8 ފެބުރުވަރީ 2025

އެފްއޭއެމްގެ ވަގުތީ ޖެނެރަލް ސެކްރެޓަރީއަކަށް ޝުޖާއު

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ވަގުތީ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް މުހައްމަދު ޝުޖާއު އައްޔަނުކޮށްފިއެވެ.

ދައުލަތުގެ މީޑިޔާ ޕީއެސްއެމް ސްޕޯޓްސްއަށް މައުލޫމާތުދެއްވަމުން އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ރައީސް އަޙްމަދު ޒުހޫރު ވިދާޅުވީ ޝުޖާއު އެ މަގާމަށް ހަމަޖެއްސީ އިއްޔެގެ ވަގުތެއްގައި ކަމަށާއި އެ މަގާމަށް އެހެން ޖެނެރަލް ސެކްރެޓަރީއެއް އައްޔަނުކުރެވެން ދެން އެ ޒިންމާ އަދާކުރާނީ ޝުޖާއު ކަމަށެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ހުސްވީ އެ މަގާމުގައި ހުރި ނާހިލް އަހްމަދު ސިއްދީގު މިދިޔަ އަންގާރަ ދުވަހު އަމިއްލައަށް އިސްތިއުފާދިނުމުންނެވެ. އެއަށްފަހު ޝުޖާއު މަގާމަށް އައްޔަނުކުރުމާއި ހަމަޔަށް މަގާމު އަދާކުރީ އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރު އިސްމާއިލް ސިމަން އެވެ.

ޝުޖާއު ވަނީ ސަރުކާރު ކުންފުނިތަކުގެ އެކި އިސް މަގާމުތައް މީގެކުރިން ފުރުއްވާފައެވެ. އެންމެ ފަހުން އަދާކުރެއްވީ އައްޑޫ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމެވެ.

ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާގެ ހިންގުން ބޮއްސުންލުމާއި ގުޅިގެން ފީފާއިން އެ އިދާރާ ނޯމަލައިޒޭޝަން ހާލަތަކަށް ގެނައީ މިދިޔަ އަހަރު އެވެ.

އެ އިދާރާގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ތުހުމަތުކުރެވޭ ގިނަ މައްސަލަކެއް ފެންމަތިވެ، ގިނަ މައްސަލަތަކެއް މިހާރު ކްރިމިނަލް ކޯޓުގައި ދަނީ ކުރިޔަށެވެ.

ފީފާގެ އެންގުމުގެ މަތިން އައްޔަނުކުރި ނޯމަލައިޒޭޝަން ކޮމިޓީން އެފްއޭއެމްގެ އިންތިހާބު އެންމެ ލަސްވެގެން ވެސް 31 ޖުލައި 2025ގެ ކުރިން ބާއްވަން ޖެހޭނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު