30 އެޕްރީލް 2025

މަޚްލޫފް ދުންފަތާ ދުރުވިތާ ދެ އަހަރު؛ ވިދާޅުވީ "ހަށިގަނޑަށްވެސް، ޖީބަށްވެސް ލުއިވެއްޖެ" ކަމަށް

ކުރީގެ ޔޫތު މިނިސްޓަރު އަޙްމަދު މަޚްލޫފް ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓާލައްވާފައިވާތާ ދެ އަހަރު ފުރުމާ ގުޅިގެން އުފާފާޅުކުރައްވައިފިއެވެ.

އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ މިނިސްޓަރު މަޚްލޫފް ވިދާޅުވެފައިވަނީ ދުންފަތާ ނުލާ ދެ އަހަރު ހަމަވުމުން އުފާކުރައްވާ ކަމަށެވެ. އަދި ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށްޓަކައި ދުންފަތުގެ އިސްތިޢުމާލުން ދުރުހެލިވުމަށް މަސައްކަތްކުރުމަށް އާންމުންނަށް ގޮވާލައްވާފައިވެއެވެ.

މީގެއިތުރުން، ދުންފަތުގެ އިސްތިޢުމާލު ހުއްޓާލުމުން ހަށިގަނޑަށާއި އިޤްތިޞާދީ ގޮތުން ލިބޭ ފައިދާތަކަށްވެސް އަލިއަޅުވާލައްވާފައިވެއެވެ. މަޚްލޫފް ވިދާޅުވެފައިވަނީ ދުންފަތުގެ އިސްތިޢުމާލު ހުއްޓާލުމުން ހަށިގަނޑަށާއި ޖީބަށްވެސް ލުއިވާނެ ކަމަށެވެ.

މިދިޔަ އަހަރުގެ ނޮވެންބަރުން ފެށިގެން ސިނގިރޭޓުގެ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމާއެކު، ސިނގިރޭޓުގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެގޮތުން ކުރިން 110 އަށް ލިބެމުން އައި ސިނގިރޭޓް ފޮއްޓެއްގެ އަގު ވަނީ 250 އަށް އަރައިފައެވެ.

އޭގެ ފަހުން ސިނގިރޭޓުގެ ވިޔަފާރި ދަށްވެފައިވާ ކަމަށް ބައެއް ވިޔަފާރިވެރިން ބުނެއެވެ. ނަމަވެސް އަމިއްލައަށް ސިނގިރޭޓު އުފައްދަން ބޭނުންކުރާ ތަކެތީގެ ވިޔަފާރި އިތުރުވުމާއި ވަގަށް ސިނގިރޭޓު އެތެރެކުރުމުގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ.

މި ސަރުކާރުން ދުންފަތާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިދިޔަ ޑިސެމްބަރު މަހު ވޭޕް ވެސް މަނާކޮށްފައިވާއިރު، ދުންފަތުގެ އިސްތިއުމާލު ކުރުމާ ގުޅޭ ހަރުކަށި ގަވައިދެއް ވަނީ މިދިޔަ ހަފުތާގައި ގެޒެޓްކޮށްފައެވެ. އެ ގަވައިދުގެ ދަށުން ސިނގިރޭޓު ނުވަތަ ބިޑި އުފައްދަން ބޭނުންކުރާ ފިލްޓަރާ އެއްކޮށް ނުވަތަ ފިލްޓަރާ ވަކިން ވިޔަސް ރޯލްކޮށްފައި ހުންނަ ހުސް ޓިއުބާއި ހުސްފޮއްޓާއި އެ ބޭނުމަށް ބޭނުންކުރާ އާލާތްތައް އެތެރެކުރަން ހުއްދަ ނުދެވޭނެ ކަމަށް ބުނެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. އަޅުގަނޑު ދުންފަތާއި ދުރުވިފަހުން 37 އަހަރު ޖީބަށާއި ހަށިގަނޑާއި މުޅިނަފުސައްވެސްލުއި މިހާރުޢުމުރަކީ 77 އަހަރު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު