އެއްގަމާއި ކަނޑު އުޅަނދުތަކުގެ އަހަރީ ފީއާއި ޖޫރިމަނާ ނުދައްކާ 58 ފަރާތަކުން މަހުން މަހަށް ބަހާލައިގެން އެ ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމަށް އެދިފައިވާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މި އިންތިޒާމް ސަރުކާރުން ހަމަަޖައްސަވާފައި ވަނީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ގެޒެޓްކުރައްވާފައިވާ އެއްގަމު އުޅަނދާއި ކަނޑު އުޅަނދުފަހަރާ ގުޅޭގޮތުން ދައްކަންޖެހޭ އަހަރީފީއާއި ޖޫރިމަނާގެ ފައިސާ ބަހައިލައިގެން ދެއްކުމުގެ ގަވާއިދުގެ ދަށުންނެވެ.
އެއްގަމާއި ކަނޑު އުޅަނދުތަކުގެ އަހަރީ ފީއާއި ޖޫރިމަނާ ބަހާލައިގެން ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދެއްވުމަށްޓަކައި އެ ފުރުޞަތު ސަރުކާރުން ހުޅުވާލެއްވީ މިދިޔަމަހުގެ 15 ވަނަ ދުވަހުއެވެ.
މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ވިދާޅުވީ ސަރުކާރުން ހުޅުވާލި ފުރުސަތުގައި އެއްގަމާއި ކަނޑު އުޅަނދުތަކުގެ އަހަރީ ފީއާއި ޖޫރިމަނާ ނުދައްކާ 58 ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާފައިވާކަމަށެވެ. އަދި އޭގެތެރެއިން 20 ފަރާތަކަށް، ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް ބަހާލައިގެން ފައިސާ ދެއްކޭނެ އިންތިޒާމްތައް ހަމަޖައްސައިދެއްވާފައިވާކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
މި އެއްބަސްވުމުގައި އިންސްޓޯލްމަންޓްގެ ގޮތުގައި ކޮންމެ މަހަކު ދައްކަން ޖެހޭ ފައިސާގެ އަދަދު ކަނޑައަޅަނީ ކޮމިޓްމަންޓް ފީގެ ގޮތުގައި ދެއްކި އަދަދުން އެ ބައި އުނި ކުރުމަށް ފަހުއެވެ.
މީގެ އިތުރުން އެއްބަސްވުމުގައި ސޮއިކުރާތާ 30 ދުވަސް ތެރޭ ފައިސާ ނުދައްކައިފިނަމަ، އެއްބަސްވުން ބާތިލް ކުރުމުގެ އިހްތިޔާރުވެސް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއަށް ލިބެއެވެ.