އީރާނުގެ އެންމެ މަތީ ވެރިޔާ، ސުޕްރީމް ލީޑަރ އާޔަތުއްލާ އަލީ ހާމަނާއީއަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފޮނުއްވި ސިޓީގައި އައު ނިއުކްލިއަރ އެއްބަސްވުމަކަށް ވާހަކަ ދައްކަން ހުށަހަޅާފައިވަނީ ހަނގުރާމައިން ދުރުހެލިވުމަށް ކަމަށް އެމެރިކާގެ ސްޕެޝަލް އެންވޯއީ ސްޓީވް ވިޓްކޮފް ވިދާޅުވެއްޖެއެވެ.
"ހުރިހާ ކަމެއް ހަނގުރާމައިގެ ޒަރިއްޔާއިން ހައްލުކުރާކަށް ނުޖެހޭ،" ފޮކްސް ނިއުސްއަށް ވިޓްކޮފް ވިދާޅުވިއެވެ.
"އީރާނަށް އަޅުގަނޑުމެން ދޭ މެސެޖަކީ އިށީނދެ، މަޝްވަރާކޮށްގެން ރަނގަޅު ހައްލަކާ ހަމައަށް ވާސިލުވުމަށް މަސައްކަތް ކުރުން" ފޮކްސް ނިއުސްއަށް ވިޓްކޮފް ވިދާޅުވިއެވެ.
ނަމަވެސް އީރާނުގެ ސުޕްރީމް ލީޑަރު މި ހުށަހެޅުން ދެކިވަޑައިގަންނަވަނީ "މަކަރެއް" ގެ ގޮތުގައެވެ. އަދި ޓްރަމްޕްގެ ސަރުކާރާއާއެކު މަޝްވަރާކުރުމަކީ އީރާނުގެ މައްޗަށް ދަތިތައް އިތުރުކޮށް، ފިއްތުންތައް ބޮޑުކުރާނެ ކަމެއް ކަމަށް ވިދާޅުވެފައިވެއެވެ.
ވައިޓް ހައުސްގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރ މައިކް ވޯލްޓްޒް ވިދާޅުވި ގޮތުގައި އެމެރިކާ ބޭނުންވަނީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް މުޅިން ހުއްޓާލުމެވެ.
"ރައީސް ޓްރަމްޕް ވިދާޅުވި ފަދައިން، މިކަން ދަނީ ނިމުމަކާ ހަމައަށް އަންނަމުން. ހުރިހާ އޮޕްޝަންތަކެއްވެސް ޓޭބަލްމަތީގައި އެބަހުރި،" އެމަނިކުފާނު ވިދާޅުވިއެވެ.
އދ.ގެ ނިއުކްލިއަރ ވޮޗްޑޯގް ޗީފް ރަފައެލް ގްރޮސީ ވިދާޅުވެފައިވަނީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް މަޑުޖައްސާލުމަށް އެއްބަސްވުމަކަށް އާދެވޭނެ ވަގުތު ކައިރިވަމުންދާ ކަމަށެވެ.