ހަމާސްއާއި އިސްރާއީލް ދެމެދު ހަނގުރާމަ ހުއްޓުވުމުގެ ދެވަނަ ފިޔަވަހީގެ މަޝްވަރާތައް ފެށިއްޖެއެވެ.
ހަމާސްގެ ތަރުޖަމާނު އަބްދުއްލަޠީފް އަލް-ޤާނޫ ވަނީ، އިސްރާއީލާއި ހަމާސްއާ ދެމެދު ހިނގަމުންދިޔަ ހަނގުރާމަ ހުއްޓުވުމަށް ވެވުނު އެއްބަސްވުމުގެ ދެވަނަ ފިޔަވަހީގެ މަޝްވަރާތައް ފެށިފައިވާކަމަށް އިއުލާނުކޮށްފައެވެ.
15 މަސްދުވަހުގެ ހަނގުރާމައަކަށްފަހު މިދިޔަ ޖަނަވަރީ 19 ވަނަ ދުވަހު ތަންފީޒުކުރަން ފެށުނު އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގައި ހިމެނެނީ ހަނގުރާމަ ހުއްޓުވުމާއި، ހަމާސްގެ ބެލުމުގެ ދަށުގައި ތިބި ބައެއް އިސްރާއީލީން ދޫކޮށްލުމާއި، އަދި ބައެއް ފަލަސްޠީނު އަސީރުން މިނިވަންކުރުމެވެ.
މި އެއްބަސްވުމުގެ ދެވަނަ ފިޔަވަހީގައި އަމާޒުކުރެވިފައިވަނީ ބާކީ ތިބި އަސީރުން ދޫކޮށްލުމާއި، ޣައްޒާއިން އިސްރާއީލީ ސިފައިން އަނބުރާ ގެންދިއުމާ ގުޅޭ ގޮތުން އެއްބަސްވުމަކަށް އާދެވޭތޯ މަސައްކަތްކުރުމަށެވެ.
އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫގެ އޮފީހުން މިއަދު ބުނެފައިވަނީ، މި އެއްބަސްވުން ތަންފީޒުކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ޤަޠަރުގެ ވެރިރަށް ދޯހާއަށް އިސްރާއީލްގެ އިސް ވަފުދެއް ފޮނުވުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
މީގެ އިތުރުން، ނެތަންޔާހޫ މިއަދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު، މި ބައްދަލުވުމުގައި ހަނގުރާމަ ހުއްޓުވުމުގެ އެއްބަސްވުމާއި ސައޫދީ އަރަބިއްޔާއާއެކު ގުޅުން ބަދަހި ކުރުމުގެ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރެވޭނެ ކަމަށް ލަފާކުރެވެއެވެ.