ފަލަސްޠީނުގެ ޣައްޒާ އަލުން އާރާސްތު ކުރުމަށް މިޞްރުން ހުށަހަޅާފައިވާ ހުށަހެޅުމަށް ދިވެހިރާއްޖެއިން މަރުޙަބާ ކިޔައިފިއެވެ.
ޣައްޒާގެ މުސްލިމުން ވަޒަނުން ބޭރުކޮށް، އެ ބިން ފޭރިގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ތަސައްވުރުގެ ބަދަލުގައި އަމަލު ކުރާނެ ގޮތުގެ ހުށަހެޅުން ފާސްކޮށްފައި ވަނީ މިޞްރުގެ ވެރިރަށް ޤާހިރާގައި ބޭއްވި ޢަރަބި ޤައުމުތަކުގެ ސަމިޓުގައެވެ.
މިކަމާ ގުޅިގެން ރާއްޖޭގެ ޚާރިޖީ ވަޒީރު ކުރެއްވި ޕޯސްޓްގައި ވިދާޅުވީ މި ހުށައަޅާފައިވާ ޕްލޭނަކީ ޢައްޒާގެ ކަމާގުޅުންހުރި އިދާރާތަކުގެ ލަފާގެ މައްޗަށް ބިނާކޮށް، ކުރިއަށްގެންދާ މަސައްކަތަކަށްވާތީ، ޢައްޒާގެ ރައްޔިތުންނަށް އެމީހުންގެ އަމިއްލަ ބިމާއި ވަޒަނުގައި ރައްޔިތުން ބޭނުންވާފަދަ ދިރިއުޅުމެއް އާރާސްތުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅަކަށް ވާނެކަމަށެވެ.
މި ފިޔަވަޅުތަކާއެކު، 1967 ގެ ކުރިން ފަލަސްތީނުގެ ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، އިރުމަތީ ޤުދުސް އަކީ އެ ޤައުމުގެ ވެރިކަންކުރާ ރަށް ކަމަށް ކަނޑައަޅާ، ފަލަސްތީންގައި މިނިވަން ދައުލަތެއް ގާއިމުކުރުން ބާރަކަށް ވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މިސްރުގެ ހުށައެޅުމުގައި ވަނީ އިންތިގާލީ ފިޔަވަޅުތަކާއި ޣައްޒާ އަލުން އާރާސްތު ކުރުމާއި ޣައްޒާގައި ވެރިކަން ހިންގާނެ ގޮތެއް ކަނޑައެޅުމަށެވެ.
މިޞްރުން ހުށަހަޅާފައިވާ ޣައްޒާ އާރާސްތުކުރުމުގެ މަޝްރޫޢުގެ ފުރަތަމަ މަރުޙަލާގައި، 6 މަސްދުވަހުގެ ތެރޭގައި ވެރިކަން ހިންގާނެ ކޮމިޓީއެއް އެކުލަވާލައި، ޞަލާޙުއްދީން މަގު ސާފުކޮށް، 200,000 ހައުސިންގ ޔުނިޓު އެޅުމާއި ގެއްލުން ލިބިފައިވާ އިމާރާތްތައް މަރާމާތުކުރުން ހިމެނެއެވެ. މި މަރުޙަލާގައި 1.2 މިލިއަން މީހުންނަށް ހިޔާވަހިކަން ލިބިގެންދާނެއެވެ.
މަޝްރޫޢުގެ ދެވަނަ އަދި ތިންވަނަ މަރުޙަލާގައި އިތުރު 400,000 ގެދޮރު ބިނާކުރުމަށް ވަނީ ރޭވިފައެވެ. މުޅި މަޝްރޫޢަށް 53 ބިލިއަން އެމެރިކާ ޑޮލަރު ހޭދަވާނެކަމަށް މިޞްރުން އަންދާޒާކުރެއެވެ.
މި މަޝްރޫޢު ފެށިފައިވަނީ 2023 އޮކްޓޫބަރު 7 ގައި ޔަހޫދީން ފެށި ޢުދުވާނީ ހަމަލާތަކުގައި ޣައްޒާގެ ޢުމްރާނީ ވަސީލަތްތައް ހަލާކުކޮށް، 61,700 މީހުން ޝަހީދުކޮށް، 111,000 މީހުން ޒަޚަމްކޮށްލުމަށް ފަހުގައެވެ.



