30 އެޕްރީލް 2025

ކިޔަމަންތެރި އަނބިމީހާ (1)

ފަތިހުގެ ރަތްވިލާ އުދަރެހުގައި ފެތުރެން ފެށިއެވެ. ސާފު ހުދު ގޮނޑުދޮށުގެ ވެލިތަކާއި ރަށުތެރޭގެ ފެހި ރުއްގަސްތައް އިރުގެ ފުރަތަމަ އަލިކަމުން ނިވާވަމުން ދިޔައެވެ. ފަރުމަތީގައި ޖެހޭ ރާޅުތަކުގެ މަޑުމައިތިރި އަޑު ރަށުތެރެއަށް އިވެމުން ދިޔައެވެ. ވާރޭގެ ތެތްފިނިކަން ފަޒާގެ ތެރޭގައި ހިފާލާފައިވާ ފިނި ވަގުތެކެވެ. ގަސްތަކުގެ ފަތްތަކުގެ މަތީގައި ވާރޭގެ ތިކިތައް ޝަމްނަމު ތިކިތަކެއް ފަދައިން ވިދާ ބަބުޅުން ދިޔައީ މުތީތަކެއް ފަދައިންނެވެ. ދޫނީސޫފާސޫފީގެ ގޮވެލިތަކުން އެ މާހައުލަށް އިތުރު ހިތްގައިމުކަމެއް ލިއްބައިދިނެވެ. ފަތިހުގެ ފުރަތަމަ ހާލުގެ ބާރުއަޑުން ގޮވާލި ގޮވާލުމާއި ދާތި އެއްވަގުތެއްގައި ކުއްލިއަށް ފާޠިމާގެ ކަންފަތަށް އިވުނީ ފަތިސް ނަމާދުގެ ބަންގީގެ ހިތްގައިމު އަޑެވެ. އޭނާގެ ހިތް ﷲ އަށް ޝުކުރުވެރިކަމުން ފުރިގެން ދިޔައެވެ. އަނެއްކާވެސް ހެޔޮ ޢަމަލުކުރުމުގެ އާ ފުރުޞަތެއް ލިބުނީތީއެވެ.

ފަތިހުގެ އެއަރާމު ވަގުތު ތުނިތުނިކޮށް ވެހެމުންދިޔަ ހިމަފޮދު ވާރޭގެ ފިނިކަމުގެ ތެރޭގައި ރަޖާގަނޑުގެ ދަށުގައި އޮތުމަށް ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ. އެހެނަސް ފާޠިމާ އަވަސްވެގަތީ ތެދުވެ، ފިރިމީހާ އަޙްމަދަށް ފާޚާނާއަށް ދިއުމަށް އެހީތެރިވެދޭށެވެ. އޭނާ ފިރިމީހާގެ ތުވާލި ތައްޔާރުކޮށް، ފާޚާނާގެ ދޮރުމަތީގައި ބެހެއްޓިއެވެ. ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވާ ޙަދީޘެއްގެ މާނައިގައިވާ ފަދައިން "އެންމެ ހެޔޮވެގެންވާ އަނތްބަކީ ފިރިމީހާ ބަލާލުމުން އުފާވެރިކަން ގެނެސްދޭ، އަދި އޭނާ ކުރާ އަމުރުތަކަށް ކިޔަމަންވާ، އަދި ފިރިމީހާގެ މުދަލާއި ނަފްސު ރައްކާތެރިކޮށްދޭ އަނބިމީހާކަމެވެ." މި ޙަދީޘްފުޅު ހަނދާންވެ، ފާޠިމާ އިތުރަށް ހިތްވަރު ލިބިގަތެވެ.

ފާޠިމާއަކީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއިން ކީރިތި ޤުރްއާނާއި ތަފްސީރުގެ ދާއިރާއިން މާސްޓާރސް ޑިގްރީ ހާސިލުކޮށް ފައިވާ، ޢިލްމީ ފުންމިނާއި ތަޤްވާވެރިކަމުގެ ވެށްޓެއްގައި ބޮޑުވެފައިވާ އަންހެން ކުއްޖެކެވެ. އޭނާއަކީ ރަށުގެ މުދިމުގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. ފާޠިމާގެ ހިތުގައި ވަޒީފާއެއް އަދާކުރުމުގެ ޝައުޤުވެރިކަން ހުރި ނަމަވެސް، އޭނާ ޚިޔާރުކުރީ ގޭގައި ހުރެ ދަރިން ތަރުބިއްޔަތުކުރުމުގެ މަސައްކަތެވެ. ގެވެހި އަނތްބެއްގެ ވަޒީފާ އަދާކުރުމަށެވެ. ފާޠިމާގެ ނަޒަރުގައި، އޭނާގެ ގެއަކީ ޢިލްމާއި ތަރުބިއްޔަތު ގެ މަދަރުސާއެކެވެ. ދަރިންނަށް ދީނީ ތަޢުލީމު ދިނުމާއި، ހެޔޮ އަޚްލާޤު ދަސްކޮށްދިނުމަކީ އޭނާގެ އެންމެ މަތިވެރި ވަޒީފާއެވެ. ފާޠިމާގެ ޢިލްމީ ބައްތީގެ އަލިކަން ގޭތެރޭގައި ދަރިންނަށާއި އަދި އަވަށްޓެރިންނަށް ލިބެމުން ދިޔައެވެ. ފާޠިމާގެ ހިތުގައި ގުގުމަމުންދަނީ ރަސޫލާގެ ޙަދީޘް ބަސްފުޅެއްގެ މާނައެވެ. "ތިޔަބައިމީހުންކުރެ އެންމެ ހެޔޮވެގެންވާ މީހަކީ ޤުރްއާން ދަސްކޮށް، އަދި އެ އުނގަންނައިދޭ މީހާއެވެ." މިބަސްފުޅުގެ އަލީގައި ފާޠިމާ ކުރިއަށް ދިޔައެވެ.

ފިޔާ މީރުކުރާ ވަހާއި ރިހާކުރުގެ މީރުވަސް އެކުލެވި، ގޭތެރެއަށް ފެތުރިގެން ދިޔައެވެ. ފާޠިމާ ބަދިގޭގައި އަވަދިނެތި އުޅެއެވެ. ފިރިމީހާ އަށް ތައްޔާރުކުރާ ހެނދުނުގެ ނާސްތާއަށް ޚާއްޞަ ސަމާލުކަމެއް ދެއެވެ. ފިރިމީހާ ފެނުމުން ފާތިމާ ހިނިތުން ވެލަމުން ބުނެލިއެވެ. "ބަރަކާތްތެރި ހެނދުނެއް އަޙްމަދު," "މިއަދު ހުރީ ރިހާކުރުއާއެކު ރޮށި އަދި މަސްހުނި" އަޙްމަދު ހިނިތުންވެލަމުން ޖަވާބު ދިނެވެ. "ޝުކުރިއްޔާ ފާޠިމާ، ތިޔަ ކަނބުލޭގެ އޯގާތެރިކަމާއި ފަރުވާތެރިކަމަށް އަހަރެން އަބަދުވެސް ޝުކުރުވެރިވަމެވެ. ﷲ ތިޔަ ކަނބުލޭގެ ހެޔޮ ޢަމަލުތަކަށް ދަރުމަ ދެއްވާށިއެވެ." އާމީން.

އިރުގެ ރަން ދޯދިތައް ގޭގެ ކުޑަދޮރުން އެތެރެއަށް ވަންނަމުންދާއިރު، ޢާއިޝާ އާއި މަރްޔަމްގެ ހިނިތުންވުމުގެ އަޑު ގޭތެރޭގައި ގުގުމާފައި ހުއްޓެވެ. "މަންމާ، މަންމާ!" އެކުދިން ގޮވަމުން އައެވެ. "މިއަދު އަހަރެމެން ޤުރުއާން ކިލާހަށް ދާންޖެހޭ" ފާޠިމާ ހިތްހަމަޖެހުމާއެކު ދަރިންގެ ބޮލުގައި ފިރުމާލިއެވެ. ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވާ ޙަދީޘެއްގެ މާނައިގައިވާ ފަދައިން "ތިން ދަރިން ތަރުބިއްޔަތުކޮށް، އެކުދިންނަށް ހެޔޮގޮތުގައި އަދަބު ދަސްކޮށްދީ، ކައިވެނިކޮށްދީފި މީހަކަށް ސުވަރުގެ ވާޖިބުވެއްޖެއެވެ." ފާޠިމާ އޭނާގެ ދަރިންނަށް ޤުރުއާން ފޮތްތައް ދިނެވެ. "ދަރިންނޭ، ޤުރުއާން ކިޔެވުމަކީ އަޅުގަނޑުމެންގެ ދީނުގައިވާ އެންމެ މާތް ޢިލްމެވެ. އިމާމް ޣަޒާލީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "ޤުރުއާނަކީ ހިތްތަކުގެ ބޭސްފަރުވާއެވެ. އަދި އެއީ ދުނިޔެއާއި އާޚިރަތުގެ ހުރިހާ ހެވެއްގެ އަސްލެވެ." މިބަސްފުޅު ހަނދާންކޮށް، ޤުރުއާން ކިޔެވުމުގައި ފަރުވާތެރިވުމަށް ނަސޭހަތްތެރިވަމުން ޤުރްއާން ކްލާހަށް އެކުދިން ފޮނުވިއެވެ.

ދޫނިތަކުގެ ހިތްގައިމު އަޑުތަކާއެކު ހެނދުނުގެ ވަގުތުތައް ފާއިތުވަމުން ދިޔައެވެ. މެންދުރު ގަދަ ހޫނުކަމުގެ އަސަރު މަޑުމަޑުން ކުރަމުން ދެއެވެ. ފާޠިމާ ދަރިން ޤުރުއާން ކިލާހަށް ފޮނުވާލުމަށްފަހު، ގޭތެރެ ސާފުކުރަން ފެށިއެވެ. ކުނިކަހައި، ފަރުނީޗަރުތަކުގައި ފެންފޮހެ، ކުޑަ ދޮރުތައް ހުޅުވައި، ތާޒާ ވައި ގެއަށް ވައްދާލިއެވެ. އިރުގެ ހޫނުކަން ގަދަވެ، މެންދުރުގެ ހިޔަނި ކުރުވަމުން ދިޔައެވެ. ފާޠިމާ މެންދުރު ކެއުމަށް ބަތާއެކު ރިހާކުރު ދިޔަ ނުވަތަ ލޮނުފެން ތައްޔާރުކޮށް، މަސައްކަތުން އަވަދިވެގެން ނަމާދަށް ތައްޔާރުވިއެވެ. މެންދުރު ނަމާދަށް ފަހު، ފާޠިމާ ކޮޓަރިއަށް ވަދެ ޤުރުއާން ކިޔަވަން ފެށިއެވެ. މަޑުމައިތިރި އަޑަކުން އޭނާ ކިޔަވާ ޤުރުއާނުގެ އާޔަތްތަކުގެ އަޑު ގޭތެރެއަށް ފެތުރިގެން ދިޔައެވެ. އިމާމް އިބްނު ޤައްޔިމް ރަޙިމަހުﷲ ވިދާޅުވެފައިވާ ފަދައިން "ޤުރުއާން ކިޔެވުމަކީ ރޫޙުގެ ކާނާއެވެ. އަދި އެއީ ހިތުގެ ބާރެވެ." މި ބަސްފުޅުފުޅު ހަނދާންވެ، ފާޠިމާގެ ހިތަށް ހަމަޖެހުމާއި އުފާވެރިކަން ލިބިގެންދިޔައެވެ.

މެންދުރު ފަހަށް އެޅިތަނާ، ފާޠިމާ ދަރިން ގެއަށް އައުމަށް ތައްޔާރުވިއެވެ. އޭނާ ދަރިންނަށް ލޮނުފެން ތައްޔާރުކޮށް، ކުދި ކުދި ރޮށިކޮޅު ތަކެއް ހެދިއެވެ. ދަރިން ގެއަށް އައުމާއެކު، ފާޠިމާ އެކުދިންނާ ސުވާލުކުރިއެވެ. "ދަރިންނޭ، މިއަދު ޤުރުއާން ކިލާހުގައި ކިޔެވީ ކޮން ސޫރަތެއްތޯ ؟" ޢާއިޝާ ހިނިތުންވެލަމުން ޖަވާބުދިނެވެ. "މަންމާ، މިއަދު އަހަރެމެން ކިޔެވީ ސޫރަތުލް ޢަޞްރެވެ. އުސްތާޛު ވިދާޅުވީ މި ސޫރަތުގައި ވަރަށް މުހިންމު ފިލާވަޅުތަކެއް ވާކަމަށެވެ." ފާޠިމާ ހިތްހަމަޖެހުމާއެކު ބުންޏެވެ. "މާޝާﷲ! އާނއެކެވެ. އިމާމް ޝާފިޢީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "ﷲ މި ސޫރަތް ފިޔަވައި އެހެން އެއްވެސް ސޫރަތެއް ބާވައިނުލެއްވިނަމަވެސް މިސޫރަތުގައި އެކަނި ވެސް މީސްތަކުންނަށް ފުދޭނެ ސޫރަތެއްކަމުގައެވެ." މި ސޫރަތުގައިވާ އަގުހުރި ފިލާވަޅުތައް ދަސްކޮށް، އެއާ އެއްގޮތަށް ޢަމަލުކުރުމަށް މަސައްކަތްކުރާށެވެ." އެހިނދު މަރްޔަމް ވެސް އުފަލުން ފުރިގެންވާ ހާލުގައި ވާހަކަދެއްކިއެވެ. "މަންމާ، އަހަރެމެން މިއަދު ދަސްކުރި އެއް ކަމަކީ ވަގުތުގެ މުހިންމުކަމެވެ. އުސްތާޛު ވިދާޅުވީ ވަގުތަކީ ވަރަށް އަގުހުރި އެއްޗެއް ކަމަށާއި، ގެއްލެއްޖެ ވަގުތަކީ އަނބުރާ ލިބޭނެ އެއްޗެއް ނޫންކަމާއި، އަދި އަޅުގަނޑުމެން ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފަންޖެހޭނެކަމަށް ދަސްކޮށްދެއްވިއެވެ." ފާޠިމާ ދަރިންގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ. "އާނ ދަރިފުޅުމެންނޭ! ތިޔައީ ވަރަށް ރަނގަޅު ވާހަކައެކެވެ. އިމާމް ޙަސަނުލް ބަޞްރީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. 'އޭ އާދަމުގެ ދަރިޔާއެވެ! ތިބާއަކީ ދުވަސްތަކެކެވެ. ދުވަހެއް ފާއިތުވެއްޖެނަމަ، ތިބާގެ ބައެއް ފާއިތުވީއެވެ. އެދުވަހެއް އަނބުރާ ނުލިބޭނެއެވެ" އެހެންކަމުން ދަރިންނޭ، ކޮންމެ ދުވަހަކުވެސް ހެޔޮކަމެއް ކުރެވޭތޯ ގަދައަޅާ މަސައްކަތް ކުރަން ވާނެއެވެ."

އިރުގެ އަލިކަން ރަތްވެ، ހަވީރުގެ ވަގުތު އައިސް ޖެހުނެވެ. ފާޠިމާ ހުރީ ފިރިމީހާ އޮފީހުން އައުމަށް ތައްޔާރުވެގެންނެވެ. ރީތި އަބާޔާއެއްލައި، މީރުވަސްދުވާ ސެންޓްޖަހައި، ގޭތެރެ ތަރުތީބުކޮށްފައެވެ. "އައްސަލާމް ޢަލައިކުމް!" އަޙްމަދުގެ އަޑު އިވުނެވެ. "ވަޢަލައިކުމް އައްސަލާމް، މަރުޙަބާ!" ފާޠިމާ ހިނިތުންވުމާއެކު ޖަވާބު ދިނެވެ. އަޙްމަދު ގެއަށް ވަދެ، ފާޠިމާއަށް ހަދިޔާއެއް ދިއްކޮށްލިއެވެ. "މިއީ ތިޔަ ކަނބުލޭގެ އަގުހުރި މަސައްކަތްތަކަށް ކުޑަކުޑަ ޝުކުރެއް" އޭނާ ބުންޏެވެ. ފާޠިމާ އުފަލުން ފުރިގެން ދިޔައެވެ. ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވާ ޙަދީޘެއްގެ މާނައިގައިވާ ފަދައިން "ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮވެގެންވާ މީހަކީ، ތިޔަބައިމީހުންގެ ތެރެއިން އެމީހެއްގެ އަހުލުންނަށް އެންމެ ހެޔޮ މީހާއެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން އެމީހެއްގެ އަހުލުންނަށް އެންމެ ހެޔޮ މީހަކީ ތިމަންކަލޭގެފާނެވެ."

އިރުގެ ރަން ދޯދިތައް ހުޅަނގު ފަރާތު އުދަރެހުގައި ފިރުމެމުން ދިޔައެވެ. ރަށުތެރޭގެ ރުއްގަސްތަކުގެ ހިޔަނިތައް ދިގުވެ، ރޭގަނޑުގެ އަނދިރި ފޭރާންލާން ފެށިއެވެ. މަޑުމަޑުން ތަރިތައް ދުރު އުޑުގައި ފެންނަން ފެށި، ހަނދުގެ ހުދު އަލިކަން ރަށުމައްޗަށް ވެރިވިއެވެ. ރޭގަނޑުގެ މި ހަމަ ހިމޭން ވަގުތުގައި، ފާޠިމާގެ ގޭގައި ޢާއިލާ އެއްތަނަކަށް ޖަމާވިއެވެ. ގޭތެރޭގައި ދިއްލާފައިވާ ލައިޓުތަކުގެ އަލިކަމުގައި، ދަރިންގެ ޤުރުއާން ކިޔެވުމުގެ ހިތްގައިމު އަޑު ގޭގާއި ގުގުމަމުން ދިޔައެވެ. އަޙްމަދު، އޭނާގެ ދުވަހުގެ ތަޖުރިބާތައް ހިއްސާކުރަމުން ދިޔައިރު، ފާޠިމާ ލޯބިން ފުރިގެންވާ ނަޒަރަކުން އޭނާއަށް ބަލަހައްޓައިގެން އިނެވެ.

އެހިނދު، ކައިރި ގެއެއްގެ އަވައްޓެރިއެއްކަމަށްވާ ހައްވާތަ އެގެއަށް ވަދެގެން އައިސް، ހިނިތުންވުމާއެކު އަޙުމަދަށް ބުންޏެވެ. "މާތް ﷲ ގެ ވަރަށް ބޮޑު ނިޢުމަތެއް އަޙްމަދަށް، ތިޔަވަނީ ލިބިފައި، ފާޠިމާގެ ފަދަ ކިޔަމަންތެރި، ހެޔޮލަފާ އަނތްބަކު ލިބުމަކީ ހަމަ ޙަޤީޤަތުގައި ވެސް ބޮޑުވެގެންވާ ބާއްޖަވެރިކަމެކެވެ. ތިޔަ ޢާއިލާގެ ހިތްހަމަޖެހުމާއި ލޯބި ދެކެ އަހަރެން އަބަދުވެސް ޝައުޤުވެރިވަމެވެ." ރޭގަނޑުގެ ހަމަޖެހުމާއި ހިމޭންކަމުގައި، މި ޢާއިލާގެ ބަދަހި ގުޅުމާއި އެކުވެރިކަން، ހަނދުގެ އަލިކަމެކޭ އެއްފަދައިން ފެތުރިގެން ދިޔައެވެ. އަޙްމަދު ހިނިތުންވެލަމުން ޖަވާބުދިނެވެ. "އާނއެކެވެ. ހައްވާތާއެވެ. އަޅުގަނޑު އަބަދުވެސް ﷲ އަށް ޝުކުރުކުރަމެވެ. ފާޠިމާއަކީ އަޅުގަނޑުގެ ދިރިއުޅުމުގެ ބަރަކާތެވެ. އިމާމް ޣަޒާލީ ރަޙިމަހުﷲ ވިދާޅުވެފައިވާ ފަދައިންނެވެ. 'ހެޔޮލަފާ އަނބިމީހާއަކީ ދުނިޔޭގެ އެންމެ މޮޅު މުދަލެވެ. އޭނާ ފިރިމީހާގެ ހިތަށް އުފާވެރިކަން ގެނެސްދީ، އޭނާގެ ދީނަށް ބާރުލިއްބައިދެއެވެ."

ކޮޓަރީގެ އެނދުމަތީ މަތިބަލަން އޮވެ، ފާޠިމާ ވިސްނައިލިއެވެ. ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވާ ޙަދީޘެއްގެ މާނައިގައިވާ ފަދައިން "އަންހެނާ މަރުވެގެންދާއިރު، ފިރިމީހާ އޭނާއާ މެދު ރުހިގެންވާނަމަ، އެއަންހެނާ ސުވަރުގެ ވަންނާނެއެވެ." މި ޙަދީޘްފުޅު ހަނދާންވެ، އޭނާގެ ލޮލުން ކަރުނަ ފޭދިއްޖެއެވެ. އަދި ﷲ ގެ ރުހިވޮޑިގަތުން ހޯދުމަށް އިތުރަށް މަސައްކަތްކުރުމަށް ޢަޒުމް ކަނޑައެޅިއެވެ. އެރޭ ނިދަން އޮށޯވެލަމުން، ފާޠިމާ ދުޢާކުރިއެވެ. "އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާއަށް ހެޔޮލަފާ ދަރިންނާއި، ބާއްޖަވެރި ޢާއިލީ ދިރިއުޅުމެއް ދެއްވި ކަމަށްޓަކައި ޝުކުރު ދަންނަވަމެވެ. މިއަޅާގެ ފިރިމީހާއަށާއި ދަރިންނަށް ބަރަކާތް ލައްވާނދޭވެ. އަދި މިއަޅާއަށް އިތުރަށް ކެތްތެރިކަމާއި ޙިކުމަތްތެރިކަން ދެއްވާނދޭވެ."

ދުވަސްތައް މިގޮތުގައި ފާއިތުވަމުން ދިޔައެވެ. ކޮންމެ ދުވަހަކީވެސް ފާޠިމާއަށް އައު ގޮންޖެހުންތަކާއި އައު ފުރުޞަތުތަކެއް ގެނެސްދޭ ދުވަހެކެވެ. އޭނާ ކޮންމެ ދުވަހަކުވެސް ފަތިސް ނަމާދަށްފަހު ޤުރުއާން ކިޔަވައެވެ. އިމާމް ނަވަވީ ރަޙިމަހުﷲ ވިދާޅުވެފައިވާ ފަދައިން "ޤުރުއާން ކިޔެވުމަކީ އެންމެ މާތް ޛިކުރެވެ. އަދި އެއީ ހިތްތަކަށް ޝިފާ ލިބިގަތުމުގެ އެންމެ ރަނގަޅު ވަސީލަތެވެ."

..ނުނިމޭ…..

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު