ބްރެޒިލްގެ ފުޓްބޯޅަ ތަރި ނޭމާ އާއި ސައުދީ ޕްރޯ ލީގުގެ އަލް ހިލާލް ކްލަބާ ދެމެދު ވެފައިވާ އެއްބަސްވުން ދެފަރާތުގެ އެއްބަސްވުމާއެކު އުވާލައިފިއެވެ.
2023، އޮގަސްޓް މަހު، 90 މިލިއަން ޔޫރޯގެ ޓްރާންސްފަރ ފީއަކަށް އަލް ހިލާލާ ގުޅުނު 32 އަހަރުގެ ނޭމާ، އެ ކްލަބާއެކު ވެފައިވަނީ އަހަރަކު 150 މިލިއަން ޔޫރޯގެ މުސާރައަށް 2 އަހަރު ދުވަހުގެ އެއްބަސްވުމެކެވެ. ނަމަވެސް، އަލް ހިލާލާ ގުޅުނު ފަހުން ނޭމާ ވަނީ އެކި ބާވަތުގެ އަނިޔާތަކާ ކުރިމަތިލާން ޖެހިފައެވެ. މި ސީޒަނުގައި އޭނާއަށް ކުޅެވިފައިވަނީ އެންމެ ދެ މެޗެވެ.
އަލް ހިލާލުން ނެރުނު ބަޔާނެއްގައި ނޭމާ އެ ކްލަބަށް ކޮށްދީފައިވާ ޚިދުމަތްތަކަށް ޝުކުރު އަދާކޮށްފައިވެއެވެ. ނޭމާގެ ކުރިއަށް އޮތް މުސްތަޤުބަލާ ގުޅޭގޮތުން މީޑިއާ ރިޕޯޓުތަކުން ދައްކާ ގޮތުގައި، އޭނާ އެނބުރި ދިއުން އެންމެ ގާތްވަނީ އޭނާގެ ޒުވާން އިރުގެ ކްލަބް ކަމަށްވާ ސަންޓޯސް އަށެވެ.
ނޭމާގެ ކެރިއަރަށް ބަލާއިރު، އޭނާ ވަނީ ސަންޓޯސް، ބާސެލޯނާ އަދި ޕެރިސް ސެއިންޓް-ޖަރމޭން (ޕީއެސްޖީ) ފަދަ ނަން މަޝްހޫރު ކްލަބުތަކަށް ކުޅެ، ގިނަ ލަނޑުތަކެއް ޖަހައި، އެތައް މުހިންމު މުބާރާތްތަކެއް ކާމިޔާބުކޮށްދީފައެވެ. އޭނާއަކީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ އަގުބޮޑު ޓްރާންސްފަރގެ ރެކޯޑު ގާއިމުކުރި ކުޅުންތެރިޔާވެސް މެއެވެ.