އިނގިރޭސިވިލާތުން ޔުކްރެއިނަށް ދެމުންއަންނަ އެއްބާރުލުން ދެމެހެއްޓޭނެ ކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީރ ސްޓާމަރ ވިދާޅުވެއްޖެއެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީރ ސްޓާމަރ ވަނީ ޔުކްރެއިންގެ ރައީސް ވޮލޮޑިމިރ ޒެލެންސްކީއާ ބައްދަލުކޮށް، އެމެރިކާގެ ވައިޓް ހައުސްގައި ދިމާވި ހާދިސާއަށްފަހު އިނގިރޭސިވިލާތުން ޔުކްރެއިނަށް ދެމުންއަންނަ އެއްބާރުލުން ދެމެހެއްޓޭނެކަން ކަށަވަރުކޮށްދީފައެވެ.
ޑައުނިންގ ސްޓްރީޓަށް ވަޑައިގެންނެވި ޒެލެންސްކީއަށް އާންމު ރައްޔިތުން ވަނީ ހޫނު މަރުހަބާ ކިޔާފައެވެ. އަދި ސްޓާމަރ ވަނީ ޒެލެންސްކީއާ ބައްދަލުކޮށް، ޔޫރަޕްގެ ލީޑަރުންގެ ބައްދަލުވުމުގެ ކުރިން މަޝްވަރާތަކެއް ކުރައްވާފައެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ އެމެރިކާއިން އެހީތެރިކަން ހުއްޓާލައިފިނަމަ ޔުކްރެއިނަށާއި ޔޫރަޕަށް ކުރިމަތިވެދާނެ ގޮންޖެހުންތަކާ ބެހޭގޮތުންނެވެ.
އިނގިރޭސިވިލާތުން ވަނީ ޔުކްރެއިނަށް 2.26 ބިލިއަން ޕައުންޑްގެ (2.84 ބިލިއަން ޑޮލަރު) ލޯނެއް ދޭން ނިންމާފައެވެ. މިއީ ޖީ-7 ގްރޫޕުން ޔުކްރެއިނަށް ވަޢުދުވެފައިވާ 50 ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖްގެ ތެރެއިން އިނގިރޭސިވިލާތުގެ ހިއްސާއެވެ.
މި އެހީއާ ގުޅޭގޮތުން ޒެލެންސްކީ ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝުކުރު އަދާކުރައްވާފައެވެ.
"މިއީ ހަގީގީ އިންސާފެއް – ހަނގުރާމަ ފެށި ފަރާތުން އޭގެ އަގު އަދާކުރަންޖެހޭނެ." ޒެލެންސްކީ ވިދާޅުވިއެވެ.
މި ބައްދަލުވުން ބޭއްވުނީ ވައިޓް ހައުސްގައި ޓްރަމްޕާއި ވައިސް ޕްރެސިޑެންޓް ޖޭޑީ ވާންސް، ޒެލެންސްކީއާ އަމާޒުކޮށް އެމެރިކާގެ އެހީތެރިކަމަށް އެކަށީގެންވާ ވަރަށް ޝުކުރުވެރިނުވާ ކަމަށް ބުނެ ފާޑުކިޔާފައި ވަނިކޮށެވެ. އެ ބައްދަލުވުމުގައި ޒެލެންސްކީ ވަނީ އެމެރިކާއަށް މަޢުދަނީ ވަސީލަތްތަކަށް ވާސިލުވުމުގެ ފުރުސަތު ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވީ ނަމަވެސް، އެއްވެސް އެއްބަސްވުމެއްގައި ސޮއިނުކޮށް ވޮޝިންގްޓަނުން ފުރާވަޑައިގެންފައެވެ.