އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޔުކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީއާއެކު އޯވަލް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ހަޑިހުތުރު ބަހުރުވައިން ވާހަކަދައްކައި، ހަފްތާތަކެއް ވަންދެން ކުރެވުނު ޑިޕްލޮމެޓިކް މަސައްކަތްތައް 90 ސިކުންތުގެ ތެރޭގައި ނިމުމަކަށް ގެނެސްފިއެވެ.
މި ބައްދަލުވުމުގައި ޓްރަމްޕް ވަނީ ރަޝިއާގެ ހަނގުރާމައާ ގުޅޭގޮތުން ޔުކްރެއިންއަށް ކަމުނުދާ ގޮތަކަށް ނަމަވެސް އެ ހަނގުރާމަ ނިންމާލުމަށް ގޮވާލައި، "އެއްބަސްވުމަކަށް އާދޭ، ނޫނީ އަހަރެމެން ތި ކަމުން ބޭރުވާނަން" މިފަދައިން ބުނެފައެވެ.
އޯވަލް އޮފީހުގެ ތާރީޚުގައި މިފަދަ ހަޑިހުތުރު ގޮތަކަށް ދެ ޤައުމެއްގެ ލީޑަރުން ވާހަކަދެއްކި ފުރަތަމަ ފަހަރު ކަމަށްވާ މި ބައްދަލުވުމުގައި، އާދަޔާ ޚިލާފަށް އިނގިލި ދިއްކުރުމާއި، ހަޅޭއްލެވުމާއި، ލޯ ހެދުން ފަދަ ކަންކަން ފެނިގެން ދިޔައެވެ.
މި ހާދިސާއާ ގުޅިގެން ޒެލެންސްކީ ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވައި، އެމެރިކާ ރައްޔިތުންނާއި، ޓްރަމްޕް އަދި ކޮންގްރެސްއިން ދެއްވާފައިވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި "އަޅުގަނޑުމެންގެ ގުޅުން އެމެރިކާގެ ރައީސާއެކު އޮންނަ ގުޅުމަކަށްވުރެ މާ ބޮޑެވެ. އެއީ އަޅުގަނޑުމެންގެ ރައްޔިތުންގެ މެދުގައި އޮންނަ ތާރީޚީ އަދި ވަރުގަދަ ގުޅުމެކެވެ" މިހެން ވިދާޅުވެފައިވެއެވެ.
މި ހާދިސާއިން ދައްކުވައިދެނީ ޓްރަމްޕްގެ "އެމެރިކާ ފަސްޓް" އެޖެންޑާގެ ދަށުން އެމެރިކާގެ ބޭރު ސިޔާސަތު ބަދަލުކުރުމުގެ ނުފޫޒު އޭނާއަށް ލިބިފައިވާ މިންވަރާއި، ހަނގުރާމައިގައި ޔުކްރެއިންއަށް އެންމެ ބޮޑު އެހީތެރިކަމެއް ދެމުން އަންނަ އެމެރިކާގެ އެހީތެރިކަން ގެއްލިދާނެކަމުގެ ނުރައްކާ އޮތް މިންވަރެވެ.