މެންޗެސްޓަރ ޔުނައިޓެޑްގެ ޑިފެންޑަރ ލިސާންޑްރޯ މާޓީނެޒް، ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުގައި ބޮޑު އިންޖަރީއަކާ ކުރިމަތިލާންޖެހި، 8 މަސްދުވަހަށް ކުޅުމުން ދުރުވާން ޖެހިދާނެކަމަށް ބެލެވެއެވެ. މި އިންޖަރީއަކީ އެންޓީރިއަރ ކްރޫޝިއޭޓް ލިގަމެންޓް (އޭސީއެލް) އިންޖަރީއެއްކަމަށް ވަނީ ދެނެގަނެވިފައެވެ.
އާދީއްތަ ދުވަހު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި މާޓީނެޒް ވަނީ ސްޓްރެޗަރެއްގައި ދަނޑުން ބޭރަށް ގެންދަންޖެހިފައެވެ. އެ ވަގުތު އޭނާ ވަނީ ވަރަށް ގަދައަށް ރޮއިފައެވެ. މި އިންޖަރީގެ ސަބަބުން މާޓީނެޒް ވަނީ ސަރޖަރީއެއް ހަދަންޖެހޭ ހާލަތަކަށް ގޮސްފައެވެ.
27 އަހަރުގެ މި އާޖެންޓީނާ ޑިފެންޑަރު މިއީ މެންޗެސްޓަރ ޔުނައިޓެޑާ ގުޅުނު ފަހުން ދިމާވި އެންމެ ބޮޑު އިންޖަރީއެވެ. މިދިޔަ ސީޒަންގައިވެސް އޭނާއަށް ވަނީ އެކި އިންޖަެކި އިންޖަރީތަކާ ކުރިމަތިލާންޖެހި، 14 މެޗުގައި އެކަނި ބައިވެރިވެފައެވެ.
މާޓީނެޒްގެ މި އިންޖަރީއަކީ މެންޗެސްޓަރ ޔުނައިޓެޑަށް ލިބުނު ވަރަށް ބޮޑު ގެއްލުމެކެވެ. މިހާރު ޕްރިމިއަރ ލީގުގެ 13 ވަނަ ހިސާބުގައި އޮތް ޔުނައިޓެޑް، 4 ވަނަ ހިސާބުގައި އޮތް މެންޗެސްޓަރ ސިޓީއާ ދެމެދު 12 ޕޮއިންޓުގެ ތަފާތެއް އެބައޮތެވެ. އަދި ރެލިގޭޝަން ޒޯނާ ދެމެދުވެސް 12 ޕޮއިންޓުގެ ތަފާތެއް އެބައޮތެވެ.
މާޓީނެޒް ސަރޖަރީއަށް ތައްޔާރުވަމުންދާއިރު، ޔުނައިޓެޑް ދަނީ ހުކުރު ދުވަހު އެފްއޭ ކަޕްގައި ލެސްޓަރއާ ދެކޮޅަށް ކުޅެން ތައްޔާރުވަމުންނެވެ. އޭގެ ފަހުން 16 ފެބްރުއަރީގައި ޓޮޓެންހަމްއާ ދެކޮޅަށް ކުޅޭނެއެވެ.