8 ފެބުރުވަރީ 2025
ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތް، ފައިލް ފޮޓޯ

ލޯނު ދެއްކުމަށް ކުރި ހޭދައާއެކު ތިން ހަފުތާގެ ޚަރަދު 1.4 ބިލިއަނަށް

ލޯނުތައް ދެއްކުމަށް ކުރި ހޭދައާއެކު މި އަހަރުގެ ފުރަތަމަ ތިން ހަފުތާގައި ދައުލަތުން 1.4 ބިލިއަން ރުފިޔާ ޚަރަދުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިޒްކަލް ޑިވެލޮޕްމަންޓް ރިޕޯޓް ދައްކާ ގޮތުން މިއީ މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ހޭދަކުރި މިންވަރެވެ.

ލޯނަށް ކުރި ހޭދައާއެކު މިދިޔަ އަހަރުގެ މި މުއްދަތުގައި ޖުމްލަ ޚަރަދު ހުރީ 1.6 ބިލިއަން ރުފިޔާގައެވެ.

ލޯނުތައް ދެއްކުމަށް މި އަހަރު 345 މިލިއަން ރުފިޔާ އަދި ލެންޑިންގްގެ ގޮތުގައި 212 މިލިއަން ރުފިޔާ ދީފައިވެއެވެ.

ދައުލަތުން މި އަހަރު ކުރި ހޭދައިގެ ތެރެއިން 843 މިލިއަން ރުފިޔާއަކީ ރިކަރަންޓް ހަރަދެވެ. ރިކަރަންޓް ހަރަދަށް މިދިޔަ އަހަރުގެ މި މުއްދަތުގައި އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރިއެވެ. މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް އަދި ޕެންޝަނަށް މި އަހަރު 152.7 މިލިއަން ރުފިޔާ ހަރަދުކުރިއިރު އިދާރީ އަދި ހިންގުމުގެ ހަރަދަށް 690.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް އަދި ޕެންޝަނަށް މިދިޔަ އަހަރުގެ މި މުއްދަތުގައި 9.2 މިލިއަން ރުފިޔާ ހޭދަކުރިއިރު އިދާރީ އަދި ހިންގުމުގެ ހަރަދު ހުރީ އެއް ބިލިއަން ރުފިޔާއަށްވުރެ މަތީގަ އެވެ.

މި އަހަރުގެ މި މުއްދަތުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނީ 1.3 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބުނު 1.5 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 15.5 ޕަސެންޓް ދަށް އަދަދެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު