މާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ދާރުލް އަރުޤަމް ވަޤްފް އިމާރާތުގެ މަސައްކަތް ރަމަޟާންމަސް ނިމުމުން މަސައްކަތް ފެށުމައް ތައްޔާރުވަމުންދާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޝަހީމް ވަނީ ދާރުލް އަރުޤަމް ވަޤްފް އިމާރާތުގެ ކުރެހުންތައް އާންމުކުރައްވާފައެވެ. މި ކުރެހުންތައް ތައްޔާރުކޮށްފައިވަނީ އީޕޮކް އެސޯސިއޭޓްސް ކިޔާ ބަޔެކެވެ.
މި ދައުރުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދިއުމަަށް ހަމަޖެހިފައިވާ އެންމެ ބޮޑު ދެ މަޝްރޫޢަކީ ދާރުލްއަރުޤަމް މަޝްރޫޢުގެ އިތުރުން ހުޅުމާލޭގައި އެޅުމަށް ތައްޔާރުވަމުންދާ ދާރުއްސަލާމް ވަޤުފް އިމާރާތުގެ މަޝްރޫޢެވެ. މި މަޝްރޫޢުތައް ކާމިޔާބުކަމާއެކު ނިންމާލެވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ބަޖެޓަށް ބޮޑު ލުއެއް ލިބިގެންދާނެކަން އެ ވުޒާރާއިން ވިދާޅުވެފައިވެއެވެ.
މާލޭގައި ތަރައްޤީކުރާ ދާރުލްއަރުޤަމް އަދި ހުޅުމާލޭގައި ތަރައްޤީކުރާ ދާރުއްސަލާމް ވަޤުފު އިމާރާތަކީ 12 ފަންގިފިލާގެ އިމާރާތްތަކެކެވެ. ދާރުލްއަރުޤަމްގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ރަމަޟާންމަހަށްފަހުގައެވެ.
މިވަގުތު ރާއްޖޭގައި ހުރީ އެންމެ ވަޤުފު އިމާރާތެއް ކަމުގައިވާ "ދާރުލް އީމާން" އިންނެވެ. މި އިމާރާތުން އަހަރަކު 6 މިލިޔަން ރުފިޔާ ލިބެއެވެ. އަދި އަލަށް ތަރައްޤީކުރާ ވަޤުފު އިމާރާތްތަކާއެކު އަހަރަކު 50 މިލިޔަން ރުފިޔާ ލިބޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވެފައިވެއެވެ.
މާލެ އާއި ހުޅުމާލޭގައި ތަރައްޤީކުރާ ވަޤުފު އިމާރާތްތަކުގެ އިތުރުން، އަތޮޅުތެރޭގައިވެސް މިފަދަ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް އަތޮޅު ވަޤުފު މަޝްރޫޢެއް ވަނީ ފަށާފައެވެ.