ހއ. އަތޮޅުގެ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ޚިދުމަތް ގާއިމުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސާބިތުކޮށްދެއްވީ ބީއެމްއެލްއަކީ ހުރިހާ މާނައެއްގައިވެސް ދިވެހީންގެ ބޭންކުކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ. މެންބަރު މިހެން ވިދާޅުވީ ހއ. މުރައިދޫގައި ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުންނެވެ.
ސަރުކާރުން ވަނީ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" ގެ ނަމުގައި މަޝްރޫޢެއް ފަށައި، މިހާތަނަށް ދ. އަތޮޅާއި ހއ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމުކޮށް ނިމިފައިވެއެވެ. އަދި އިތުރު ރަށްތަކުގައިވެސް މި މަސައްކަތް ކުރިއަށްދެއެވެ.
ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވެފައިވަނީ ބީއެމްއެލްއަކީ ހަގީގީ މާނައިގައިވެސް ދިވެހިންގެ ބޭންކަކަށް ހެދުމަށްޓަކައި، ކުޑަބޮޑު މިންވަރަކަށް ބެލުމެއްނެތި ހުރިހާ ރަށަކުން މި ޚިދުމަތް ލިބެންޖެހޭ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅަށްފަހު އެ އަތޮޅުގެ ރަށްތަކުގައި މި ޚިދުމަތް ގާއިމުކުރެވިފައިވާކަން ފާހަގަކުރައްވާފައިވެއެވެ.
ކުރިން ހއ. އަތޮޅުގެ ރައްޔިތުން ބޭންކިންގ ޚިދުމަތް ހޯދުމަށް ދިއްދޫއަށް ދަތުރުކުރަން ޖެހުމުގެ ސަބަބުން ދިމާވި ދަތިތައް މިހާރު ޙައްލުވެ، ރަށްރަށުގެ އިގްތިސާދުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލުއިފަސޭހަވެފައިވާ ކަމަށް މެންބަރު ޝުޖާޢު ވިދާޅުވެފައިވެއެވެ. އަދި މިއަހަރަކީ ތަރައްގީގެ ގިނަ މަޝްރޫޢުތަކެއް ފެށި، ރައްޔިތުންނަށް އުފާވެރިކަން ލިބިގެންދާނެ އަހަރެއް ކަމުގައި އުންމީދު ފާޅުކުރައްވާފައިވެއެވެ.