މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓު މެދުވެރިކޮށް ޗައިނާއަށް ކަނޑުމަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރުމުގެ ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާތަކެއް ކުރިއަށްގެންގޮސްފިއެވެ.
މި މަޝްވަރާތަކުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއާއި، މިފްކޯ، އެމްއެސްއެސް، މޯލްޑިވިއަން އަދި މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ވިޔަފާރިތައް ބައިވެރިވެފައިވެއެވެ.
މަސްވެރިކަމާބެހޭ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ މަސްވެރިކަމުގެ ދާއިރާއިން އެކްސްޕޯޓްކުރުމުގެ ފުރުޞަތުތައް ފުޅާކުރުމެވެ. މޯލްޑިވިއަންގެ ސީދާ ދަތުރުތައް ޗައިނާއަށް ފެށިފައިވުމާއެކު، މި ދަތުރުތަކުގައި މަހުގެ ބާވަތްތައް އެކްސްޕޯޓްކުރެވުމުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެ، މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަންފާވެސް އިތުރުވެގެންދާނެއެވެ.
މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓުގެ ކޮންމެ ދަތުރެއްގައި އެއަރ ކާގޯގެ ގޮތުގައި 10 ޓަނުގެ މުދާ އުފުލޭނެކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ. މި ދަތުރުތަކަކީ ރާއްޖޭގެ ވިޔަފާރިތަކަށްވެސް އިތުރު މަންފާތަކެއް ލިބިގެންދާނެ ދަތުރުތަކެއްކަމަށް މޯލްޑިވިއަނުން ފާހަގަކޮށްފައިވެއެވެ. މުދާ އުފުލަން ފެށުމާއެކު، ރާއްޖޭގެ ވިޔަފާރިތަކަށް މުދާ އެތެރެކުރުމަށާއި ޗައިނާގެ މާކެޓަށް ރާއްޖޭގެ މުދާ ގެންދިއުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެއެވެ.
މިހާރު މޯލްޑިވިއަނުން ޗައިނާގެ ތިން މަންޒިލަކަށް ސީދާ ދަތުރުތައް ކުރަމުންދާއިރު، އިތުރު ބޯޓެއް މިއަހަރުގެ އޮކްޓޫބަރު މަހު ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވެއެވެ. އަދި ދަތުރުތައް އިތުރު މަންޒިލްތަކަށް ފުޅާކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް މޯލްޑިވިއަންއިން މަޢުލޫމާތު ދެއްވާފައިވެއެވެ.