ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަަކަށް ބަދަލުކުުރުމަށް މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޤާނޫނު އިސްލާޙް ކުރިއިރުވެސް ދެން މަޑުން ނުހުންނަވާނެ ކަމަށް ވިދާޅުވި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާނުގެ އެއްވެސް އިހްތިޖާޖެއް މިއަދު ފެނިގެން ނުދާކަން ހާމަވެއްޖެއެވެ.
އާންމުކޮށް ސަރުކާރުތަކަށް އިންޒާރުދެއްވައި ސަރުކާރުތައް ވައްޓާލުމުގެ އާޖުފާޖު ދެނެވަޑައިގަންނަވާ ކަމަށް ދެކެވަޑައިގަންނަވާ އިމްރާން އަދިވެސް ހުންނެވީ ބެންކޮކްގައި ކަމަށް މަޢުލޫމާތު ލިބެއެވެ.
ރައްޔިތުންނަށް ބޮޑުކަމެއް ނުކޮށްދެވޭއިރު، މުޅި ނިޒާމު ފުނޑަމުންގޮސް ސްޕްރީމް ކޯޓުގައި އަތްލުމުން ދެން ހިމޭނަކުން ނުތިބެވޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އިއްޔެ ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި އެންމެ ފަހު ބަސް ބުނާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލިހަށް ބިލެއް، ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރުން އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވިއެވެ. އަދި. އެ ބިލު މިއަދު ވަނީ ފާސްކުރައްވާފައެވެ. މިއީ އަބްދުއްސައްތާރު މުހައްމަދު އަމިއްލަ ހައިިސިއްޔަތުން ހުށަހެޅުއްވި ބިލެކެވެ. އެ ބިލްގައި ސަރުކާރުގެ އެއްވެސް ބައިވެރިވުމެއް ނެތެވެ.
މި ބިލާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބެންކޮކުގައި މިހާރު ދިރިއުޅުއްވަމުން ގެންދަވާ އިމްރާން ވިދާޅުވީ ރައްޔިތުންނަށް ފައިދާއެއް، ހެޔޮކަމެއް ކޮށްދީ، ދައުލަތުގެ ނިޒާމަށް ހެޔޮ ބަދަލެއް ގެނެސްދޭތޯ އެއްޗެއް ނުބުނެ ވަރަށް ކެތް ކުރި ކަމަށެވެ.
"ރައްޔިތުންނަށް ބޮޑުކަމެއް ނުކޮށްދެވޭތާ މުޅި ނިޒާމު ފުނޑަމުންގޮސް ސްޕްރީމް ކޯޓުގައި އަތްލީމާ ދެން ހިމޭނަކުން ނުތިބެވޭނެ،". އިމްރާން ވިދާޅުވިއެވެ.
މިހާރު ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބެވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއެކު ޖުމްލަ ހަތް ފަނޑިޔާރުންނެވެ. މި ހުރިހާ ފަނޑިޔާރުން އައްޔަންކުރެއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ވެރިކަމުގައެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރުކޮށް، އޭރުގެ ބެންޗު އެއްކޮށް ބަދަލުކުރުމުން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް ކުރިމަތިވިއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ފާސްކުރުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް، ސުޕްރީމު ކޯޓުގެ ތިން ފަނޑިޔާރެއް ވަނީ ޖޭއެސްސީއިން ސަސްޕެންޑްކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތަކާ ގުޅޭގޮތުން ޤާނޫނުއަސާސީއަށް ގެނެވުނު އިސްލާހުތައް ބާޠިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއް މިހާރު ދަނީ ސުޕްރީމް ކޯޓުން ބަލަމުންނެވެ.