކަމުން ޕެސްޓިސައިޑަކީ އިންސާނުންނަށާއި އެމާޙައުލެއްގައި އުޅޭ ޖަނަވާރާއި، ކަމާއި ނުގުލޭ އެހެން ޖަނަވާރުތަކަށްވެސް އޭގެ ނޭދެވޭ އަސަރު ފޯރާ އެއްޗެކެވެ. މި ސަބަބައްޓަކައި ޕެސްޓިސައިޑް ގެންގުޅޭއިރު ވީހާވެސް ފަރުވާތެރިކަމާއެކު އެތަކެތި ބޭނުންކުރުމަސް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ.
ތަފާތު ކެމިކަލް ޕެސްޓިސައިޑްތައް ބޭނުންކުރުމަކީ ގަސްތަކަށްޖެހޭ ބަލިތައް ކޮންޓްރޯލް ކުރުމަށްޓަކައި އަޅާ އެންމެ ފަހުގެ ފިޔަވަޅަށް ހައްދަވާށެވެ. އަދި ދަނޑުވެރިކަމުގައި ދިމާވާ ގަސްތަކަށްޖެހޭ ތަފާތު ބަލިތަކުން ރައްކާތެރިވުމަށް IPM( އިންޓަގްރޭޓަޑް ޕެސްޓް މެނޭޖްމަންޓް) ގެ އުޞޫލުތަކުގެ މަތިން އަމަލު ކުރުން މުހިންމެވެ. އެހެންނަމަވެސް ޕެސްޓިސައިޑެއް ބޭނުންކުރަން ޖެހިއްޖެ ހާލަކެއްގައި އަބަދުވެސް ތިރީގައިވާ ކަންކަމަށް ސަމާލުވެ ލައްވާށެވެ.
ބޭސް ޖެހުމުގެ ތައްޔާރީތައް
- ދިމާވެގެން އުޅެ މައްސަލައާއި ގުޅޭ އަދި ހައްދަމުން ގެންދާ ގަސްތަކަށް ޚާއްޞަކުރެވިގެން އުފައްދާފައިވާ ޕެސްޓިސައިޑެއްކަން ޔަޤީން ކުރުން
- ކިޔަން އެނގޭ ބަހަކުން ރަނގަޅަށް ލޭބަލްކޮށްފައިވާ ބޭހެއް ކަމުގައިވުން
- ލޭބަލްގައި ހިމަނާފައިވާ މައުލޫމާތުތައް ފަހުރުވާތެރިކަމާއިއެކު ކިޔުން
- ލޭބަލްގައި އުރުޝާދު ދީފައިވާ މިންގަނޑަށް ބޭސް އެއްކުރުމާއި ބޭސް ޖެހުމަށްފަހު މޭވާ ކެނޑުމާއި ދެމެދު ދޫކުރަންޖެހޭ މުއްދަތު ނެތްނަމަ ބޭސް ނުޖެހުން
- ޕެސްޓިސައިޑް މިނުމަށްޓަކައި ޚާއްޞަ އެއްޗެއް ބޭނުންކުރުން
- ފަރުވާތެރިކަމާއިއެކު މިނުމަށްފަހު އެވަގުތަކަށް ބޭނުންވާ މިންވަރަކަށް އެކަނި އެއްކުރުން
- ރަަނގަޅަށް ވައި ދައުރުވާ ފަދަތަނެއްަގއި ހުރެގެން ޕެސްޓިސައިޑް އެއްކުރުން
ބޭސްޖެހުމަށް ބޭނުންވާ ސާމާނު
- ބޭސް އެއްކުރާއިރު އަދި ބޭސްޖަހާއިރު އެކަށީގެންވާ ގޮތަށް ހެދުން އެޅުން(އާންމު ގޮތެއްގައި: ރަބަރު އަންގި، ބޫޓު، ނޭފަތާއި އަނގަމަތި ނިވާކުރާ މާސްކު، ލޮލުގައި އަޅާ ގޮގުލްސް، މުޅި ހަށިގަނޑު ނިވާވާފަދަ ރަބަރު ކޯޓެއް)
- ބޭސް ޖެހުމަށް ވަކިން ސްޕްރޭޔަރެއް ބޭނުން ކުރުން އަދި ސްޕްރޭޔަރުގެ ބޭރުގައި ފަސޭހައިން އެނގޭ ގޮތަށް ނިޝާނެއް ޖަހާފައި ބެހެއްޓުން.
- ސްޕްރޭޔަރ އަދި ނޮޒްލްގެ އެއްވެސް ތަނަކުން ލިކުވާނަމަ ބޭސް ޖަހަން ފެށުމުގެ ކުރިން އެމައްސަލައެއް ޚައްލުކުރުން
- ބޭސް ޖެހުމަށްފަހު ސްޕްރޭޔަރު އެއްކޮށް ހުސްކޮށް، ރީތި ފެނުން ރަނގަޅަށް ދޮވުމަށްފަހު ވައިޖެހޭތަނެއްގައި ބާއްވާ ރަނގަޅަށް ހިއްކާލުމަށް ފަހު ރައްކާކުރުން.
ދަނޑަށް ބޭސްޖެހުން
- މާބަނޑު މީހުންނާއި އެކި ބާވަތްތަކުގެ އެއްޗެއްސައް އެލާޖިކް ވާމީހުން ގަސްތަކަސް ބޭސް ޖަހައިގެން ނުވާނެއެވެ.
- ބޭސް ޖަހާ ވަގުތު ކެއުން، ބުއިން، ދުފުން އަދި ދުންފަތުގެ އިސްތިއުމާލު ކުރުން ފަދަ ކަންކަން ނުކުރުން
- މަގެއްގެ ކައިރީގައިވާ ދަނޑެއްނަމަ، އެ ވަގުތުން އެމަގުން ހިނގާބިނގާވާ ފަރާތްތަކަށް ދަނޑުގައި ބޭސްބޭނުންކުރާކަން އެނގޭފަދަ ނޯޓިސްއެއް ބެހެއްޓުން
- ވައިގަދަ ވިއްސާރަ ދުވަސްވަރު ބޭސް ނުޖެހުން
- ބޭސް ޖަހަމުންދާއިރު އަބަދުވެސް ވައިމަތީގައި ހުރެގެން ވައި ދަށަށް ވާގޮތަށް ސްޕްރޭކުރަމުން ގެންދިއުން
- ބޭސް ޖަހަމުންދާ ވަގުތު ހަންގަނޑަށާއި، އެހެނިހެން ގުނަވަނެއްގައި ބޭސް ޖެހުނަ ނުދިނުމަށް ސަމާލުވާންވާނެއެވެ. އެއްވެސް ގޮތަކުން އެއްވެސް މިންވަރަކަށް ހަށިގަނޑުގެ އެއްވެސް ހިސާބެއްގައި ބޭސް ޖެހިއްޖެނަމަ ވީހާވެސް އަވަހަކަށް ސައިބޯނި ލައިގެން ދޮވެ ސާފުކޮށްލަންވާނެއެވެ.
- ބޭސް ޖަހަމުން ދަނިކޮށް ނުވަތަ ބޭސްޖަހާ ނިމޭތަނުން ބޯއެނބުރުން، ހޮޑުލެވުން އަދި އެހެންވެސް ބައްޔެއްގެ ނިޝާނެއް ފެނިއްޖެނަމަ ވަގުތުން ޑޮކްޓަރަށް ދެއްކުން، ޑޮކްޓަރަށް ދައްކާއިރު، ޖަހަމުންގެންދިޔަ ބޭހުގެ ލޭބަލް ގެންދަވަންވާނެއެވެ.
- ބޭސްޖަހާ ނިމުމުން ރަނަގަޅަށް ސައިބޯނި ލައިގެން އަތްދޮވުން
- ބޭސް ހުސްކުރި ފުޅި ނުވަތަ ޕެކެޓް ދަނދުތެރެއަށް އެއްކާނުލާ ނައްތާލުން
ގުދަން ކުރުމާއި ނައްތާލުން
- ބޭސް ގަންނައިރު އެވަގުތައް ބޭނުންވާ މިންވަރަށްވުރެ އިތުރަށް ގަނެފައި ނުބެހެއްޓުން
- ކޮންމެހެން އިތުރަށް ގަންނަންޖެހޭ ހާލަތެއްގައި ކާއެއްޗެއްސާއި، ޖަނަވާރަށް ކާންދޭ އެއްޗިއްސާއި ވަކިން ކުޑަކުދިންނަށް ކައިރިނުވެވޭ ގޮތަށް ތަޅުލާފައި ހުންނަ ގުދަނެއްގައި ބޭސް ރައްކާކުރާށެވެ. މިގޮތަސް ރައްކާކުރާ ބޭހުގެ ލޭބަލްތައް ވަކިކޮސްގެން ނުވާނެއެވެ.
- ބޭސް ހުސްކުރާ ފުޅިއާއި ޕެކެޓް އެހެން އެއްވެސް އެއްޗެއް އެޅުމަސް ބޭނުން ކޮށްގެން ނުވާނެއެވެ.
- ޖޫސް ނުވަތަ އެއްވެސް އެހެންބާވަތެއްގެ ލޭބަލެއް ހުންނަ ފުޅިއަކަށް ބޭސް ނޭޅުން
- ގެރެންޓީ ހަމަވެފައިވާ ބޭށް ގުދަނުގައި ގިނަދުވަސް ވަންދެން ނުބަހައްޓާ، ހަމަޖެހިފައިވާ އުޞޫލެއްގެ މަތިން ނައްތާލަންވާނެއެވެ. ނައްތާލާއިރު ފަސްގަނޑަށް ނުވަތަ ފެންފަށަލައަށް ބޭހުގެ އަސަރު ކުރާ ގޮތަށް އަމަލުކޮސްގެން ނުވާނެއެވެ.