ސަރުކާރުން ތަޢާރަފުކުރަން ނިންމާފައިވާ ޓެކްސީ ލައިން މަޝްރޫޢުއާ ދެކޮޅަށް ޓެކްސީ ޑްރައިވަރުންނާއި އާންމުން އެއްބައިވުމަށް ގޮވާލި ގޮވާލުމަށް 60 އިންސައްތައަށްވުރެ ގިނަ މީހުން ތާއީދު ނުކުރާކަން ފާހަގަކުރެވިއްޖެއެވެ.
”ފިޔަ”އިން ވަނީ ސަރުކާރުން ތަޢާރަފުކުރަން ނިންމާފައިވާ ޓެކްސީ ލައިން މަޝްރޫޢުއާ ދެކޮޅަށް ޓެކްސީ ޑްރައިވަރުންނާއި އާންމުން އެއްބައިވުމަށް ގޮވާލުމާ ގުޅިގެން ސޯޝަލް މީޑިޔާގައި ޢާންމުން ޙިއްސާކޮށްފައިވާ ކޮމެންޓްތަކާއި ރިއެކްޝަންތަކަށް ބަލާފައެވެ. އަދި ނޫސްތަކުން މި ޚަބަރު ގެނައުމުން ޢާންމުން ދެކޭ ގޮތްވެސް ވަނީ ވަޒަން ކުރެވިފައެވެ.
ޑްރައިވަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ދިގު މުއްދަތެއްގެ މަސައްކަތުން ހާސިލުކުރެވިފައިވާ ކުރިއެރުންތަކަށް ހުރަސްއެޅޭ ގޮތަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ ދެކޮޅަށް ހުރިހާ ޓެކްސީ ޑްރައިވަރުންނާއި އާންމުންގެ އެހީތެރިކަމާއި އެއްބައިވަންތަކަމަށް އެދޭ ކަމަށެވެ.
އެ އެސޯސިއޭޝަނުން ފާހަގަކޮށްފައިވާ ގޮތުގައި، ޓެކްސީ ޑްރައިވަރުންނާއި ދާއިރާގެ އެންމެހައި ސްޓޭކްހޯލްޑަރުންގެ ކަންބޮޑުވުންތައް އެއްކިބާކޮށް، ޓެކްސީ ފްލީޓެއް ފެށުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ދާއިރާގައި މިނިވަންކަމާއެކު މަސައްކަތްކުރުމުގެ ޙައްޤަށާއި އާއިލާތަކުގެ ދިރިއުޅުމަށް އަސަރުކުރާނެ ކަމެކެވެ.
އެސޯސިއޭޝަނުން އިތުރަށް ބުނެފައިވަނީ، މި ނިންމުމަކީ އެކަށީގެންވާ މަޝްވަރާތަކާއި ދިރާސާތަކެއް ނުކޮށް އެފަދަ ފްލީޓެއް ތަޢާރަފު ނުކުރާނެ ކަމަށް ކުރިން ޓްރާންސްޕޯޓް މިނިސްޓަރު ދެއްވާފައިވާ ޔަޤީންކަމާ ސީދާ ޚިލާފު ނިންމުމެއް ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 100 ޕަސެންޓް އިލެކްޓްރިކް ވެހިކަލް (އީވީ) ޓެކްސީ ލައިނެއްގެ ޚިދުމަތް ފޯރުކޮށްދިނުމަށެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން މަރުޙަލާއަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުޙަލާގެ ދަށުން ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި މި އަހަރު ޓެކްސީ ޚިދުމަތް ފެށުމަށް ވަނީ ރޭވިފައެވެ.
މިނިސްޓްރީން އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، މި ޓެކްސީ ލައިނުގެ ސަބަބުން މިހާރު އަމިއްލަގޮތުން ޓެކްސީ ޚިދުމަތް ދެމުންދާ ފަރާތްތަކުގެ މަސައްކަތަށް އެއްވެސް ބުރުލެއް ނާރާނެއެވެ. އަދި ދެވަނަ ވަޒީފާއެއްގެ ގޮތުގައި ޓެކްސީ ދުއްވާ ފަރާތްތަކަށާއި މާލޭގައި ޒަރޫރީ ބޭނުންތަކުގައި ތިބެންޖެހޭ އެހެނިހެން ފަރާތްތަކަށްވެސް އާމްދަނީ ހޯދުމުގެ އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ކިހާވަރަކުން ދާނެބާ
މިއީ މި ސަރުކާރުގެ އެންމެ ރަނގަޅު ޕްރޮޖެކްޓް. މިވަރުގެ ރަނގަޅު އެހެން ކަމެއް ރައްޔިތުންނަށްޓަކައި މިސަރުކާރުން އަދި ކުރާތަނެއް ނުފެނޭ
ފަށާބަލަ ކުރީދުވަހުވެސް ތިބުނާ އެޕްތަކަކުން ޓެކްސީއަކަށް ޖަހަޖަހާނުލިބުނު….. ބޮއިހަލަކި