އިސްރާއީލުގެ ފައުޖުން ޣައްޒާއަށް އަލުން ފެށި ޙަމަލާތަކުގެ ތެރެއިން، ޣައްޒާގައި ކެންސަރަށް ފަރުވާދޭ ހަމައެކަނި ތަންކަމުގައިވާ ޓަރކިޝް-ޕަލަސްތިނިއަން ފްރެންޑިޝް ހޮސްޕިޓަލާއި އިންވެގެންވާ މެޑިކަލް ސްކޫލް ވަނީ ބޮންއަޅައި ބިމާ ހަމަކޮށްލައިފިއެވެ. މި ހޮސްޕިޓަލުން އަހަރަކު 30،000 އެއްހާ ބަލިމީހުން ފަރުވާ ހޯދައެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރުގައިވެސް ތެލުގެ ދަތިކަމާ ހެދި ހޮސްޕިޓަލް ނުހިންގޭ ހާލަތަށް ގޮސް، 70 ބަލިމީހުންގެ ފުރާނައަށް ނުރައްކާވެ، 4 މީހުން ޝަހީދުވެފައިވެއެވެ. 2017 ވަނަ އަހަރު ތުރުކީވިލާތުން 34 މިލިއަން ޑޮލަރު ހޭދަކޮށްގެން މި ހޮސްޕިޓަލުގެ ބޮޑުބައެއް އަލުން އިމާރާތްކޮށްފައިވެއެވެ.
ތުރުކީވިލާތުގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ މިއީ ޣައްޒާގެ ރައްޔިތުން އެތަން ދޫކޮށް ދިއުމަށް މަޖުބޫރުކުރުމަށް ދިން ޙަމަލާއެއް ކަމަށެވެ. އަދި ޣައްޒާގެ ސިއްޙީ ވުޒާރާއިން މިއީ ޣައްޒާގެ ސިއްޙީ ނިޒާމު ފުނޑާލައި، ރައްޔިތުންގެ ނަޞްލު ހޭދަކުރުމުގެ ޢަމަލެއްކަމަށް ބުނެފައިވެއެވެ.
ދެމަސް ދުވަހުގެ ހުއްޓުމަކަށްފަހު އަލުން ފެށި ޙަމަލާތަކުގައި މިހާތަނަށް 700 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވެއެވެ.