އެމެރިކާއިން އިންޒާރު ދެމުންދާ ވަގުތެއްގައި އެ ގައުމާއެކު އެއްވެސް މަޝްވަރާއެއް ނުކުރައްވާނެ ކަމަށް އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވެއްޖެއެވެ.
އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވެފައިވަނީ އެމެރިކާއިން އިންޒާރު ދެމުންދާ ވަގުތެއްގައި އެ ގައުމާއެކު އެއްވެސް މަޝްވަރާއެއް ނުކުރާނެ ކަމަށެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް "ކުރެވޭ ކަމެއް ކުރުމަށް" ގޮވާލައްވާފައިވެއެވެ.
"އެމެރިކާއިން އަމުރުތައް ނެރެ، އިންޒާރު ދިނުމަކީ އަޅުގަނޑުމެންނަށް ގަބޫލުކުރެވޭނެ ކަމެއް ނޫން. އަޅުގަނޑު ތިޔަ ބޭފުޅުންނާއެކު މަޝްވަރާއެއްވެސް ނުކުރާނަން. ކުރާ ކަމެއް ކުރޭ،" އިރާނުގެ ސަރުކާރުގެ މީޑިއާގައި ރައީސް ޕެޒެޝްކިއަން ވިދާޅުވިއެވެ.
އޭނާ މިހެން ވިދާޅުވެފައިވާއިރު، ޓްރަމްޕް އިރާނާއެކު އައު ނިއުކްލިއަރ އެއްބަސްވުމަކަށް ވާހަކަ ދެއްކުމަށް ސިޓީއެއް ފޮނުއްވާފައިވާކަމަށް ވިދާޅުވި ފަހުން، އިރާނުގެ ސުޕްރީމް ލީޑަރު އާޔަތުއްލާ އަލީ ހަމްނެއީ ވިދާޅުވެފައިވަނީ އިރާނަށް ބިރުދައްކައިގެން މަޝްވަރާއަކަށް ނުގެންދެވޭނެ ކަމަށެވެ.
އިރާނާއެކު އެއްބަސްވުމަކަށް އައުމަށް ޓްރަމްޕް ހުޅުވާލައްވާފައިވީ ނަމަވެސް، އޭނާގެ ފުރަތަމަ ދައުރުގައި އިރާނަށް ދެކޮޅަށް ގެންގުޅުއްވި "މެކްސިމަމް ޕްރެޝަރ" ކެމްޕޭން އަލުން ފަށާފައިވެއެވެ. މީގެ ދަށުން އިރާނުގެ އިގްތިސާދު ބައިނަލްއަގްވާމީ އިގްތިސާދުން އެކަހެރިކޮށް، ތެލުގެ އެކްސްޕޯޓް ސުމަކަށް ގެނައުމަށް މަސައްކަތް ކުރެއެވެ.
އިރާނުން ވަނީ ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ ވިސްނުން ނެތް ކަމަށް ބުނެފައިވީ ނަމަވެސް، އައި.އޭ.އީ.އޭ އިން އިންޒާރު ދީފައިވާ ގޮތުގައި އެ ގައުމުން ވަނީ 60 ޕަސެންޓް ސާފުކަން ހުރި ޔުރޭނިއަމް އުފެއްދުން "ހައިރާންވާ ވަރަށް" އަވަސް ކޮށްފައެވެ. މިއީ ހަތިޔާރު އުފެއްދުމަށް ބޭނުންވާ 90 ޕަސެންޓާ ކައިރި މިންވަރެކެވެ.