ވާހަކަ: ހިރިގާ މަތިން (5 ވަނަ ބައި)

ލާމިއު ކިޔައިދެމުން ދިޔަ ވާހަކަ އަޑުއަހަމުން ދިޔައިރު ވެސް އީތަންގެވިސްނުމާއި ހިޔާލުތަކުގައި ވީ އެއަންހެން ކުއްޖާއެވެ.

"އަސްލު އެދުވަހު މަ ދުށިން އަންހެން ކުއްޖެއް. އެއީ ހީވި ގޮތެކޭވެސް މަބުނާނީ ހަމައެކަނި ފެނިލާފަ ގެއްލުނު ނަމަ ދޯ. އޭނަ މަށަށް އެހީވި. ގެނބެނިކޮށް މަ ސަލާމަތް ކޮށްދިނީ އޭނަ. އެހެންވީމަ އެއީ ހީވި ގޮތެއްކަމަށް ގަބޫލުކުރަން މަށަށް އަދިވެސް ފަސޭހައެއް ނޫން. އެކަމަކު ފެނުޕަރީއަކީ އުޅޭއެއްޗެެއް ނަމަ މަށާއި ސައްތާރުބެއަށް އެކަނި ނޫންދޯ އެ ފެންނާނީކީ."

އަމިއްލަ މޮޔަކަމާއިމެދު ހިނިއައިސްފައި އިނދެ އީތަން ބުނެލިއެވެ. ލާމިއު ޖަހާލީ ބޮޑު ހިނިގަނޑެކެވެ.

"ތި ވާނީ ޖިންނިއެއް ފެނުޕަރީއަކަށް ވެގެން އައިސް ކަލޭ ސަލާމަތްކޮށްދިނީކަމަށް. ކަލޭ އަޑެއް ނާހަންތަ ޖިންނި ސިފަ ބަދަލު ކުރެއޭ ކިޔާ އަޑު. އެކަމަކު އެރަށަށް ދިޔަހާ ބަޔަކު މޮޔަކޮށްފަ ޖިންނިވެސް ކަލޭ ކީއްކުރަންސަލާމަތް ކުރަންވީކީ.؟ ރަނގަޅަށް ވަންޏާ ކަލޭ ވެއްޓުނީ ފައިޖެހޭ ތިލަތަނަށް. ސައްތާރުބޭ އެވާހަކަ ކިޔައިދީފަ އޮތީމަ ކަލެއަށް ދެން ތިހީވީފެނުޕަރީއެކޭ ތިމެންނަ ސަލާމަތް ކޮށްދިނީ."

ލާމިއު އޭނާއަށް ހީވާގޮތަށް ވާހަކަ ހަދާލިއެވެ. ދެކޮޅަށް ބުނެވޭނެ އެއްޗެއް ނެތުުމުން އެއީ ވެދާނެ ގޮތެއްކަމަށް ވިސްނައި އީތަންވެސް ބޯ ޖަހާލައިފިއެވެ.

"ސައްތާރުބޭ އަދިވެސް މަރެއް ނުވޭ. އެކަމަކު މިހާރު ހަނދާންހުންނަނީ ވަރަށް ކުޑަކޮށް. އެގެއާ ދިމާ ގޮނޑިއެއްގަ މޫދަށް ބަލަން ވަރަށް ގިނައިން އޭނަ އިނދޭ. އެއްކަމެއް ހަނދާން ނުވިއަސް ފެނުޕަރީ މަތިންސައްތާރުބޭ އަދިވެސް ހަނދާނެއް ނުނެތޭ. ނަސީބެއް ފެނުޕަރީއަކީ އުޅޭއެއްޗެއް ނޫންކަން ކަލޭ ތަންކޮޅެއް އަވަހަށް ގަބޫލުކުރިކަން."

ސިގަރޭޓެއް ނަގާ ރޯކޮށްލަމުން ލާމިއު ދުންތައް ބޮޅުބޮޅަށްބޭރުކުރަން ފަށައިފިއެވެ. ލާމިއުގެ ވާހަކައިން އީތަންގެ ގާތަށް ހިނިވެސް އައެވެ. އެދެމީހުން އެތަނުގައި ތިއްބާ ޒިދާން ވެސް ހޭލައިގެން އައިސްއެމީހުން ކައިރީ އިށީނދެއްޖެއެވެ.

 

މެންދުރު ވަންދެން އެދެމީހުންނާއެކު ރަށުތެރޭގައި އުުޅުމަށްފަހު އީތަން ގެއަށް ވަންއިރު މުރުޝިދާ މަސްތަކެއް ކަނޑަން ސިންކު ކައިރީގައި ކޮޅަށް ހުއްޓެވެ. ބަތް ކައްކަން ނެގި ހަނޑުލާއި ދެކާށި ބާއްވާލާފައި އޮތީމޭޒުމަތީގައެވެ.

"މަސްގަތީ ކޮންތާކުން؟."

މޭޒުމަތީ ބާއްވާފައި އޮތް ދޮންކެޔޮވަކެއް ނަގާ ތޮށި ނޮޅާލަމުންއީތަން ގޮސް މަޑުކޮށްލީ މުރުޝިދާ ކައިރީގައެވެ.

"ޝާޔާ އެއްޗެއް ތީ. ތި އޮތްތާކު ބާއްވާ."

އީތަންއަށް ބަލާލާފައި މުރުޝިދާ އެނބުރުނީ އޭނަކުރަންހުރި މަސައްކަތަށެވެ.

"މަގޭ އަތަށް ދީބަލަ."

ދެފަހަރުގެ މަތިން ދޮންކެޔޮވަށް ދިރުވާލުމަށް ފަހު އީތަންމުރުޝިދާ އަތުން ވަޅި އަތުލައިފިއެވެ. މުރުޝިދާ އަތްދޮވެލައިގެން ދުރަށްޖެހުނީ އީތަން މަސްކަނޑަން އުޅެނީކަމަށް ހީކޮށްފައެވެ.

"މަންމަަ މިއަދު ދެން ބަދިގެއަށް ވަދެގެން ނުވާނެ."

މުރުޝިދާގެ ކޮނޑުގައި ހިފައި ބަދިގެއިން ނެރުމަށް ފަހު އީތަންގޮސް ވަނީ ޝާޔާގެ ކޮޓަރިއަށެވެ. ދަރިން ސުކޫލަށް ފޮނުވާފައި ފޯނުން ޑުރާމާއެއް ބަލަން ޝާޔާ ޖައްސާލައިގެން އޮތެވެ.

"އާއްޗާ އަރާމޭދޯ. ކުރާނެ މަސައްކަތެއް އޮންނަ ގެއެއް ނޫން. އޭސީ ޖައްސާލައިގެން ހަމަ އޮންނަންވީނު."

އީތަންގެ އަޑު އިވުމުން ޝާޔާއަށް ފަސްއެނބުރި ބަލާލެވިއްޖެއެވެ.

"މިތަނަށް ތިވަނީ ކީއްކުރަން.؟"

އީތަން ފެނުމުން ޝާޔާ ތެދުވެ އިށީނީ ދެބުމަ ގޮށްޖަހާލަމުންނެވެ.

"ބަދިގޭގަ އެހެރީ މަސް. ގޮސް އެ ކައްކާފަ މެންދުރަށް ބަތް ކައްކަންދޭ."

"އަހަރެން މީ ކަލޭ ޖެހިހާ ބެރަކަށް ނަށަންޖެހޭ މީހެއް ނޫނޭ. ތިމަސްތަކެއް ކުނިވިޔަސް މަށެއް ނުދާނަން އެ ކައްކާކަށް."

ވީ ފޫހިން ފާޑަކަށް ތުން އަނބުރާލާފާ ޝާޔާ ބުނެލިއެވެ.

"އެހެންތަ.؟ މިއަދު މަންމަ ކައްކައިގެނެއް ކަލޭއަކަށް ނުކެރޭނެމިގެއިން ކާކަށް."

ދިޔަގޮތަށް ގޮސް އީތަން ނެގީ ކުދިން ކިޔަވާ މޭޒުމަތީގައި އޮތް ޓެބްލެޓެކެވެ. އެމަންޒަރު ފެނުމުން ހުރެވުނު ތަންވެސް ޝާޔާއަށްނޭނގުނެވެ.

"އީތަން ކިހާބޮޑު ކަމެއްތަ. ހަމަ މިހާރު ތި ގެނޭ."

"ކަލޭ ގެންގުޅޭ އަޅެއް ނޫނޭ މަގޭ މަންމައަކީ. މަ މިގޭގަ ހުއްޓާ ކަލޭމެނަށް ބޭނުންހާ ގޮތެއް ނެހެދޭނެ މަގޭ މަންމައަކަށް. މި ބޭނުމިއްޔާ ގޮސް ކައްކަން ދޭ. މަ މިހިފައިގެން ގެއިން ބޭރަށް ނުކުމެއްޖިއްޔާ އަލުންކަލެއަށް މި ހޯދާކަށް ނުކެރޭނެ."

ޝާޔާ ފަހަތުން އައިސް އައިސް ހުއްޓައި އީތަން ގޮސް ކޮޓަރިއަށް ވަދެދޮރުޖަހައި ތަޅުލައިފިއެވެ. ޝާޔާ އައިސް ތަޅައިގަތީ ދޮރުފަތުގައެވެ. ކޮޓަރީގައި އޮތް ފާއިޒާ ނުކުތީ އެއަޑަށެވެ.

"އެންމެ ރަނގަޅު އަހަރެން މިދަނީ ކައްކަން. ތި ވިއްކާނުލާތި. އަހަރެން އަތަކު ނެތް އަލުން ގަންނާނެހާ ލާރިއެއް."

ޝާޔާއަށް މަޖުބޫރުވީ އީތަންގެ ކުރިމަތީ ހަތިޔާރު ބަހައްޓާށެވެ. ރުޅިއައިސް ރަތްވެފައި ހުރެމެ ޝާޔާ ގޮސްވަނީ ބަދިގެއަށެވެ. ހައިރާންވެ އަންތަރީސްވެފައި އެމަންޒަރު ދެކެން މުރުޝިދާއަށް ހުރެވުނީ ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ. އީތަން އެދެމީހުނަށް ގޭގައި މަސައްކަތް ކުރަން އެންގިކަމުގައި ވިއަސް ފަހުން އެކަމާއި އަޅާލާނެ ކަމަކަށް މުރުޝިދާ ހީވެސްނުކުރެއެވެ. ޝާޔާ ބަދިގެއަށް ވަނުމުން އަވަސް އަވަހަށް ފާއިޒާ ވަނީ ކޮޓަރިއަށެވެ. މުރުޝިދާ ޝާޔާގެ ފަހަތުން ގޮސް ވަނީ ބަދިގެއަށެވެ..

"މަންމަ އަންނާނެ ކަމެއްނެތް. ކޮޓަރިއަށް ދޭ. އެހެން ނޫނީ ނުކުމެބޮޑުވަގު ދެން ބުނާނީ މަންމަ ލައްވާއޭ މަ މިހުރިހާ ކަމެއް ކުރުވީ."

ޝާޔާގެ ރުޅި ވަނީ ހައްދުން ނެއްޓިފައެވެ. އެ ޓެބްލެޓް ހިފައިގެންފިލަން އެއީ އީތަން ދައްކަފާނެ ބަހަނާއެކެވެ. އެހެންކަމުން މުރުޝިދާ ގޮސްވަނީ ކޮޓަރިއަށެވެ. ފެންވަރާލައިގެން ނުކުމެ މުރުޝިދާ އިށީނީ ހަތިމު ހިފައިގެން ސޯފާގައެވެ. މެންދުރު ކެއްކުން ދޫކޮށްލާފައި ތަނެއްގައި އިށީނދެލައިގެން މުރުޝިދާއަށް އިންނަން ލިބުނު މީ ފުރަތަމަ ދުވަހެވެ. ދޮޅުގަޑި އިރު ބަދިގެ އުޅެގެން ހުރިހާ މަސައްކަތް ނިންމާލެވުނު އިރު ޝާޔާހުރީ ދާހިއްލާ ފޯވެފައެވެ. ބަދިގެއިން ނުކުން ގޮތަށް ޝާޔާ ގޮސް ތަޅައިގަތީ އީތަންގެ ކޮޓަރީގެ ދޮރުފަތުގައެވެ. މުރުޝިދާ އީތަން ހަދާގޮތެއް ބަލަންއިނެވެ. ފާއިޒާވެސް ނުކުތީ ކުޅިބަލާށެވެ.

" ދޮރުހުޅުވާ.ކައްކާ ނިމިފަ އެހެރީ. ހަމަ މިހާރު ޓެބްލެޓް ގެނޭ. އީތަން އަޑެއް ނީވޭތަ."

ހައެއްކަ ފަހަރު ދޮރުގައި ޖަހައިގެން ވެސް އަަޑު އިވުނުކަމަށް ވެސް އީތަން ނެހެދިއެވެ. ޝާޔާ ރުޅިގަދަވެގެން ދުލަށް އައިހާ އެއްޗެއް ގޮވަންފަށައިފިއެވެ. އީތަން ދޮރު ހުޅުވީ ޝާޔާ ރޯން ފެށުމުންނެވެ. ލާނެއް ހިންޏެއްއައިސްފައި ހުރި އީތަން ފެނުމުން ޝާޔާ ދިޔައީ ދަތް ވިކިގެންނެވެ.

"އެންމެ ދުވަހަކު ބަދިގެއަށް ވަދެ ކައްކަން ޖެހުނީމަ ހަންވެއްޖެދޯ. ދެން ވިސްނާލަބަލަ މަގޭ މަންމަ ތި އެންމެނަށް ކާންދެން މިވީހާ ދުވަހުކުރާނެ މަސައްކަތް. އެކަމަކު ކަލޭމެން ދެމީހުންނަށް ދެން މިގޭތެރޭގަ ރަނިކަމެއް ނުކުރެވޭނެ. ކާން ބޭނުމިއްޔާ ދެދުވަހުން އެއްދުވަހު ކަލޭ ޖެހޭނީ ކައްކަން. އަނެއް ދުވަހު ތުއްތަ ކައްކާނެ. ގޯތިތެރޭ ކުނިކަހާ މިގޭތެރެ ފޮޅައިސާފުކުރަން ޖެހޭނީވެސް ފަހަރަކު މީހެއް. މަންމަ ދެން ހުންނާނީ މަންމަގެ މަގާމުގަ. ހުވާކޮށްފަ މިބުނީ މަންމަ ކަމެއްކުރަން ހުއްޓާ މަށަށް ފެނިއްޖިއްޔާ ނޫނީ މަންމަގެ ޖީބުން ހަރަދު ކުރިކަން އެނގިއްޖިއްޔާ ދެމީހުންނަށް ކުޅިދައްކާލާނަން. މަ ޖެހިލުމެއް ނުވާނެ މިގޭތެރެއިން ކުއްޖަކު ވިއްކާލަން ވެސް."

އީތަން އިނގިލި ދިއްކޮށްލީ ދެމީހުންގެ މޫނަށެވެ. ރުޅިއައިސްގެން ދެބުމަ ގޮށްޖަހައިގެން ޝާޔާ ބަލަން ހުއްޓެވެ.

"މާދަމާ އަހަަރެން ކައްކާނަން."

އީތަންދެކެ ބިރުގަންނާތީ ފާއިޒާ ވަގުތުން އެއްބަސްވެއްޖެއެވެ. އައިސްފައި ހުރި ރުޅިން އަނގައިން ވެސް ނުބުނެ ޝާޔާ ޖަހައިގަތީ އީތަންގެ އަތުގައި އޮތް ޓެބްލެޓެވެ. ގެއިން ކަރަންޓު ދިޔައީ ހަމައެވަގުތުއެވެ.   ފަަންކަލަށް ބަލާލިގޮތަށް ބޭއިހުތިޔާރުގައި ޝާޔާއަށް ދެންބަލާލެވުނީ އީތަންގެ މޫނަށެވެ. ކަރަންޓު ކަނޑާ ނުލަނިސް ގޭގެ ބިލް އެންމެ ފަހަރަކުވެސް ނުދައްކާކަން އިދުރީސްގެ ފަރާތުން އީތަންއަށް ވެސް އޮތީ އެނގިފައެވެ.

"ދެލޯ ބޮޑުކޮށްފަ މަގޭ މޫނަށް ބެލިއަކަސް މިމަހު މަންމަ ނުދައްކާނެ ބިލެއް."

އީތަންގެ ވާހަކައިން ޝާޔާގެ ގައިން ދިޔައީ ވަރު އެލިގެންނެވެ.

"މިފަހަރު ބިލު ދައްކާނީ މަންމަ. އަންނަ މަހުން ޝާޔާއާއި ފާއިޒާ ބިލުދައްކަން ފަށާނެ. މަންމަ މިއަންނަނީ ލާރި ހިފައިގެން."

މުރުޝިދާ ހިނގައިގަތީ ކޮޓަރިއާ ދިމާލަށެވެ.

"އުހުން. މަންމައަށް ވާވަރުވެއްޖެ މިހާރު. އިތުރަށް މަންމަ ކުރަންޖެހޭ ހަރަދެއް ދެން ނޯންނާނެ.

މަންމަ ހާސްނުވެބަލަ މިރެއަށް އިރުއޮއްސުމުގެ ކުރިން މި ގެއަކަށް ކަރަންޓު ލިބޭނެ. ޒުހުރީބެމެންނާއެކު

ތިކުރާ މަސައްކަތެއް ނިމިގެން އައިސް ކޮންމެ ދުވަހަކު ވެސް މަންމައޮންނަން ވާނީ ކައިގެން އަރާމުކުރަން. މިގޭތެރޭގަ މަންމަ ކުރަންޖެހޭ ހަރަދެއް ކުރަންޖެހޭ މަސައްކަތެއް ދެން ނޯންނާނެ."

އީތަން ގޮސް މުރުޝިދާގެ ކޮނޑުގައި ހިފާލަމުން މުރުޝިދާ ގެންގޮސް ކޮޓަރިއަަށް ވައްދައިފިއެވެ.

"ބަދިގެއިން މަންމަ ފެނިއްޖިއްޔާ ދެން ވާނެގޮތް މިހާރު މަންމައަށްވެސްއެނގޭނެ. އެހެންވީމަ މަންމަވެސް އަހަރެން ބުނާގޮތް ހަދައިގެންކޮޓަރީގަ އިނީމަ އެ ދެއަންހެނުންނަށް ލިބޭ ގެއްލުން ކުޑަވާނެ."

އީތަން މުރުޝިދާ އާއި ވާހަކަ ދެއްކި ކަމުގައި ވިޔަސް އެހުރިހާ އަޑެއްފާއިޒާއާއި ޝާޔާއަށް އިވުނެވެ. ކޮޓަރިއަށް މުރުޝިދާ ވެއްދުމަށްފަހު އީތަންނުކުމެ އެކޮޓަރީ ދޮރު ލައްޕާލައިފިއެވެ.

"މިމަހު ބިލު ދަށްކަން މަގޭ އަތަކު ނެތް ލާރި. ލިބޭ އެތިކޮޅުން އަނގަޔާއަތާ ދިމާ ނުވާއިރު އިތުރު ހަރަދެއް މަށަކަށް ނުކުރެވޭ. އީތަން ހެޔޮނުވާނެ މިމަހު އެކަނި މަންމަ ބިލުދެއްކިޔަ ދީބަލަ. އަަހަރެެމެން އަންނަމަހުން ފެށިގެން ދައްކަން ފަށާނަން."

ފާއިޒާ އާދޭހާއިއެކު ގޮސް އެރީ އީތަންގެ ކުރިމައްޗަށެވެ. އެވާހަކައަށް ތާއީދު ކުރަމުން ޝާޔާއަށް ވެސް ބޯ ޖަހާލެވުނެވެ.

