ސިޔާސީ ޚިޔާލުފާޅުކުރުމުގައި އިންސާނީ ކަރާމަތަށް އިޙުތިރާމް ކުރަންޖެހޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެ އެވެ. މިނިސްޓަރު ޝަހީމް މިފަދައިން ވިދާޅުވެފައިވަނީ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި އޯޓިސްޓިކް ކުދިންނަށް ފުރައްސާރަކޮށް، އެ ކުދިންގެ ކަރާމަތަށް އުނިކަން ލިބޭ ފަދަ ގޮތަކަށް ވާހަކަދެކެވުނު މައްސަލައާ ގުޅިގެންނެވެ.
ރާއްޖެ ޓީވީން ގެނެސްދިން "ކާލާ ބައިސާ" ޕްރޮގްރާމުގައި މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) އާއި ކުރީގެ ކާނަލް އަހުމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ ފަޔާޒް) ވަނީ ސިޔާސީ ކަންކަމާ ގުޅުވައި، ޑައުންސިންޑްރޯމް އަދި އޯޓިޒަމް ކުދިންގެ ޙާލަތަށް މަލާމާތްކޮށް ވާހަކަދައްކާފައެވެ.
"އޯޓިސްޓިކް ކުދިންނާއި ޑައުންސިންޑްރޮމް ހުންނަ ފަރާތްތަކަށް ކުޑައިމީސްކޮށް ކަރާމާތަށް އުނިކަން އަންނަ ގޮތަށް ވާހަކަ ދެއްކުމަކީ ދެރަވަރު ކަމެއް،" މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
މި ޕްރޮގްރާމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނޫސްވެރިޔަކަށް ފޯނުން ގުޅުއްވި މައްސަލައަކާ ގުޅޭގޮތުން ވާހަކަދައްކަމުން، ޕްރޮގްރާމުގެ ބައިވެރިން ވަނީ އޯޓިޒަމް އަދި ޑައުންސިންޑްރޯމްގެ ޙާލަތްތަކާ ގުޅުވައި އެކަށީގެން ނުވާ ޒާތުގެ ވާހަކަތަކެއް ދައްކާފައެވެ.
މިފަދަ ޙާލަތްތަކުގައި ތިބޭ ކުދިންނާއި އެކުދިންގެ އާއިލާތަކުގެ އިޙްސާސްތަކަށް ރިއާޔަތްކޮށް، ސިޔާސީ ޚިޔާލު ފާޅުކުރުމުގައިވެސް އިންސާނީ ކަރާމާތަށް އިޙްތިރާމްކުރުމަކީ މުހިންމު ކަމެއްކަން މިނިސްޓަރު ޝަހީމް ވަނީ ފާހަގަކުރައްވާފައެވެ.