ރޭގަނޑުގެ އަނދިރިކަމުގެ ހަމަ ހިމޭންކަން ފިލުވާލަމުން، ފަތިހުގެ ފުރަތަމަ އަލިކަން އުދަރެހުގައި ފެތުރެމުންދިޔައެވެ. މި ވަގުތަކީ ގިނަ މީހުން ނިދީގެ ފޯރިގައި ތިބޭ ވަގުތެވެ. އެހެނަސް، މި ވަގުތު ޢަލީގެ ލޯ ހުޅުވުނެވެ. އޭނާގެ ފޯނުން މަޑުމަޑުން އިވޭ އަޑު އޭނާއަށް އަންގައިދެނީ ފަތިސް ނަމާދުގެ ވަގުތު ޖެހިއްޖެކަމެވެ. އެވަގުތު ނިދަން ނޯވެ އަލީ ތެދުވީ ސަބަބެއް ނެތިއެއް ނޫނެވެ. އެހެނީ އެއީ ކާމިޔާބު ލިބިގެންވާ ބައެއްކަމާއި، އެބަޔެއްގެ މޫނުތައް އަލިވެގެންވާ ބައެއްކަމާއި، އަދި އެމީހުންގެ ނިތްކުރިތަކުގެ ވިދުން ގަދަ ވެގެންވާ ބައެއްކަމާއި، އަދި އެއީ އެމީހުންގެ ވަގުތު ތަކުގައި ބަރަކާތް ލެއްވިގެންވާ ބައެއްކަން އަލީއަށް އެނގިފައިވެއެވެ. އެހެންވެ، އެބައިމީހުންގެ ތެރެއިންވާ މީހަކަށް މާތް ﷲ ދެއްވާ އެމަތިވެރި ނިޢުމަތަށް، ﷲއަށް ޙަމްދު ކުރުމުގެ ގޮތުން އަލީ އަށް ނިދަން އޮންނަން އުނދަގޫ ވީއެވެ.
ޢަލީއަކީ އުމުރުން 25 އަހަރުގެ ޒުވާނެކެވެ. ކުރިން ޢަލީ އުޅުނީ ވަރަށް ތަފާތު ގޮތަކަށެވެ. ރޭގަނޑު ދަންވަންދެން ރައްޓެހިންނާއެކު އުފަލާ މަޖަލުގައި އުޅެ، މުޅި ދުވާލު އެއްކޮށް ނިދާފައި، މެންދުރު ނަމާދަށް ކިރިޔާ ތެދުވާ ގޮތަށެވެ. އެކަމަކު މިއަދު އޭނާގެ ދިރިއުޅުން ވަނީ މުޅިން ބަދަލުވެފައެވެ.
ޢަލީ ފަތިހުގެ އެ އަރާމު ތަންމަތިން ތެދުވެ، ވުޟޫކޮށް، ހެދުން އަޅައި، މިސްކިތަށް ދިއުމަށް ނިކުތެވެ. މަގުމަތީގައި ހިނގަމުން ދަނިކޮށް، އޭނާގެ ހިތަށް އެރއެވެ. އަހަރެންގެ ދިރިއުޅުން މިހާ ބޮޑަށް ބަދަލުވެގެން ދިޔައީ ކީއްވެބާއެވެ؟ އެހިނދު ހަނދާނަށް އައީ އެއް ދުވަހެއްގެ ރޭގަނޑު، އޭނާގެ ބައްޕަ އޭނާއަށް ދިން ނަސޭހަތެވެ. "ދަރިފުޅާ، ފަތިސް ނަމާދަކީ ހުރިހާ އަޅުކަމެއްގެ ފެށުމެވެ. އަދި އެއީ މުޅި ދުވަހުގެ ފެށުމުގައި ﷲ އާ ބައްދަލުވާ ބައްދަލުވުމެކެވެ. ރަސޫލު ﷺ ޙަދީޘް ކުރައްވާފައިވެއެވެ. "ފަތިސް ނަމާދު ޖަމާޢަތުގައި ކުރާ މީހާ، މުޅި ރޭގަނޑު ނަމާދުކުރި ފަދައެވެ" އަދި އެހެން ހަދީޘެއްގައި ވެއެވެ. "ފަތިސް ނަމާދުގެ އިހު ސުންނަތަކީ ދުނިޔެ އާއި ދުނިޔޭގައި ވާހާ އެއްޗަކަށްވުރެ ހެޔޮކަން ބޮޑު އެއްޗެކެވެ." ބައްޕަގެ މިނަސޭހަތުގެ ބަސްފުޅުތަކުން ޢަލީގެ ހިތަށް ވަރަށް ބޮޑަށް އަސަރު ކުރިއެވެ. އެވަގުތުން ފެށިގެން އަލީ ނިންމީ ފަތިސް ނަމާދަށް ތެދުވާން މަސައްކަތް ކުރާށެވެ. މިގޮތުން ފުރަތަމަ ދުވަސްކޮޅުގައި ވަރަށް އުނދަގޫވިއެވެ. އެކަމަކު ދުވަސްތައް ވޭތުވެ ދިޔަވަރަކަށް، އޭނާއަށް ފަތިހު ހޭލެވުމުގައި ފަސޭހަވަމުން ދިޔައެވެ.
ޢަލީ މިސްކިތަށް ވަދެ، ފަތިސް ނަމާދުގެ އިހު ސުންނަތްކޮށް އިމާމުމީހާ ގަމަތް ދިނުމުން ސަފުގައި ތެދުވެ، ނަމާދުކުރަން ފެށުނެވެ. ޢަލީގެ ހިތުގައި ހަމަޖެހުމާއި އުފާވެރިކަން ފުރިގެން ދިޔައެވެ. ނަމާދަށްފަހު، މިސްކިތު އިމާމްމީހާ ނަސޭހަތް ދެމުން ވިދާޅުވި ބަސްފުޅެއް ޢަލީގެ ކަންފަތުގައި ޖެހުނެވެ. "ފަތިސް ނަމާދަށްފަހު ޤުރުއާން ކިޔެވުމަކީ ރިޒުޤު އިތުރުވުމުގެ ސަބަބެކެވެ." އަދި ހަމަ އެހެންމެ، ފަތިސް ނަމާދުގެ މާތް ކަމާމެދު އިމާމު މީހާ އިތުރަށް ނަސޭހަތް ދެމުން ދިޔައެވެ. " ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘެއްގެ މާނައިގައި ވެއެވެ. "ތިޔަބައިމީހުންކުރެ މީހަކު ނިދާހިނދު އޭނާގެ ކަނދުރާގައި ޝައިޠާނާ ތިން ގޮށްޖަހައެވެ. (ދެން އޭނާ ބުނާނެއެވެ.) ތިބާގެ މައްޗަށް ދިގު ރެއެއް ވެއެވެ. ފަހެ ނިދާށެވެ. ފަހެ އޭނާ ހޭލައި ﷲ އަށް ޛިކުރު ކޮށްފިނަމަ (އެބަހީ ނިދިން ހޭލާ ކިޔަން ވާރިދުވެފައިވާ ދުޢާ ކިޔައިފިނަމަ) އެއް ގޮށް މޮހިގެންދެއެވެ. ދެން އޭނާ ވުޟޫ ކޮށްފިނަމަ އަނެއް ގޮށް މޮހިގެން ދެއެވެ. ދެން އޭނާ ނަމާދު ކޮށްފިނަމަ ތިންވަނަ ގޮށް މޮހިގެން ދެއެވެ. ފަހެ އޭނާ ހެނދުނުކުރާހުށީ މުރާލި ހީވާގި މީހެއްގެ ގޮތުގައެވެ. އެހެން ނޫނީ އޭނާ ހެނދުނުކުރާހުށީ ހިތް ނުތަނަވަސް ކަންނެތް މީހެއްގެ ގޮތުގައެވެ."
އިމާމު މީހާގެ މިނަސޭހަތްތައް އަޑު އެހުމަށްފަހު ހެނދުނުގެ ޒިކުރުތަކާއި އަދި ޤުރްއާން ކިޔަވާލަން މިސްކިތުގައި މަޑުކޮށްލުމަށްފަހު މިސްކިތުން ނުކުމެ، ޢަލީ މަސައްކަތަށް ދިޔައެވެ. އޭނާގެ ހިތުގައި އޮތީ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ. އޭނާގެ މަސައްކަތުގެ ފެންވަރު ރަނގަޅުވެ، އާމްދަނީވެސް އިތުރުވެގެން ދިޔައެވެ. ޢަލީގެ ދިރިއުޅުމަށް އައި ހެޔޮ ބަދަލު ފެނި، އޭނާގެ ރައްޓެހިންވެސް ފަތިސް ނަމާދަށް ތެދުވާން ފެށިއެވެ. އެހެނީ ރަސޫލާގެ ޙަދީޘެއްގައި ވާފަދައިން "ފަތިސް ނަމާދަކީ ދުވަހުގެ ބަރަކާތެވެ. އެ ނަމާދަށް ރައްކާތެރިވެއްޖެ މީހަކަށް، އޭނާގެ މުޅި ދުވަހުގައި ބަރަކާތް ލެއްވިގެންދާނެއެވެ."
ޢަލީގެ ދިރިއުޅުމަށް މިއައި ބަދަލު ފެނި، އޭނާގެ މައިންބަފައިން ނުހަނު އުފާވިއެވެ. އެމީހުންގެ ދުޢާ ޤަބޫލުވެގެން ދިޔަކަމަށްޓަކައި ﷲ އަށް ޝުކުރުވެރިވިއެވެ. އަދި ޢަލީގެ ބައްޕަ އެއްދުވަހަކު ޢަލީއާއި ވާހަކަދައްކަމުން ބުންޏެވެ. "ދަރިފުޅާ، ތިޔަ ދައްކަނީ ވަރަށް ރިވެތި ނަމޫނާއެކެވެ. ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވަނީ "ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮވެގެންވާ މީހަކީ، އޭނާގެ އަޚްލާޤު އެންމެ ރިވެތި މީހާކަމުގައެވެ." ޢަލީ އޭނާގެ ބައްޕަގެ ނަސޭހަތްތަކަށް ޝުކުރުވެރިވިއެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައިރު، ޢަލީގެ ދިރިއުޅުމުގެ ކޮންމެ ދާއިރާއަކަށް ހެޔޮ ބަދަލު އައެވެ. އޭނާގެ މަސައްކަތުގެ ފެންވަރު ރަނގަޅުވެ، ވަޒީފާގައިވެސް ކުރިއެރުން ލިބުނެވެ. އަދި އޭނާގެ އަޚްލާޤު ރިވެތިވުމާއެކު، އާއިލާއާއި ރައްޓެހިންގެ ލޯބި އިތުރަށް ލިބިގެންދިޔައެވެ.
އެއް ދުވަހަކު ހަވީރުގެ ހިތްގައިމު ވަގުތެވެ. ޢަލީ އިނީ ގޮނޑުދޮށުގައި އޮއްސެމުން ދިޔަ އިރުގެ ރީތި މަންޒަރު ބަލާށެވެ. އުދަރެހުގައި ރަތްވިލާތައް ފެތުރިފައިވާ ފުރިހަމަ އިލާހީ އަޖައިބުން ފުރިގެންވާ މަންޒަރުތަކަށް ބަލާށެވެ. އެމަންޒަރުތަކާމެދު ވިސްނަމުން އަލީގެ ހިޔާލުއަސް ދުއްވާގަތީ ޢަލީގެ ދިރިއުޅުމަށް އައި ބަދަލުތަކާ މެދުގައެވެ. ހިތަށްއެރީއެވެ. މި ހުރިހާ ބަދަލުތަކެއްގެ ފެށުމަކީ ޔަގީނުންވެސް ފަތިސް ނަމާދަށް ތެދުވުމަށް ނިންމި ނިންމުން ކަމަށެވެ.
އަދި ޢަލީގެ ހިތުގައި އުފެދުނު ޝުކުރުވެރިކަމުގެ އިޙްސާސްތަކާއެކު، ދެއަތް އުފުލާ ﷲ ދުޢާކުރަން ފެށިއެވެ. "އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަޅުގަނޑުގެ ދިރިއުޅުމަށް މިފަދަ ހެޔޮ ބަދަލެއް ގެނެސްދެއްވި ކަމަށްޓަކައި ﷲ ޝުކުރު ދަންނަވަމެވެ. އަދި އަޅުގަނޑަށް ތެދުމަގު ދައްކަވައި، ސީދާވެގެންވާ މަގުގައި ސާބިތުވެ ހުރުމުގެ ހެޔޮ ތައުފީޤު ދެއްވާނދޭވެ!"
އިރުއޮއްސި، މަޣްރިބު ނަމާދުގެ ބަންގި ގޮވުމާއެކު ޢަލީ ނަމާދުކޮށްގެން ޢަލީ ގެއަށް އައެވެ. އަދި ގޭގައި ކުޑަކޮށް ޤުރްއާން ކިޔަވާލުމަށްފަހު ޢިޝާ ނަމާދަށް ގޮވުމުން ޢިޝާ ނަމާދުކޮށްގެން ގެއަށް އައިސް ކައިގެން، މާދަމާގެ ފަތިސް ނަމާދަށް ތެދުވުމަށްޓަކައި، އަވަހަށް ނިދަން އޮށޯވިއެވެ. އޭނާގެ ހިތުގައި އޮތީ އުއްމީދާއި ޝުކުރުވެރިކަމެވެ. ކޮންމެ ފަތިހަކީ އާ ފެށުމެއްކަން އޭނާއަށް އެނގުނެވެ. އަދި ކޮންމެ ފަތިސް ނަމާދަކީ އަޅުކަމުގެ އާ ފެށުމެއްކަންވެސް ދަސްވިއެވެ. އަދި އެއީ ކޮންމެ ދުވަހެއްގެ ކާމިޔާބު ކަމާއެކު ފެށުމުގެ ތަޅުދަނޑިކަން ޢަލީ ދެނެގަތެވެ.
މިގޮތަށް ޢަލީގެ ދިރިއުޅުން ކުރިއަށް ދިޔައެވެ. ފަތިސް ނަމާދުގެ ބަރަކާތުން އޭނާގެ ދުނިޔެއާއި އާޚިރަތް އާރާސްތުވަމުން ދިޔައެވެ. އޭނާގެ ހަޔާތަކީ އެހެން ޒުވާނުންނަށް ނަމޫނާއަކަށް ވެގެން ދިޔައެވެ. އަދި ގިނަ ބަޔަކު ހެޔޮމަގަށް އައުމުގެ ސަބަބަކަށްވެސް ވެގެން ދިޔައެވެ.
– ނިމުނީ –