"ދެން ރިސޯޓުގަ އުޅެގެން ތުއްތުބެ ހޯދާހާ ފައިސާ ގިރައިގެން ބޮނީތައޭނަ.؟ ތުއްތަގެ ދެކުދިން މީނަގެ ތިންދަރިން. ތި ދެމީހުން ލީމަ ހަތްމީހުން. ހަތް ބޮލަށް ބިލު ބަހާލީމަ ހުންނާނީ ރަނގަޅަށް. މަންމަ ބައްސައް ހިތަށްވެސް ނާރުވާތި."

ދެމީހުނަށް އިންޒާރު ދިނުމަށްފަހު އީތަން ކޮޓަރިއަށް ވަދެ ދޮރުޖަހައިފިއެވެ. ހެދޭނެ އިތުރުގޮތެއް ނެތުމުން ފާއިޒާއާއި ޝާޔާއަށް މަޖުބޫރުވީ ބިލު ދައްކާށެވެ.

 

ފަހެއް ޖަހަންދެން ނިދަން އޮވެފައި އީތަން ކޮޓަރިން ނުކުތީ ލާމިއުގުޅާފައި އަންނަން ބުނުމުންނެވެ. ކޮޓަރިން ނުކުމެ ކައިގެން އީތަން ދިޔައީއައްޑާއަށެވެ. އޭރު އިންތިޒާރުގައި ލާމިއުއާއި ޒިދާން މަޑުކޮށްލައިގެން ތިއްބެވެ.

"ދަނީ ކިހިނެއް؟"

"މަ ބައްޕަ ޑިންގީއާ."

ޒިދާން ހިނގައިގަތުމުން ފަހަތުން އީތަންއާއި ލާމިއުވެސް ހިނގައިގެންފިއެެވެ.ވަލުތެރެއިން ގޮސް ތިން މީހުން ނުކުތީ ޑިންގީ އޮތް ދިމާ ގޮނޑުދޮށަށެވެ. މީހަކު ފެންނަން ނެތުމުން ލަސްނުކޮށް ޑިންގީއަށް އަރައިބޯހަރޭއާ ދިމާއަށް ދުއްވާލައިފިއެވެ. ބޯހަރޭއާ ކައިރިވަމުން އައި އައިހެން އީތަންގެ ހިތުގެ ތެޅުން ދިޔައީ އަވަސް ވަމުންނެވެ. ކަޅިވެސް ޖަހާނުލާ އީތަންއަށް ބަލަން އިނދެވުނީ ބޯހަރޭއާ ދިމާއަށެވެ. ސާޅިސް މިނެޓުގެ ދަތުރަކަށްފަހު ޑިންގީ ގޮސް މަޑުކޮށްލީ އެދުވަހު އައިސް ޒުހުރީވެސް ޑިންގީ މަޑުކޮށްލި ދިމާއަށެވެ. އޭރު އީތަންއަށް ކުރެވެމުން ދިޔައީ އާދަޔާ ހިލާފުއިހުސާސް ތަކެކެވެ. ކޮންމެވެސް މީހަކު އީތަންގެ އިންތިޒާރުގައި އެބަހުއްޓޭ އީތަންގެ ހިތް ދިޔައީ ބުނަމުންނެވެ. ބޭއިހުތިޔާރުގައި ނަމަވެސް އީތަންއަށް ބެލެމުން ދިޔައީ ހިރިގާ ފެނޭތޯއެވެ. ނަމަވެސް އެދިމާލުގައި ހުންނައިރު ބޮޑުހިރިގާ ފެނުމަކީ ނާދިރުކަމެކެވެ. އެއްފަހަރު ނަމަވެސް އެހިރިގާ ކައިރިއަށް ދިއުމުގެ ހިޔާލު އީތަންއަށް އަންނަން ފަށައިފިއެވެ. ނަމަވެސް ލާމިއުމެނަށް އެނގިގެން އެދިމާއަށް ހިނގައްޖެނަމަ ކުރާނީ މަލާމާތެވެ.

