30 އެޕްރީލް 2025
ދިވެހި ޤައުމިއްޔަތުގެ އިސްވަރު

ހިޔަވިހާ ނަކަތުގެ ސިންތާ ބޭއްވެވުމަށް ދިވެހި ޤައުމިއްޔަތުގެ އިސްވަރުން ނިންމަވައިފި

ދިވެހި ޤައުމިއްޔަތުގެ އިސްވަރުން އިންތިޒާމުކޮށްގެން އިރުވައި މޫސުމުގެ ހިޔަވިހާ ނަކަތުގެ ސިންތާ ބޭއްވެވުމަށް ނިންމަވައިފިއެވެ.

ޘަޤާފަތާބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި ސިންތާ އޮންނާނީ 2025 ފެބުރުވަރީ 23 ވާ އާދީއްތަ ދުވަހުގެ 13:30 ގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައި ޤާއިމުކޮށްފައިވާ އިސްވަރު އޮފީހުގައެވެ.

މި ސިންތާ ފެށިގެންދާނީ ދިވެހި ތާރީޚުގެ އިސްވާރު، އަލްއުސްތާޛު އަޙްމަދު ޝާކިރު (ކަށިމާ ޝާކިރު) ގެ ވާހަކަފުޅު ދެއްކެވުމުން ކަމަށް ޘަޤާފަތާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ޘަޤާފަތާބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި ސިންތާގައި އަލިއަޅުވާލާނީ "ދިވެހީން ތަޖުރިބާކުރި މޫސުމީ ކާރިސާތަކަށް ޢިލްމީ ކަޅިއެއް"، މި މައުޟޫޢަށެވެ.
މި މައުޟޫޢަށް އިންސާފުކޮށްދެއްވަވާނީ ސިންތާގެ ދާރިސް، މޫސުމާބެހޭ ތަޖުރިބާކާރެއް ކަމުގައިވާ އަލްފާޟިލް ޙުސައިން ވަޙީދެވެ. އަލްފާޟިލް ޙުސައިން ވަޙީދަކީ 24 އޮގަސްޓު 1998 އިން ފެށިގެން މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގައި މީޓިއޮރޮލޮޖިސްޓެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ، މި ދާއިރާގެ ފުންނާބު އުސް ތަޖުރިބާކާރެކެވެ.

2018 ވަނަ އަހަރު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އެންވަޔަރަންމަންޓަލް މެނޭޖްމަންޓްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކުރައްވައި، 2024 ވަނަ އަހަރު ހަމަ އެ ޔުނިވަރސިޓީން ޖިއޯސްޕޭޝަލް ޓެކްނޮލޮޖީސް ފޮރ ޑިޒާސްޓަރ މެނޭޖްމަންޓްގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައިވާ އަލްފާޟިލް ޙުސައިން ވަޙީދަކީ މޫސުމާ ގުޅޭ ދާއިރާތަކުން އެކި ފެންވަރުގެ ތަމްރީންތައްވެސް ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ.

މީގެ އިތުރުން، މި ސިންތާގައި ދުވަހުގެ މައުޟޫޢާ ގުޅޭ ޕެނަލް ޑިސްކަޝަނަކާއި، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ޝާއިޢުކޮށްފައިވާ "ދިވެހި ތާރީޚަށް އައު އަލިކަމެއް"، މި ފޮތުގެ ޑިޖިޓަލް ކޮޕީއެއް، އެ ފޮތް ޑިޖިޓަލްކުރެއްވި އަމިއްލަފަރާތަކުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއަށް ހަދިޔާ ކުރެއްވުން އޮންނާނެއެވެ.
ދިވެހި ޤައުމިއްޔަތުގެ އިސްވަރަކީ ރައީސުލްޖުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެކަށައަޅުއްވާފައިވާ ދިވެހި ޤައުމިއްޔަތު އިޔާދަ ކުރުމުގެ ޤައުމީ ނިޒާމުގެ މުހިންމު އެއް ގުނަވަނެވެ. ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ދިވެހި ޤައުމިއްޔަތުގެ ބަހާތަކުގެ އެކި ރޮނގުރޮނގުން، ރާއްޖޭގެ ދެ މޫސުމާއި ނަކަތްތަކުގައި ސިންތާތަކާއި މަހާސިންތާތައް އިންތިޒާމުކޮށް ބޭއްވުން ހިމެނެއެވެ. ކުރިއަށް އޮތް ތަނުގައި ކޮންމެ ނަކަތެއްގައި މިފަދަ ސިންތާތައް ބޭއްވެވުމަށް ވަނީ ނިންމަވައިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު