މަދީނާ ސިޓީގެ ރޭގަނޑެއް އެހެން ހުރިހާ ރޭތަކަށްވުރެ ރީތިވީ އަހަރެންގެ ކުރިމަތީގައި ދެ ހަނދު ހުރުމުންނެވެ. އެ ދެހަނދަކީ އަހަރެންގެ އަނބިމީހާ ކައިރީގައި ހުރި ހަނދާ، އަދި އުޑުގައި ހުރި ހަނދެވެ. އަހަރެން ލޯބިން ފުރިފައިވާ ލޮލަކުން އަހަރެންގެ އަނބިމީހާއަށް ބަލާލީމެވެ. އޭނާގެ ބަސްތައް އަހަންނަށް ވަރަށް އަގުހުރި އަދި ލޮބުވެތިކަން ބޮޑެވެ. އޭނާ އަހަރެންދެކެ ލޯބިވާކަމަށް ބުނާ ކޮންމެ ފަހަރަކު އަހަރެން ހިނިތުންވީމެވެ. އަހަރެން އޭނާއާ ސުވާލުކުރީމެވެ. ކަމަނާއަށް ލޯބި މާނަކުރެވެނީ ކިހިނެއްތޯ؟ އެވެ. އަހަރެމެންގެ ލޯބީގެ މައްޗަށް އޭނާ ދެކޭގޮތާއި އެކަން އޭނާ ސިފަކުރާނެ ގޮތް އެނގުމަށް އަހަރެން ނުހަނު ބޭނުންވިއެވެ.
އޭނާ ބުންޏެވެ. "ލޯބި އަހަންނަށް ހަނދާންކޮށްދެނީ ކީރިތި ޤުރުއާނުގެ މި އާޔަތެވެ. އެހިނދު އަހަރެން އަނބިމީހާ ޤުރްއާނުގެ އައްރޫމް ސޫރަތުގެ 21 ވަނަ އާޔަތް ކިޔާލިއެވެ. އެއާޔަތުގެ މާނައިގައިވަނީ "ތިޔަބައިމީހުންނަށްޓަކައި ހަމަތިޔަބައިމީހުންގެ نفس ތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ." އޭނާގެ ބަސްތަކުގައި އޯގާތެރިކަން ފެތުރިގެންދާ މަންޒަރު އަހަންނަށް ފެނުނެވެ. އެ ބަސްތައް އޭނާ ބުނީ ވަރަށް ލޯބިވެރިކަމާއި އޯގާތެރިކަމާ އެކުގައެވެ. އަހަރެންގެ ހިތަށް އިހްސާސްވިއެވެ. އޭނާ އަބަދުވެސް އަހަންނަށް ބަލަނީ ލޯބިވެރިކަމާއި ރަހުމަތްތެރިކަމާ އެކުގައިކަމެވެ.
އަހަރެން އަހަރެންގެ އަނބިމީހާ އަށް ބުނީމެވެ. "އަހަރެންގެ ލޯބި، ލޯބީގެ ފުން މާނަ ހޯދޭނީ ތިބާގެ ވަނާތަކުގެ ފުންމިނަކުން ނޫނެވެ. އަދި ކަނޑުތަކާއި މޫދުތަކުގެ ފުންމިނަކުންވެސް ނޫނެވެ. އެކަމަކު އެއީ އަހަރުމެންގެ ހިތްތަކުގައި ފުންކޮށް ވަށައިލެވިފައިވާ އެއްޗެކެވެ. ލޯބިވުމަކީ ލޯބިވާ މީހާގެ އަރާމަށްޓަކައި އަމިއްލަ ނަފްސު ޤުރުބާންކުރުމެވެ. ލޯބި އަހަންނަށް މާނަކުރެވެނީ އެއީ ހުރިހާ އެއްޗެއްގެ ގޮތުގައެވެ. ތެދު ވާހަކައެއް ކިޔައިދޭނަމެވެ. އެއީ އިންސާނިއްޔަތުގެ ތާރީޚުގައި ރެކޯޑުކުރެވިފައިވާ އެންމެ މަތިވެރި ލޯބީގެ ވާހަކައެވެ.
"އޮޅުންބޮޅުމުގެ ތެރޭގައިވާ ލޮލަކުން އަހަރެންގެ އަނބިމީހާ އަހަރެންނަށް ބަލާފައި ބުންޏެވެ. "ކިހިނެއް؟ ރޯމިއޯ އެންޑް ޖުލިއެޓް؟" އޭނާ ބުނި ބަހަކީ އަހަރެން ނުރުހޭ އެއްޗެއްހެން ހީވެގެން އޭނާ އަހަންނަށް ބެލިއެވެ. އަދި އޭނާ އެތަނުގައި ހުރި ގަހަކަށް ލެނގިލައިގެން ހުއްޓެވެ. އެރެއަކީ ވަރަށް ހިތްފަސޭހަ ރެއެކެވެ. ކައިރީގައިވާ ގަސްތަކުގެ ފަތްތަކުން އަންނަ ފިނިކަން އަހަރުމެންނަށް އިހުސާސް ކުރެވުނެވެ.
އަހަރެން ބުނީމެވެ. "ނޫން، ނޫން، އަހަރެންގެ ލޯބިވާ ކަމަނާ" އަދި މަޑުމައިތިރިކަމާއެކު އަހަރެންގެ އަތުގައި ހިފާލިއެވެ. "އެވާހަކައަކީ އަހަރުމެންގެ ލޮބުވެތި ނަބިއްޔާ ﷺ އާއި ޚަދީޖާ رضي الله عنها ގެ ލޯބީގެ ވާހަކައެވެ." އަނބިމީހާ އެކަމާ އުފާވެ، ހިތުގެ އެންމެ ފުންމިނުން އަހަރެންގެ ވާހަކައަށް ކުރިއަށް ގެންދިޔުމަށް ބުންޏެވެ.
އަހަރެން ވަނީ ގިނަ ލޯބީގެ ވާހަކަތައް ކިޔާފައެވެ. އެ ވާހަކަތައް ނިމެނީ މަރުވެގެން ނުވަތަ ވަރިވެގެންނެވެ. ހަގީގީ ލޯބި ވަނީ އަހަރުމެންގެ ހިތްތަކުގައެވެ. އޭގެ މީރުކަން ލިބެނީ الله ސުބުޙާނަހޫ ވަތަޢާލާގެ ރުހުމަށްޓަކައި މީހަކު ލޯބިވުމުންނެވެ. އަހަރުމެންނަށް އުފާވެރިކަން ހޯދަނީ އެކަލާނގެ ރުހުމުންނެވެ. الله އަށްޓަކައި ނޫން ލޯތްބެއް، އަދި މަރުވުމުން ނެތިދާ ލޯތްބެއްގެ ބޭނުމަކީ ކޮބައިތޯއެވެ؟ ނަމަވެސް الله އަށްޓަކައި ވާ ޙަގީގީ ލޯބި ޤިޔާމަތް ދުވަހުގައި މަތިވެރިވެގެންވެއެވެ. އެއީ ލޯބިވާ މީހުން ޖަންނަތުގައި އަބަދުގެ އަބަދަށް އެކުގައި ދެމި ތިބޭނެތީއެވެ.
ނަބިއްޔާ މުޙައްމަދު ﷺ ގެ ލޯބީގެ ވާހަކަ ފެށެނީ ޚަދީޖާ (ރަޟިޔަﷲ ޢަންހާ) އަށްޓަކައި ވިޔަފާރިވެރިއެއްގެ ގޮތުގައި ޝާމްކަރައަށް ވިޔަފާރި މުދަލައިގެން ދިޔަ ދުވަހުން ފެށިގެންނެވެ. އަހަރުމެންގެ ލޮބުވެތި ރަސޫލާ ﷺ އެނގިވަޑައިގެންފައިވަނީ ރިވެތި އަޚްލާޤާއި، ތެދުވެރިކަމާއި، ފުން ވިސްނުމާއި، އިޚްލާޞްތެރިކަމާއި އީމާންތެރިކަމުންނެވެ. ޚަދީޖާ (ރަޟިޔަﷲ ޢަންހާ)، މަތިވެރިކަމާއި ޝަރަފާއި އިއްޒަތާއި، މުއްސަނދިކަން ލިބިވަޑައިގެންފައިވާ ވިޔަފާރިވެރި އަންހެނެއް، އެކަމަނާގެ ކައިވެނީގެ ހުށަހެޅުމެއް ފޮނުއްވިއެވެ. ކައިވެނިފުޅު ކުރެއްވުމަށްފަހު، އިބްރާހީމް ފިޔަވައި އެހެން ހުރިހާ ދަރިންގެ މަންމައަކީ އެކަމަނާއެވެ. އެކަމަނާއަކީ الله ގެ ރަސޫލާ ﷺ އެންމެ ފުރަތަމަ ކައިވެނި ކުރެއްވި އަންހެނާއެވެ. އަދި އެކަމަނާ އަވަހާރަ ވަންދެން އެހެން އަންހެނަކާ ކައިވެނި ނުކުރައްވައެވެ. ތެދުވެރި އިޚްލާސްތެރި ލޯތްބަކީ މިއީ ނޫންތޯއެވެ.
"ޖިބްރީލް ޢަލައިހިއްސަލާމް ޙިރާ ފަރުބަދައިގެ ހޮހޮޅައިގެ ތެރޭގައި الله ގެ ވަޙީއާއިގެން الله ގެ ރަސޫލާ ﷺ ގެ އަރިހަށް ވަޑައިގެންނެވި ހިނދު، ނަބިއްޔާ ﷺ ބިރުފުޅުން، މީހާގެ ކުލަވަރު ބަދަލުވެ، ހުންނެވީ ތުރުތުރުއަޅުއްވާ ޙާލުގައެވެ. އެހިނދު ޚަދީޖާގެފާނަށް ވިދާޅުވިއެވެ. "ފޭރާން އަޅުއްވާށެވެ. ފޭރާން އަޅުއްވާށެވެ." ކަންވީގޮތް އެނގިވަޑައިގެންނެވުމަށްފަހު، އެކަމަނާއަށް ވިދާޅުވިއެވެ، "އަހަރެން ބިރުގަނެއްޖައީމެވެ، ޚަދީޖާއެވެ". ޚަދީޖާ (ރަޟިޔަﷲ ޢަންހާ) ހިތްވަރުދެއްވަމުން ވިދާޅުވިއެވެ. " الله ގަންދީ ބުނަމެވެ. الله ތިބާއަށް ގެއްލުމެއް ނުދެއްވާނެއެވެ. ތިބާ ގާތްތިމާގެ މީހުންނާ ގުޅިގެން އުޅުއްވައެވެ، ތެދުވެރިވެވަޑައިގަންނަވައެވެ. ނިކަމެތިންނަށް އެހީތެރިވެވަޑައިގަންނަވައެވެ. މެހުމާނުންނަށް ކަމޭހިތްތަވައެވެ. އަދި އަތްމަތި ދަތިވެފައިވާ މީހުންނަށް އެހީތެރިވެވަޑައިގަންނަވައެވެ" (ބުޚާރީ).
ޚަދީޖާ (ރަޟިއަﷲ އަންހާ) ނަބިއްޔާ (ﷺ) އަށް އުފަލާ ހިތްހަމަ ޖެހުން ދެއްވިއެވެ. އިސްލާމްދީން ޤަބޫލުކުރެއްވި އެންމެ ފުރަތަމަ މީހާއަކީ އެކަމަނާއެވެ. އަދި އަބަދުވެސް އެކަލޭގެފާނަށް އިތުބާރުކުރެއްވިއެވެ. އެކަމަނާ އެއްވެސް އިރެއްގައި އެކަލޭގެފާނާމެދު ޝައްކެއް ނުކުރައްވައެވެ. އަދި އެކަލޭގެފާނަށް ވަރަށް ރަނގަޅު އަނބިކަނބަލެއްގެ ގޮތުގައި ހުންނެވިއެވެ. އެކަމަނާ އަބަދުވެސް އެކަލޭގެފާނުގެ އަރިހުގައި ހުންނެވިއެވެ. އަދި އެކަލޭގެފާނުދެކެ ވަރަށް ބޮޑަށް ލޯބިވެވަޑައިގަތެވެ. "އައްރަޙީޤުލް މަޚްތޫމް" ގައިވާ ގޮތުން، "އެކަމަނާ، ފަންސަވީސް އަހަރު ވަންދެން، ޚާއްޞަކޮށް އެކަލޭގެފާނުގެ ނަބީކަމުގެ ފުރަތަމަ ދިހަ އަހަރު، ދިރިއުޅުމުގެ އުނދަގޫތަކާއި ދަތިތަކުގައި އެކަލޭގެފާނާއެކު ބައިވެރިވެވަޑައިގަތެވެ.
އެކަމަނާގެ އަވަހާރަވުމާމެދު އެކަލޭގެފާނު ވަރަށް ހިތާމަފުޅު ކުރެއްވިއެވެ. އަދި އެއްފަހަރަކު އިޚްލާޞްތެރި އިޙްސާސްތަކަކާއެކު ވިދާޅުވިއެވެ. "މީސްތަކުން އަހަރެންނަށް ދޮގުހެދިއިރު އެކަމަނާ އަހަރެންނަށް އީމާންވިއެވެ. އަދި މީސްތަކުން އަހަރެން ދޮގުކުރިއިރު އެކަމަނާ އަހަރެންނަށް އިތުބާރުކުރިއެވެ. އަދި މީސްތަކުން އެކަން ނުކުރިއިރު، އެކަމަނާ އަމިއްލަފުޅު ޒާތުންނާއި މުދަލުން އަހަރެންނަށް އެހީތެރިވެ އުފާވެރިކަން ދެއްވިއެވެ. ﷲ އެކަމަނާގެ ކިބައިން އަހަރެންނަށް ދަރިން ދެއްވިއެވެ." (މުސްނަދު އިމާމް އަޙްމަދު 6/118)
މި ލޯބީގެ ވާހަކަ ވަރަށް ޚާއްޞަވެގެންވަނީ އެއީ ޙަޤީޤީ ލޯބިގެ ވާހަކައެއް ކަމުގައިވާތީއެވެ. ޚަދީޖާ (ރަޟިއަﷲ އަންހާ) އަބަދުވެސް އެކަމަނާގެ ފިރިކަލުންނަށް ތެދުވެރިވެވަޑައިގަތެވެ. އަދި އެކަލޭގެފާނަށް އެހީތެރިވެވަޑައިގަތުމުގައި އެއްވެސް އިރެއްގައި ފަހަތު ފަޔަށް ބުރަވެ ވަޑައިނުގަންނަވައެވެ. އަހަރުމެންގެ ލޮބުވެތި ﷲގެ ރަސޫލާ (ﷺ) ޤުރައިޝުންގެ ފަރާތުން އެންމެ ނުބައި ބާވަތުގެ އަނިޔާ ކުރިމަތިލައްވަމުން ގެންދެވިއެވެ. އެ ދެ ބޭކަލުންގެ ގުޅުމުގެ ރީތިކަމަކީ އެއްބޭކަލަކު އަނެއް ބޭކަލަކު ދެނެވަޑައިގަތުމެވެ. އެއްބޭކަލަކު އަނެއް ބޭކަލަކަށް އަޅާލައްވައި، އީމާންކަމުގައި ވަރުގަދަވުމަށް އެއްބޭކަލަކު އަނެއް ބޭކަލަކަށް އެހީތެރިވެވަޑައިގަތެވެ. މުއުމިނުންގެ މަންމާ ޚަދީޖާ (ރަޟިއަﷲ އަންހާ)، ރަސޫލުﷲ (ﷺ) އާއެކު ކޮންމެ ދަތިކަމެއް ތަޙައްމަލުކުރެއްވިއެވެ. އެކަމަނާ އަބަދުވެސް ނަބިއްޔާ (ﷺ) އިސްލާމްދީނުގައި ހިތްވަރުދެއްވިއެވެ. އެކަލޭގެފާނުގެ ލޮބުވެތި އަނބިކަނބަލުން އަވަހާރަވުމަށްފަހު، ނަބިއްޔާ (ﷺ) އަބަދުވެސް އެކަމަނާ ހަނދުމަފުޅުކުރައްވައި، އެކަމަނާގެ އެކުވެރިންނަށް އޯގާތެރިވެވަޑައިގަތެވެ.
މި ލޯބީގެ ވާހަކައަށް ފުންކޮށް ބައްލަވައި، އެ ވާހަކަ ދެނެވަޑައިގަންނަވައިފިނަމަ، ޙަޤީޤީ ލޯތްބަކީ ކޮބައިކަން އެނގިވަޑައިގަންނަވާނެއެވެ! ޚަދީޖާ (ރަޟިއަﷲ އަންހާ) އީމާންކަމުގައި ވަރަށް ވަރުގަދަވެވަޑައިގަތެވެ. އަދި އިސްލާމްދީނުގެ ޙައްޤު މެސެޖު ފެތުރުއްވުމުގައި ނަބިއްޔާ (ﷺ) އަށް އެހީތެރިވެވަޑައިގަތެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަމަނާއަށް ޝަރަފުވެރިކަން ދެއްވައި، ރަސޫލުﷲ (ﷺ) އަށް އެކަމަނާގެ ކިބައިން ބަރަކާތް ލެއްވިއެވެ.
ޙަދީޘެއްގައި ބަޔާން ވެގެންވެއެވެ. "ޖިބްރީލް (ޢަލައިހިއްސަލާމް) ނަބިއްޔާ (ﷺ) ގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ. 'އޭ ﷲ ގެ ރަސޫލާއެވެ. ޚަދީޖާ ތިބާގެ އަރިހަށް ކާއެއްޗެހި އަދި ބުއިމެއް އެކުލެވޭ ތަށިތަކަކާއެކު އެބަ އާދެއެވެ. އެކަމަނާ ތިބާގެ އަރިހަށް އަންނަ ހިނދު، އެކަމަނާއަށް އެކަމަނާގެ ވެރިރަސްކަލާނގެ ފަރާތުން އަދި އަހަރެންގެ ފަރާތުން ސަލާމާއި ޝަރަފުގެ ޚަބަރު އިއްވަވާށެވެ. އަދި އެކަމަނާއަށް ސުވަރުގޭގައި މުތުން ހަދާފައިވާ، އެއްވެސް އަޑުގަދަކަމެއް ނުވަތަ ބުރަ މަސައްކަތެއް ނެތް ގެއެއްގެ އުފާވެރި ޚަބަރު އެކަމަނާއަށް ދެއްވާށެވެ." (ބުޚާރީ އަދި މުސްލިމް).
– ނުނިމޭ…….