އިރަކީ އަލިކަމެއްގެ ގޮތުގައި އަދި ހަނދަކީ ނޫރެއްގެ ގޮތުގައި ލެއްވިފައިވަނީވެސް އިންސާނުންނަށް މަންފާކުރުމަށްޓަކައި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ޕާޓީގެ އިހްޔާ ފޯރަމްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައިވާ ގޮތުގައި، ކައުނު ﷲ ތަސްޙީރު ކުރައްވާފައިވަނީ، ކިޔަމަންތެރި ކުރައްވާފައިވަނީ އިންސާނާއަށްޓަކައެވެ.
މި ބިންމަތީގައި ﷲ ސުބްހާނަހޫ ވަތައަލާ އިންސާނާ ހަލީފާވެރި ކުރެއްވި ކަމަށް ވިދާޅުވިއެވެ. ޝަހީމް ވިދާޅުވީ ހަލީފާގެ މާނަޔަކީ ﷲ ސުބްހާނަހޫ ވަތައަލާގެ ފަރާތުން މި ބިންމަތީގައިވާ ނައިބުން ކަމަށާއި އަދި ﷲގެ އަމުރު މި ބިންމަތީގައި ތަންފީޒުކޮށް، ތައުމީރުކޮށް އުމްރާނީ ގޮތުން ކުރިއަރުވައި އަދި މި ބިންމަތީގައި ﷲ ގެ އެއްކައުވަންތަކަން ގާއިމު ކުރުމުގެ މަތިވެރި މަގްސަދުގައި ކަމަށެވެ.
ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ގޮތުގައި ގަސްގަހާގެހި، ކަނޑު، ބަގީޗާތައް، އަދި އުޑުގައިވާ އިރާއި ހަނދާއި ތަރިތައްފަދަ ހުރިހާ އެއްޗެއް ލައްވާފައިވަނީ އިންސާނުންނަށް ޚިދުމަތްކުރުމަށެވެ. އިރަކީ އަލިކަމެއްގެ ގޮތުގައި އަދި ހަނދަކީ ނޫރެއްގެ ގޮތުގައި ލެއްވިފައިވަނީވެސް އިންސާނުންނަށް މަންފާކުރުމަށެވެ.
ހަމައެހެންމެ، މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ކަނޑުވެސް އިންސާނުންނަށް ކިޔަމަންކުރައްވާފައިވެއެވެ. އޭގެ ބޭނުމަކީ އިންސާނުންނަށް ތާޒާ މަސް ލިބި، އެއިން މަންފާ ހޯދުމެވެ. މިހުރިހާ ކަމެއްވެސް ﷲ ތަޢާލާ ވަނީ ކީރިތި ޤުރުއާނުގައި ވަރަށް ސާފުކޮށް ބަޔާންކުރައްވާފައެވެ.