10 ފެބުރުވަރީ 2026
ގަވާއިދާ ހިލާފަށް މާލެ ސަރަހައްދުގައި އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް މިއަދު ހިންގުނު ހާއްސަ ހަރަކާތަށްފަހު، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝަންމާން ޕްރެސްއެއްގައި، ފައިލް ފޮޓޯ: އިމިގްރޭޝަން

އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް ޝަރީޢަތް ނިމެންދެން ބަންދަށް

މޯލްޑިވްސް އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު ޝަމްޢާން ވަޙީދު، ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ހުކުމްކޮށްފިއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދުމުގެ ތުހުމަތުގައެވެ.

ފުލުހުންގެ ތަޙުޤީޤަށް ހާމަވެފައިވާ ގޮތުގައި، މިދިޔަ މަހުގެ 12 ވަނަ ދުވަހު މާފަންނު ސަރަޙައްދުގެ ގެއެއްގައި ދިރިއުޅެމުންދިޔަ ބިދޭސީންނާ ގުޅޭ އޮޕަރޭޝަނެއް ހިންގާފައިވަނީ ޝަމްޢާންގެ އެނގުމާއެކުގައެވެ. މި އޮޕަރޭޝަންގައި ހައްޔަރުކުރެވުނު ބިދޭސީންގެ ތެރެއިން އެކަކު ދޫކޮށްލެވިފައިވަނީ "އަރޖެންޓް" ކަމެއްގެ ގޮތުގައި ދައްކައި، ޝަމްޢާންގެ އިރުޝާދުގެ ދަށުންނެވެ.

ފުލުހުންގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުން، އެ ބިދޭސީ މީހާ ދޫކޮށްލުމަށްފަހު، އިމިގްރޭޝަންގެ އެހެން އޮފިސަރަކު އޭނާގެ އަތުން ނެގި ފައިސާ ޝަމްޢާންގެ ގެއަށް ގެންގޮސްފައިވެއެވެ. ކޯޓު އަމުރެއްގެ ދަށުން ޝަމްޢާންގެ ގެ ބަލައި ފާސްކުރުމުގައި 257,475 ރުފިޔާއާއި 10,000 އެމެރިކާ ޑޮލަރުގެ އިތުރުން އެހެނިހެން ބޭރު ޤައުމުތަކުގެ ފައިސާވެސް ފެނިފައިވެއެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭ ހައްޔަރުކުރެވުނު ޝަމްޢާން، ފުރަތަމަ ކޯޓަށް ހާޒިރުކުރެވުނު އިރު 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ނިންމިއެވެ. އެ މުއްދަތު ހަމަވުމާ ގުޅިގެން އިތުރަށް މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައިގައި އިތުރު ތަޙުޤީޤުތައް ކުރިއަށްދާއިރު، އިމިގްރޭޝަންގެ އިތުރު މުވައްޒަފުންތަކެއްވެސް މި ޢަމަލުތަކުގައި ބައިވެރިވެފައިވޭތޯ ބަލަމުންދާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. މިފަދަ ޢަމަލުތަކަކީ ދައުލަތުގެ އިދާރާތަކުގެ އިތުބާރަށް އަސަރުކުރާނެ ކަންކަން ކަމަށްވުމާއެކު، މައްސަލަ ވަރަށް ސީރިއަސްކޮށް ބަލަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު