ޣައްޒާ ސަރަހައްދު ހިންގުމަށް މިސްރުގެ އަތްމައްޗަށް ދޫކޮށްލުމަށް އިސްރާއީލުގެ އިދިކޮޅު ލީޑަރު ހުށަހެޅި ހުށަހެޅުން މިސްރުން ވަނީ ބަލައިނުގަނެ، އެފަދަ ހުށަހެޅުމެއް ބަލައިނުގަނެވޭނެ ކަމަށް ބުނެފައެވެ.
މިސްރުގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސްޕާސަން ތަމީމް ހަލާފް ވިދާޅުވި ގޮތުގައި، "ޣައްޒާއާ ގުޅޭ ގޮތުން މިސްރުގެ އަދި އެހެނިހެން އަރަބި ގައުމުތަކުގެ ސިޔާސަތާ ފުށުއަރާ އެއްވެސް ހުށަހެޅުމެއް ބަލައެއް ނުގަނެވޭނެ" އެވެ. އަދި މިނިވަން ފަލަސްތީނު ދައުލަތެއް ގާއިމުކުރުމުގެ އަސާސީ މަގުސަދު އޮޅުވާލައި ހުށަހަޅާ ހުށަހެޅުންތަކަކީ މައްސަލަ ހައްލުކުރުމުގެ ބަދަލުގައި އިތުރަށް ދިގުދެމިގެން ދިއުމަށް މަގުފަހިވާނެ ކަމެއް ކަމުގައި ވިދާޅުވިއެވެ.
އިސްރާއީލުގެ އިދިކޮޅު ލީޑަރު ޔައިރް ލަޕިޑް ހުށަހެޅުއްވި ގޮތުގައި، މިހާރު ހިނގަމުންދާ ހަނގުރާމަ ނިމުމަށްފަހު، މަދުވެގެން 8 އަހަރު ދުވަހުގެ މުއްދަތަށް ޣައްޒާގެ ހިންގުން މިސްރުގެ އަތްމައްޗަށް ދޫކޮށްލުމަށެވެ. އަދި މިކަމުގެ ބަދަލުގައި މިސްރުގެ ދަރަނިތަކަށް ލުޔެއް ދިނުމަށް ހުށަހަޅުއްވާފައިވެއެވެ.
މިސްރުން ވަނީ ޣައްޒާގެ 2.4 މިލިއަން ފަލަސްތީނު ރައްޔިތުން އެހެން ތަނަކަށް ބަދަލުކުރުމުގެ އެއްވެސް ހުށަހެޅުމެއް ބަލައިނުގަނެވޭނެ ކަމަށް ކުރިންވެސް ބުނެފައެވެ. އަދި މިފަދަ ހުށަހެޅުމަކީ "ރަތް ރޮނގެއް" ކަމުގައި ބުނެފައިވެއެވެ. އަދި ޣައްޒާ ސްޓްރިޕް އަދި ވެސްޓް ބޭންކް، އިރުމަތީ ޖެރޫސަލަމް ހިމެނޭ ގޮތަށް، މުޅި ފަލަސްތީނުގެ ސަރަހައްދު ފަލަސްތީނުގެ ފުރިހަމަ ބާރުގެ ދަށުގައި އޮންނަންވާނެ ކަމަށް މިސްރުން ބުނެއެވެ.



