ރަމަޟާން މަހަކީ ޤުރްއާން ބާވައިލެއްވި މަހެވެ. މި ބަރަކާތްތެރި މަހުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ މުސްލިމުން ޤުރްއާން ކިޔެވުމަށް އާދަޔާ ޚިލާފު އަހައްމިއްޔަތުކަމެއް ދެއެވެ. މިސްކިތްތަކުގައްޔާއި، ގޭގައި އަދި އެހެނިހެން ތަންތަނުގައި ޤުރްއާން ކިޔަވާ އަޑު އިވޭކަން ފާހަގަކުރެވެއެވެ. ނަމަވެސް، މިއަދުގެ ޒަމާނީ ޓެކްނޮލޮޖީގެ ކުރިއެރުމާއެކު، ޤުރްއާން ކިޔެވުމުގައި ވެސް ބަދަލުތަކެއް އައިސްފައިވެއެވެ. މިސްކިތްތަކުގައި މުސްހަފް ފެންނަން ހުންނައިރު، ބައެއް މީހުން ފޯނުން ޤުރްއާން ކިޔަވާ މަންޒަރު ފެނެއެވެ. އެހެންނަމަވެސް، މިއީ ޤުރްއާން ކިޔެވުމުގެ އެންމެ މަތިވެރި ޘަވާބާއި ދަރުމަ ޙާޞިލުވާނެ ގޮތްތޯ މިއީ ހިތުގައި އުފެދޭ ސުވާލެކެވެ. އެހެންކަމުން، މި ލިޔުމުގައި އަޅުގަނޑު ބަލާލަން ގަސްތުކުރަނީ ޤުރްއާން ކިޔެވުމުގެ ދަރުމަ ބޮޑަށް ލިބޭނީ ފޯނުން ނުވަތަ މުސްހަފުން ޤުރްއާން ކިޔަވައިގެން ތޯއެވެ؟
އިސްލާމީ ޢިލްމުވެރިންގެ އިއްތިފާޤުން، މުސްހަފުން ޤުރްއާން ކިޔެވުމަކީ އެންމެ މާތް އަދި އެންމެ ގިނަ ޘަވާބު ލިބޭނެ ގޮތެވެ. ޝައިޚް މުޙައްމަދު ބިން ޞާލިޙް އަލް-ޢުޘައިމީން ވިދާޅުވެފައިވަނީ "މުސްހަފުން ޤުރްއާން ކިޔެވުމަކީ އެންމެ މާތް ގޮތެވެ. އެއީ އެގޮތަށް ކިޔެވުމުގައި ލޮލުން ބެލުމާއި، އަތުން ހިފެހެއްޓުމާއި، ދުލުން ކިޔެވުން ހިމެނޭތީއެވެ." މި ބަސްފުޅުން އެނގޭ ގޮތުގައި މުސްހަފުން ކިޔެވުމުގައި ހަށިގަނޑުގެ ގިނަ ގުނަވަންތަކެއް ބައިވެރިވެއެވެ.
އަދި ހަމަ އެހެންމެ، އިސްލާމީ ޢިލްމްވެރިން ވިދާޅުވެފައިވަނީ މުޞްޙަފުން ކިޔެވުން އެންމެ އައުލާކަން ބޮޑު ގޮތް ކަމަށެވެ. އިމާމު ނަވަވީ ވިދާޅުވެފައިވަނީ "މުޞްޙަފުން ޤުރުއާން ކިޔެވުމަކީ ހިތުދަސްކޮށްގެން ކިޔެވުމަށްވުރެ މާތްކަން ބޮޑު ކަމެއް ކަމަށެވެ. އެހެނީ އެއީ މުޞްޙަފަށް ބެލުމަކީވެސް އެދެވިގެންވާ އަޅުކަމަކަށްވާތީ، ކިޔެވުމާއި ބެލުން އެކުވެގެންދާތީއެވެ." އަދި ބައެއް ޢިލްމުވެރިން އިޝާރާތް ކުރައްވާފައިވަނީ މުޞްޙަފުން ކިޔެވުން އެންމެ އައުލާކަން ބޮޑު ކަމަށެވެ. އެއީ އޭގައި ދެ ދަރުމަ ވާތީއެވެ. ފުރަތަމައީ މުޞްޙަފަށް ބެލުމެވެ. އަދި އޭގެން ކިޔެވުމުގައި އިންސާނާގެ ހިތުގައި މަތިވެރިކަމާއި ޢަޒަމަތްތެރިކަން އުފެދެއެވެ. މޯބައިލް ފޯނުގައި މިކަން ގެއްލިގެންދެއެވެ. އަދި މުޞްޙަފުން ކިޔެވުމުގައި ޝަރީޢަތުން އަމުރުކުރައްވާފައިވާ ގޮތަށް އެކަން މަތިވެރިކުރެވެއެވެ.
އަދި ހަމަ އެހެންމެ، އިސްލާމްދީނުގައި "ޤުރްއާނުގެ މުސްހަފަކީ" މާތް ކުރައްވާފައިއެއްޗެކެވެ. އަދި އެއީ ޠާހިރުވެގެންވާ މީހުންނަށް މެނުވީ އެޤުރްއާން އުފުލާ ގެންގުޅުންވެސް މަނާ ކުރައްވާފައި އެއްޗެކެވެ. އެހެންކަމަށްވާއިރު، ޤުރްއާން މުސްޙަފު އުފުލާ އެޤުރްއާނުން ކިޔެވުމަކީ މަތިވެރިކަމަކަށް ނުވާނެތޯއެވެ؟
މިއަދުގެ ޒަމާނީ ދުނިޔޭގައި ޤުރްއާނުގެ ސޮފްޓްވެއަރ ތަކާއި މޯބައިލް އެޕްތައް ފަސޭހައިން ލިބެން ހުރި ނަމަވެސް، މުސްހަފުން ކިޔެވުމުގެ މާތްކަމާއި މަތިވެރިކަން އެއްވެސް ގޮތަކަށް ކުޑައެއް ނުވެއެވެ. ޝައިޚް ޞާލިޙް އަލް-ފައުޒާން ވިދާޅުވެފައިވަނީ "އިލެކްޓްރޯނިކް ވަސީލަތްތަކުން ޤުރްއާން ކިޔެވުމަކީ ހުއްދަ ކަމެކެވެ. ނަމަވެސް މުސްހަފުން ކިޔެވުމަކީ އެންމެ މާތް އަދި އެންމެ ގިނަ ދަރުމަ ލިބޭނެ ގޮތެވެ." މޯބައިލުން ޤުރުއާން ކިޔެވުމަކީ ޝަރުޢީ ގޮތުން ހުއްދަ ކަމެކެވެ. އަދި މުސްލިމަކު ދަތުރުފަތުރުގައި ކިޔަވާނަމަ އެއީ އަޅުކަމެކެވެ. އަދި މިޞްރުގެ ދާރުލް އިފްތާގެ ޢިލްމުވެރިން މުޞްޙަފު ލިބެން ނެތް ޙާލަތުގައި މޯބައިލުން ކިޔެވުން ހުއްދަ ކުރައްވާފައިވެއެވެ.
ފޯނުން ޤުރުއާން ކިޔެވުމަށް ވުޟޫ ކުރުން ޝަރުޠުވޭތޯ؟
ފޯނުން ޤުރުއާން ކިޔެވުމަށް ވުޟޫ ކުރުން ޝަރުޠެއް ނޫނެވެ. އޭރު ކިޔެވުމާއި އަތްލުން ހުއްދައެވެ. އެކަމަކު ޖުނުބުވެރިވެފައިވާ މީހަކަށް މުޞްޙަފުން ނުވަތަ ފޯނުން ކިޔެވުން ހުއްދައެއް ނޫނެވެ. އެކަމަކު ޙައިޟުވެރި އެކަމަކު ޙައިޟުވެރި އަންހެނާގެ މައްސަލައިގައި ދެ ރައުޔެއް ވެއެވެ. ފުރަތަމަ ރައުޔަކީ ޖުނުބުވެރިޔާ ފަދައިން މުޞްޙަފު އަތުލުން ހުއްދަ ނޫން ކަމަށެވެ. އެއީ ކިޔެވުމަށް ނުވަތަ އެހެން ކަމަކަށް ވިޔަސްމެއެވެ. ދެވަނަ ރައުޔަކީ ޙައިޟު ޙާލަތުގައި ފޯނުން ޤުރުއާން ކިޔެވުން ހުއްދަ ކަމަށެވެ. އެއީ ފޯނަކީ ކަރުދާހުގެ މުޞްޙަފުގެ ޙުކުމް ނުހިނގާ އެއްޗަކަށްވާތީ، ފޯނުގައި އަތްލާއިރު ޠަހާރަތްވެރިވުން ޝަރުޠެއް ކަމުގައި ނުވާތީއެވެ.
މި ކަމާ ގުޅޭގޮތުން މިޞްރުގެ ޕާލަމެންޓުގެ ދީނީ ކޮމިޓީގެ ރައީސް، އަދި ކުރީގެ މުފްތީ، އަލްއަޒްހަރުގެ ބޮޑެތި ޢިލްމުވެރިންގެ މަޖިލީހުގެ މެންބަރު ޑރ. ޢަލީ ޖުމުޢާ ވިދާޅުވެފައިވަނީ، މަގުމަތީގައި ހިނގާފައި ދާއިރު ނުވަތަ މޯބައިލް ފޯނުން ކިޔަވާއިރު ވުޟޫއެއް ނެތި ޤުރުއާން ކިޔެވުން ހުއްދަ ކަމަށެވެ. އެ ބޭކަލުންގެ ރައުޔުގައި، ގިނަ ކަންކަމުގައި ކޮންމެ ޙާލެއްގައިވެސް ޤުރުއާން ކިޔެވުން ހުއްދައެވެ. އެކަމަކު ބޮޑު ޙަދަޘުގައި ނޫނެވެ. އެ ބޭކަލުން އިޝާރާތްކުރައްވާފައިވަނީ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޖުނުބުވެރިވެފައި ނެތް ކޮންމެ ޙާލެއްގައި ޤުރުއާން ކިޔަވާ ކަމަށެވެ. ޖުނުބުވެރިވެފައި ހުންނަވާނަމަ، ޠާހިރުވެވަޑައިގަންނަވަންދެން މުޞްޙަފުގައި އަތްނުލައްވައެވެ.
ފޯނުން ކިޔެވުމާއި މުސްޙަފުން ކިޔެވުމާއި ދަރުމަ އެއްވަރު ވާނެތަ؟
ދެން އުފެދޭ ސުވާލަކީ ފޯނުން ކިޔެވުމާއި މުސްޙަފުން ކިޔެވުމުގައި "ކިޔެވުމުގެ" ދަރުމަ އެއްވަރު ވާނެތޯ؟ އެވެ. މިސުވާލުގެ ޖަވާބުގައި، މިޞްރުގެ ދާރުލް އިފްތާގެ ފަތުވާގެ އަމީން ޑރ. ޢަބްދުﷲ އަލްޢަޖަމީ ވިދާޅުވެފައިވަނީ މުޞްޙަފުން ނުވަތަ ފޯނުން "ކިޔެވުމުގެ" ދަރުމަ އެއްވަރު ކަމަށެވެ. މުޞްޙަފު ލިބެން ނެތްނަމަ ފޯނުން ކިޔެވުން ހުއްދައެވެ. އަދި އެއީ މުޞްޙަފު ދޫކޮށްލުމެއް ނޫންކަމަށެވެ. އަދި މުޞްޙަފު ދޫކޮށްލުމޭ ބުނެވެނީ ﷲގެ ކަލާންފުޅު ދޫކޮށްލުމަށެވެ. އިންސާނާއަށް ފަސޭހަވާ ގޮތަކަށް ޤުރްއާން ކިޔެވުން ކުރިއަށް ގެންދިއުމަކީ މައްސަލައެއް ނޫނެވެ. މީގައި އެންމެ މުހިންމު ކަމަކީ އޭނާގެ މައްޗަށް ވާޖިބުވެގެންވާ ކަންތައް އަދާކުރުމެވެ. އެއީ ﷲ ޢައްޒަ ވަޖައްލަގެ ކަލާންފުޅު ކިޔެވުމަށް ރައްކާތެރިވުމެވެ.
އަދި ހަމައެހެންމެ، މޯބައިލް ފޯނުން ޤުރުއާން ކިޔެވުމުގެ ދަރުމަ މުޞްޙަފުން ކިޔެވުމަށްވުރެ މަދުވާނެ ކަމަށް ޤަބޫލުކުރާ މީހުންގެ ޤަބޫލުކުރުމަކީ ރަނގަޅު ނޫން ޤަބޫލުކުރުމެކެވެ. އެއީ މޯބައިލް ފޯނުން ޤުރުއާން ކިޔެވުމާއި މުޞްޙަފުން ކިޔެވުމުގައި އެއްވަރުގެ ދަރުމަ ލިބޭނެތީއެވެ. އެއީ ﷲ ތަޢާލާގެ މި ވަޙީބަސްފުޅު "އަދި ޤުރުއާން ތަރުތީލުކޮށް ކިޔަވާށެވެ!" މި އާޔަތުގެ ސަބަބުންނެވެ. އެހެނީ، ޤުރުއާން ކިޔެވުން، އެއީ ފޯނުން ވިޔަސް، މުޞްޙަފުން ވިޔަސް، ނުވަތަ އެހެން އެއްޗަކުން ވިޔަސް، އޭގެ ތިލާވަތުގެ ދަރުމައާއި އަޖުރު އެއްވަރުވާނެކަމެކެވެ.
އެހެން ނަމަވެސް ފޯނުން ޤުރްއާން ކިޔެވުމަށްވުރެ އެދެވިގެންވަނީ އަދި މުސްހަފު ލިބެން ހުރިތަނެއްގައި ކިޔެވުން އެންމެ އައުލާކަން ބޮޑީ ފޯނަށްވުރެ މުސްހަފުން ކިޔެވުން ކަމުގައި ޢިލްމުވެރިން ބަޔާންކޮށްފައިވެއެވެ. އަދި މީގެ އިތުރުން، މުސްހަފުން ޤުރްއާން ކިޔެވުމުގެ އިތުރު ފައިދާތަކެއްވެސް ވެއެވެ. އެކަންތަކުގެ ތެރޭގައި:
(1). ޤުރްއާނަށް ޙުރުމަތްތެރިކޮށް ހިތުން: މުސްހަފް ގެންގުޅުމުގައި ވުޟޫކުރުމާއި، ސާފުތާހިރުކަމާއެކު ގެންގުޅުން ހިމެނެއެވެ. މިކަމުން ޤުރްއާނަށް ޙުރުމަތްތެރިކޮށް ހިތުމުގެ އާދަ ތިމާގެ ކިބައިގައި އަށަގަންނާނެއެވެ.
(2). ހަނދާން ބަހައްޓަން ފަސޭހަވުން: މުސްހަފުން ކިޔެވުމުން ޤުރްއާނުގެ އާޔަތްތައް ހިތުދަސްކުރުމަށް ފަސޭހަގޮތެއްކަމަށް ޢިލްމުވެން ވިދާޅުވެފައިވެއެވެ.
(3). ތަޖުވީދުގެ ޤަވާޢިދުތައް ރަނގަޅަށް ދަސްވުން: މުސްހަފުން ކިޔެވުމުން ތަޖުވީދުގެ ޤަވާޢިދުތައް ރަނގަޅަށް ދެނެގަނެވެއެވެ.
(4). ނަފްސާނީ ހިތްހަމަޖެހުން: މުސްހަފް ހިފައިގެން ކިޔެވުމުން ނަފްސާނީ ހިތްހަމަޖެހުމެއް ލިބޭނެ ކަމެކެވެ.
އެހެންކަމުން ނިންމާލުމުގެ ގޮތުން ދަންނަވާނީ، މިއަދުގެ ޓެކްނޮލޮޖީގެ ޒަމާނުގައި ޤުރްއާން ކިޔެވުމަށް ތަފާތު ވަސީލަތްތައް ލިބެން ހުރި ނަމަވެސް، މުސްހަފުން ޤުރްއާން ކިޔެވުމުގެ މާތްކަމާއި މަތިވެރިކަން އެއްވެސް ވަރަކަށް ކުޑައެއް ނުވާކަމަށެވެ. އަދި އިސްލާމީ ޢިލްމު ވެރިންގެ އިއްތިފާޤުން، މުސްހަފު އުފުލާގެން ޤުރްއާން އަށް ބަލައިގެން ކިޔެވުމަކީ އެންމެ މާތް އަދި އެންމެ ގިނަ ޘަވާބު ލިބޭނެ ގޮތް ކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި ފަސޭހައިން މުސްހަފު ލިބެން ހުރި ތަނެއްގައި އަޅުގަނޑުމެން އެންމެން ވެސް މުސްހަފުން ޤުރްއާން ކިޔެވުމަށް އިސްކަންދީ، އޭގެ ބަރަކާތާއި ދަރުމަ ހޯދުމަށް މަސައްކަތް ކުރަންވާނެއެވެ. އަދި މާތް ﷲ އަޅުގަނޑުމެންނަކީ މިބަރަކާތްތެރި މަހުގައި ގިނަގިނައިން ޤުރްއާން ކިޔަވާ ބައެއް ކަމުގައި ލައްވާށި! އާމީން.
މައުލޫމާތުނެގީ: އިސްލާމިކްވެބް.ނެޓް