8 ފެބުރުވަރީ 2025

ނޭމާ އަނބުރާ ސަންޓޯސްއަށް؛ އެއްބަސްވުމަކަށް މަޝްވަރާ ފަށައިފި

ބްރެޒިލްގެ ނަމުދާރު ފުޓްބޯޅަ ކުޅުންތެރިޔާ ނޭމާ، އޭނާގެ ކެރިއަރު ފެށި ކުލަބު ސަންޓޯސްއަށް އަނބުރާ ގެނައުމަށް މަޝްވަރާތައް ފަށައިފިއެވެ. މި މަޝްވަރާތަކުގައި ކުރު މުއްދަތުގެ އެއްބަސްވުމަކަށް ވަރަށް އަވަހަށް ސޮއިކުރެވިދާނެ ކަމަށް ލަފާކުރެވެއެވެ.

32 އަހަރުގެ ނޭމާ ވަނީ ސައުދީ އަރަބިއްޔާގެ އަލް ހިލާލް އާއެކު ވެފައިވާ އަގުބޮޑު އެއްބަސްވުން އުވާލުމަށްފަހު އޭނާގެ މާދަރީ ޤައުމަށް އެނބުރި ދިޔައެވެ. އަލް ހިލާލްގައި ހޭދަކުރި މުއްދަތުގައި އަނިޔާގެ ސަބަބުން ނޭމާއަށް އެންމެ އެދެވޭ ގޮތުގައި ކުޅެވިފައެއް ނުވެއެވެ. 2023 ގެ އޮގަސްޓް މަހު 77.6 މިލިއަން ޕައުންޑަށް އަލް ހިލާލާ ގުޅުނު ނޭމާ، އެ ޓީމަށް ކުޅެދީފައިވަނީ އެންމެ 7 މެޗެވެ.

އެމެރިކާގެ ޝިކާގޯ ފަޔާ އާއި އިންޓަ މައިއާމީ ފަދަ ކުލަބުތަކުން ވެސް ނޭމާ ހޯދުމަށް މަސައްކަތްތަކެއް ކޮށްފައިވީ ނަމަވެސް، އޭނާ ވަނީ އެ ހުށަހެޅުންތައް ދޫކޮށްލާފައެވެ.

ނޭމާގެ ކުޅުންތެރިކަމުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ސަންޓޯސްގައި 225 މެޗު ކުޅެ 136 ގޯލު ޖަހާދީފައިވެއެވެ. އަދި ބާސެލޯނާގައި ހޭދަކުރި ހަތަރު ސީޒަނުގައި 186 މެޗު ކުޅެ، ސްޕެނިޝް ލީގު ދެފަހަރު އަދި ޗެމްޕިއަންސް ލީގާއި ކުލަބް ވޯލްޑްކަޕް ކާމިޔާބުކޮށްދީފައިވެއެވެ. މީގެއިތުރުން، ޕީއެސްޖީއާއެކު ފަސް ފަހަރު ލީގު ކާމިޔާބުކޮށްފައިވެއެވެ.

ނޭމާ އަކީ ބްރެޒިލްގެ ޤައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ގޯލު ޖަހާފައިވާ ކުޅުންތެރިޔާއެވެ. އެހެންނަމަވެސް، 2023 ގައި ކަކުލަށް ލިބުނު އަނިޔާއަށްފަހު ޤައުމީ ޓީމަށް އެއްވެސް މެޗެއް ކުޅެދީފައެއް ނުވެއެވެ.

ސަންޓޯސްއަށް އަނބުރާ ދިއުމަކީ ނޭމާގެ ކެރިއަރަށް އައު ފުރުޞަތެއް ކަމުގައި ބެލެވޭއިރު، މި ބަދަލާއެކު އޭނާގެ ކުޅުންތެރިކަމުގެ ފެންވަރު އިތުރަށް ރަނގަޅުވެ، ޤައުމީ ޓީމަށް ވެސް އަނބުރާ އައުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު