ޠާލިބާން ސަރުކާރުން ބަންދުކުރި އަފްޣާން ޓީވީ ސްޓޭޝަން އަލުން ހުޅުވައިފި

އަފްޣާނިސްތާނުގެ ޠާލިބާން ސަރުކާރުގެ އަޚްލާޤީ މިނިސްޓްރީން ޑިސެމްބަރު މަހު ބަންދުކުރި އަރެޒޯ ޓީވީ އަލުން ހުޅުވައި، އެތަނުގެ ހަރަކާތްތައް ފަށައިފިއެވެ. މި ސްޓޭޝަން އަލުން ހުޅުވުނީ މިނިސްޓްރީ ފޯ ދަ ޕްރޮޕަގޭޝަން އޮފް ވާރޗޫ އެންޑް ޕްރިވެންޝަން އޮފް ވައިސް (ޕީވީޕީވީ) ގެ ހާޒިރުގައެވެ.

ޓީވީ ސްޓޭޝަންގެ ވެރިޔާ ބަސީރު އަބިދު ވިދާޅުވި ގޮތުގައި، ޑިސެމްބަރު 4 ވަނަ ދުވަހު ސްޓޭޝަން ބަންދުކުރެވުނީ ޤައުމުން ބޭރުގައި ތިބި މީޑިއާތަކުން އެހީތެރިކަން ލިބޭކަމަށާއި އިސްލާމީ އަގުތަކާ ޚިލާފު ވެފައިވާ ކަމަށް ތުހުމަތު ކުރެވިގެންނެވެ. އެ ދުވަސްވަރު ހައްޔަރުކުރެވުނު ސްޓޭޝަންގެ 7 މުވައްޒަފުން ޑިސެމްބަރު މަހުގެ ތެރޭގައި ދޫކޮށްލާފައިވެއެވެ.

2006 ވަނަ އަހަރު މަޒާރި ޝަރީފް ސިޓީގައި ފެށުނު މި ޗެނަލް، 2010 ވަނަ އަހަރު ކާބޫލްގައި އޮފީހެއް ހުޅުވާފައިވެއެވެ. އަފްޣާނިސްތާން ޖާނަލިސްޓްސް ސެންޓަރ (އޭއެފްޖޭސީ) ގެ މަޢުލޫމާތު ދޭގޮތުގައި މި ޗެނަލުން ވައިލްޑްލައިފް ޑޮކިއުމެންޓަރީތަކާއި ތުރުކީ ސީރީސްތައް ޑަބްކުރުމުގެ މަސައްކަތް ކުރަމުން އައެވެ.

ޠާލިބާން ވެރިކަމުގެ ތިން އަހަރުގެ ތެރޭގައި އަފްޣާނިސްތާނުގެ މީޑިއާ ދާއިރާ ވަނީ ބޮޑުތަނުން ދަށަށް ގޮސްފައެވެ. ރިޕޯޓަރސް ވިދައުޓް ބޯޑަރސް (އާރްއެސްއެފް) އިން ބުނާ ގޮތުގައި 2024 ވަނަ އަހަރު އެކަނި 12 މީޑިއާ އައުޓްލެޓް ވަނީ ބަންދުކުރެވިފައެވެ. އަދި ފެބްރުއަރީ މަހުގެ ކުރީކޮޅު، އަންހެނުންގެ ރޭޑިއޯ ސްޓޭޝަނެއް ކަމަށްވާ ރޭޑިއޯ ބޭގަމްވެސް ވަނީ ހުއްޓުވާލެވިފައެވެ.

ނަމަވެސް ސަރުކާރުގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ވިދާޅުވެފައިވަނީ "ޤައުމީ މަސްލަހަތާއި އިސްލާމީ އަގުތައް ހިފަހައްޓައި، އަފަވާހުތައް ފެތުރުމުން ދުރުހެލިވާހާ ހިނދަކު" ނޫސްވެރިންނަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު