ހދ. އަތޮޅާއި ތ. އަތޮޅުގައި އިތުރު ރިސޯޓްތައް ތަރައްޤީކުރުމަށް އަންނަ މަހު ހުޅުވާލާނެކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ފަތުރުވެރިކަމާއި ތިމާވެށްޓާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެފައިވަނީ ހދ. އަތޮޅާއި ތ. އަތޮޅުގައި އިތުރު ރިސޯޓްތައް ތަރައްޤީކުރުމަށް އަންނަ މަހު ހުޅުވާލާނެ ކަމަށެވެ. މިހާރު މި ދެ އަތޮޅުގައިވެސް ހިންގަމުންދަނީ އެންމެ ރިސޯޓެއް ކަމަށް ވަޒީރު ފާހަގަކުރައްވާފައިވެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމަށް 53 އަހަރު ފުރުނު އިރު، ހުރިހާ އަތޮޅުތަކަށް އެންމެ އެދެވޭ މިންވަރަށް ފަތުރުވެރިކަން ފުޅާވެފައި ނުވާތީ، ސަރުކާރުން ދަނީ ކޮންމެ އަތޮޅަކަށް ވަކިން މާސްޓަރ ޕްލޭނާއި މާރކެޓިންގ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށާއި، އަލަށް އިސްލާހު ގެނެވުނު ޓޫރިޒަމް ގާނޫނުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާވެ، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.
އަތޮޅުތަކުގައި އިތުރު ރިސޯޓްތައް ހެދިގެން ދިޔުމުން ފަތުރުވެރިކަމުގެ ފުރުސަތުތައް ފަހިވެ، އިގްތިޞާދީ ހަރަކާތްތައް އިތުރުވެ، ރައްޔިތުންނަށް ލިބޭ މަންފާ އިތުރުވެގެންދާނެ ކަމަށްވެސް ވަޒީރު ފާހަގަކުރައްވާފައިވެއެވެ.