ސަރުކާރުގެ ކުންފުނިތަކާއި މުވައްސަސާތައް ގުޅިގެން ޢީދު ދުވަހުގެ ހަވީރު 4 އިން 6 އަށް މާލޭގެ ތިން ސަރަހައްދެއްގައި (ސުލްޓާން ޕާކް، ޝަހީދުންގެ ބިނާ ކުރިމަތި އަދި ޖުމްހޫރީ މައިދާން) ބޮޑު ހަރަކާތެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މި ހަރަކާތުގައި ރާއްޖޭގެ އިހުގެ ޘަޤާފަތާއި ކުޅިވަރުތައް ދައްކާލުމާއި، ޒަމާނީ ކެރެކްޓަރުތައް ފިއުޝަން ގޮތަށް ދެއްކުމާއި، އެމްއެންޑީއެފް އަދި ފުލުހުންގެ އުޅަނދުތަކަށް އެރުމާއި ފޮޓޯ ނެގުމުގެ ފުރުސަތު ދެވޭނެއެވެ. އަދި އެމްއެންޑީއެފްގެ ބަރު ހަތިޔާރުތައް ދެއްކުމާއި، ޑްރިލްތަކުގައި ބައިވެރިވުމުގެ ފުރުސަތާއި، ބޭންޑުގެ ހަރަކާތްތަކާއި ސައިލެންޓް ޑްރިލްއެއްވެސް ހިމެނެއެވެ.
މި ހަރަކާތުގައި އެމްއޭސީއެލް، ވެމްކޯ، އެމްޑަބްލިއުއެސްސީ، އެސްޓީއޯ، އެޗްޑީސީ، އެމްޓީސީސީ، ސްޓެލްކޯ، އެމްޕީއެލް ފަދަ ކުންފުނިތަކާއި، ޕޮލިސް، އެމްއެންޑީއެފް އަދި ސްޕޯޓްސް މިނިސްޓްރީ ބައިވެރިވާނެއެވެ. އަދި މާލޭގެ އިތުރުން އަތޮޅުތަކުގެ ގިނަ ރަށްރަށް ދިއްލާލުމަށް "ޢީދު އަލި" ހޮނިހިރު ދުވަހު ފެށުމަށްވެސް ވަނީ ހަމަޖެހިފައެވެ.