އިމާރާތްކުރުމުގެ މަސައްކަތުން އުފެދޭ ކުނި ނައްތާލުމަށް ތިލަފުށީގައި ޤާއިމްކުރަމުންދާ ކޮންސްޓްރަކްޝަން ވޭސްޓު ޑެމޮލިޝަން ޕްލާންޓުގެ މަސައްކަތް މި އަހަރުގެ ޖުލައިމަހަށް ނިމި، އޮޕަރޭޝަނަށް ގެނެވޭނެކަމަށް މިނިސްޓަރ ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްކަމެއް ދެއްވައިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ޤާއިމްކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. އަދި މާލެ، އައްޑޫ އަދި ކުޅުދުއްފުށި ސިޓީގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތްވެސް ކުރެވެމުންދެއެވެ.
ތިލަފުށީގައި ޤާއިމްކުރެވޭ މި ނިޒާމުގެ ސަބަބުން އިމާރާތްކުރުމުގެ މަސައްކަތުން އުފެދޭ ގާކުޑި އަދި އެހެނިހެން ކުނި ރަނގަޅު ގޮތުގައި މެނޭޖްކުރެވި، މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރި މާހައުލެއް ޤާއިމްވެ، މޫދަށް ކުނި އެޅުން މަދުވެގެންދާނެއެވެ. އަދި ތިލަފުށީގައި ޤާއިމްކުރާ ކުނިން ހަކަތަ އުފައްދާ ޕްލާންޓް އަންނަ އަހަރު އޮޕަރޭޝަނަށް ގެނެވޭނެކަމަށްވެސް ވަޒީރު ވިދާޅުވެފައިވެއެވެ.