ބޮލީވުޑުގެ ގިނަ އަދަދެއްގެ ތަރިންނާއި އެކު ރާއްޖެ އިސްތިހާރުކުރުމުގެ ހަރަކާތެއް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީއިން ބާއްވައިފިއެވެ.
މިހަރަކާތާއި ގުޅޭ ގޮތުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީ ވިދާޅުވީ އިންޑިއާއަކީ އަބަދުވެސް ދިވެހިރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމަކަވާއިރު، އެޤައުމުގެ މަޝްހޫރު ފަރާތްތަކާއި އެކު ގުޅުން ބަދަހިކުރުން މުހިއްމު ކަމަށެވެ.
މިއީ އެޤައުމުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށްވެސް އެހީތެރިވެދޭނެ ކަމެއްގެގޮތުގައި ފާހަގަކުރައްވައި، ޝިއުރީ ވިދާޅުވީ މި ހަރަކާތުގެތެރެއިން އިންޑިއާ މީހުންގެ މެދުގައި ރާއްޖެއަށް އޮތް މަޤްބޫލުކަން ހާމަވެގެންދިޔަކަމަށެވެ. އަދި މި ބޮލީވުޑުގެ ފަންނާނުންނަށް ރާއްޖެއިން ލިބެން ހުރި ތަފާތު އެކި ބާވަތްތަކުގެ ތަޖުރިބާތަކުގެ މައުލޫމާތު މި ހަރަކާތުގެތެރެއިން ހިއްސާކޮށްފައިވާ ކަމަށް ޝިއުރީ ވިދާޅުވިއެވެ.
މުމްބާއީގެ ފޯ ސީޒަންސް ހޮޓެލްގައި 'މޯލްޑިވިއަން ނައިޓް’ގެ ނަމުގައި ބޭއްވި މި ހަރަކާތުގައި އިންޑިއާގެ ފިލްމީ ދާއިރާގެ 100 އަށް ވުރެ ގިނަ ފަންނާނުން ބައިވެރިވެފައިވެއެވެ. އެ ފަރާތްތަކުގެ ސޯޝަލް މީޑިއާ ޕްލެޓު ފޯމުތަކުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ހަރަކާތްތައްވެސް ކުރިއަށްދާނެ ކަމަށް އެމްއެމްޕީއާރުސީއިން ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީއިން ވިދާޅުވީ އިންޑިއާގައި ރާއްޖެ އިޝްތިހާރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މި އަަހަރުތެރޭގައި އެޤައުމުގެ މަޝްހޫރު އެތައް ފަންނާނުންނެއް ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށެވެ.
އެމްއެމްޕީއާރުސީއިން ވަނީ މިއަހަރުތެރޭ އިންޑިއާއިން ރާއްޖެއަށް 3 ލައްކަ ފަތުރުވެރިން ގެނައުމަށް އަމާޒު ހިފާފައެވެ. އަދި މި އަމާޒު ހާސިލްކުރުމަށް މިއަހަރުތެރޭ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ރާވާފައެވެ.