8 ފެބުރުވަރީ 2025

އޮނާނާގެ ފޯމް ދަށްވުމާއެކު، ޔުނައިޓެޑް އައު ގޯލްކީޕަރަކަށް އަމާޒު ހިފަނީ

މެންޗެސްޓަރ ޔުނައިޓެޑްގެ ގޯލްކީޕަރު އަންދްރޭ އޮނާނާގެ މައްޗަށް އައު ކޯޗު ރުބެން އަމޮރިމްގެ އިތުބާރު ގެއްލިފައިވާ ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓުކުރަން ފަށައިފިއެވެ.

2023 ވަނަ އަހަރު 47 މިލިއަން ޕައުންޑަށް ޔުނައިޓެޑަށް ބަދަލުވި ކެމަރޫންގެ ކީޕަރު، އިންޓަރ މިލާނާ ދެކޮޅަށް ފާހަގަކޮށްލެވޭ ޕަފޯމަންސްއެއް ދެއްކުމަށްފަހު، ވިދިވިދިގެން ކުޅުނު ތިން މެޗުގައި 9 ގޯލު ވަދެފައިވެއެވެ. މީގެ އިތުރުން، ގިނަ މެޗުތަކުގައި އޭނާގެ ފަރާތުން ކުށްތައް ފާހަގަކުރެވެމުންދެއެވެ.

އިނގިރޭސި މީޑިއާތަކުގެ ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުގައި، މި ސަބަބާހުރެ ކޯޗު އަމޮރިމް ކުރިއަށް އޮތް ސީޒަނަށް ނުވަތަ ޖެނުއަރީ ޓްރާންސްފަރ މާކެޓުގައި އައު ގޯލްކީޕަރެއް ހޯދުމަށް މަސައްކަތްކުރާނެއެވެ. ޔުނައިޓެޑްގެ މައިގަނޑު އަމާޒަކީ ބްރައިޓަންގެ 22 އަހަރުގެ ނެދަލޭންޑްސް ގައުމީ ގޯލްކީޕަރު ބާޓް ވާބްރަގަން ކަމަށްވާއިރު، އޭނާ ގަތުމަށް 30 މިލިއަން ޕައުންޑް ހޭދަކުރުމަށް ޔުނައިޓެޑް ތައްޔާރަށް ތިބިކަމަށް ބުނެވެއެވެ.

އިނގިރޭސި މީޑިއާތަކުން ފާހަގަކުރާ ގޮތުގައި، އޮނާނާގެ ފޯމް ދަށްވުމުގެ މައިގަނޑު އެއް ސަބަބަކީ އިނގިރޭސިވިލާތުގެ މާޙައުލަށް އަހުލުވެރިނުވުމެވެ. އަދި ފަހަކަށް އައިސް އޭނާގެ ފަރާތުން ގިނަ ކުށްތަކެއް ފެންނަން ފެށީ، އޭނާ ޔުނައިޓެޑަށް ގެނައި ކޯޗު އެރިކް ޓެންހަގް މިދިޔަ މަހު ވަކިކުރުމާ ގުޅިގެން ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. ނަމަވެސް، މީޑިއާތަކުން ބުނާ ގޮތުގައި އޭގެ ކުރިންވެސް އޮނާނާގެ ފަރާތުން ގިނަ ކުށްތަކެއް ފާހަގަކުރެވިފައިވެއެވެ.

ޔުނައިޓެޑްގެ ކުރީގެ ބައެއް ގޯލްކީޕަރުން ވެސް އޮނާނާއަށް އިނގިރޭސިވިލާތް ނޫން އެހެން ގައުމެއްގައި ކުޅުމަށް މީޑިއާ މެދުވެރިކޮށް ގޮވާލާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު