ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާޙް، ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ހިންގި އަނިޔާވެރި ޢަމަލުތަކާއި ޚިޔާނާތުގެ ޢަމަލުތަކާ މެދު ސުވާލު އުފައްދަވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާޙް ވިދާޅުވި ގޮތުގައި 20 ވަނަ މަޖިލިސް ނަމޫނާ މަޖިލީހަކަށް ވެފައިވަނީ ސަރުކާރުން މަޖިލީހަށް ނުފޫޒު ނުފޯރުވާތީއެވެ. އެހެންނަމަވެސް 18 ވަނަ މަޖިލީހުގައި، ޔާމީންގެ ވެރިކަމުގައި، މަޖިލިސް މެންބަރުންނަށް އަނިޔާވެރި ޢަމަލުތައް ހިންގައި، މަޖިލިސް ހިސޯރުކޮށް، 12 މެންބަރުން 2 އަހަރު ވަންދެން މަގުމަތިކުރިކަމަށް ފާހަގަކުރެއްވިއެވެ.
"މި ޤައުމުގެ 15 އަހަރުން މަތީގެ ކޮންމެ ރައްޔިތަކާ މި ސުވާލުތައް ކޮށްލަ ބައްލަވާ. ލިބެނީ މި ޖަވާބު ނޫންތޯ،" ފަލާޙް ވިދާޅުވިއެވެ.
20 ވަނަ މަޖިލީހަކީ ނަމޫނާ މަޖިލީހެއް އެހެން އެކަންވާ ސަބަބަކީ ސަރުކާރުން މަޖިލީހައް އަތާ ފަޔާ ނުބޭނުން އަޅުގަނޱު އުޅުނިން 18 ވަނަ މަޖިލީހުގަ އޭރު ވެރިޔަކީ ޔާމީނު ޔާމީނު އަތާ ފައިން ބައެއް ފަހަރު އޮބި ނޯވެގެން އޭރުގެ މެޱަމް ގެ އަތާ ފައި ވެސް އޮންނަނީ މަޖިލީސް ފުލޯގަ އަޅުގަނޱު…
— Ibrahim Falah (@IbrahimFalahR) March 7, 2025
އަދި ފަލާޙް ވަނީ ޔާމީންގެ ވެރިކަމުގައި ޖުޑިޝަރީއަށް ނުފޫޒު ފޯރުވައި، ކޯޓުތަކުގެ މިނިވަންކަން ގެއްލުވާލައި، ބައިތުލްމާލުން އެތައް ސަތޭކަ މިލިއަން ރުފިޔާއެއް އަމިއްލަ އެކައުންޓުތަކަށް ޖަމާކުރި ކަމަށްވެސް ފާހަގަކުރައްވާފައެވެ.
މި ބަޔާންތަކާއެކު ފަލާޙް ވަނީ ޔާމީން މިހާރު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކާމެދު ސުވާލު އުފައްދަވައި، ޖުޑިޝަރީއާއި ކޯޓުތަކުގެ ވާހަކަ އަދި ވައްކަމާއި އަނިޔާވެރިކަމުގެ ވާހަކަ ދެއްކެވުމާމެދު އަޖައިބުވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.