"އޭ ޕޮލިސް."

ވަލުން ނުކުމެގެން އެމީހުންނާއި ދިމާއަށް ހިނގާލާފައި އައި ހައެއްކަފޮލިހުން އެންމެ ފުރަތަމަ ފެނުނީ ޒިދާނަށެވެ. މާކުރިން ޚަބަރު ލިބިގެން އެމީހުން އައިސް ތިބިކަހަލައެވެ. އެމީހުން ފެނުމުން ލާމިއުއާއި ޒިދާނުގެ މޫނުމަތީގެ ކުލަަވަރު ބަދަލުވެގެން ހިނގައްޖެއެވެ. ނަމަވެސް އީތަންގެ ތުންފަތަށް ވެރިވެގެން ދިޔައީ ލުއި ހިނިތުންވުމެކެވެ.

"ކަލޭމެން ދެކޮޅަށް ދުއްވައިގަނޭ. އެކަކުވެސް އެމީހުން އަތުގަނުޖެހޭތި."

ޒިދާންއާއި ލާމިއުގެ ކަންފަތަށް އިވޭވަރަށް ބުނެލާފައި އީތަން ކުއްލިއަކަށް ދުއްވައިގެންފިއެވެ. ބަލާކަށް ނުތިބެ ލާމިއުއާއި ޒިދާން ދުއްވައިގަތީ ދެކޮޅަށެވެ. ފުލުހުންނަށް ވެސް މަޖުބޫރުވީ އެމީހުން ފަހަތުންދުއްވައިގަންނާށެވެ. ނަމަވެސް ތިން ދިމާއިން ވަލަށް ވަދެ ތިން މީހުންފިލައިފިއެވެ. ފަހަތުން ދެ ފުލުހަކު އަންނާތީ އީތަން ދުވަމުން ދިޔައީ ބާރަށެވެ. ފުލުހުންގެ އަތުނުޖެހެން މީ އީތަން ދުވުނު ފުރަތަމަ ފަހަރެއް ނޫނެވެ. ދާންވީ މަންޒިލް އީތަންއަށް އެނގޭތީ ދުވެދުވެ ނޭވާ ބޮޑުވިއިރުވެސް މަޑުޖެހިލާ ހިޔާލެއް އީތަން ނުކުރިއެވެ. ގަސްތަަަށް ފޫއަޅުވަން ކުރިތަށްބިންދަމުން އީތަން އެދިޔަ ބާރުމިނުގައި ގޮސް މަޑުޖެހިލީ އެދުވަހު އީތަންކަނަމަދު ބިން މިދިލި ގަސްތަށް ދޮށުގައެވެ. އެގަސްތަކަށް އީތަން ނަޒަރުހިންގާލީ މައިނޭވާތަކެއް ލަމުންނެވެ. އެދުވަހެކޭ އެއްފަދައިން މިއަދުވެސްއެގަސްތަކުގައި އޮތީ ދޮން ކަނަމަދު އަޅާ ފުރިފައެވެ. އީތަން އެނބުރިފަހަތަށް ބަލާލިއެވެ. އެއްވެސް މީހަކު އޭނާގެ ފަހަތުން އަންނަން އީތަންބޭނުމެއް ނޫނެވެ. ފަހަތުން މީހަކު ނާންނަކަން ޔަގީން ކުރުމަށް ފަހު އީތަންއެރީ ގަހަށެވެ. ވިއްސަކަ ދޮންމަދު ބިނދެލައިގެން ގަހުން ފައިބައިގެން ގޮސްއީތަން ނުކުތީ ގޮނޑުދޮށަށެވެ. އީތަންގެ ނަސީބު ރަނގަޅެވެ. ދިޔަވަރު އޮތީހިކެން ޖަހާފައެވެ. އީތަންއަށް އެކަން އެނގުނީ ލާމިއު ބުނެފަ އޮތުމުންނެވެ. ބޮޑެތި ގާތަށް ހުރީ ފެންނާށެވެ. އީތަންގެ ނަޒަރު ހުއްޓުނީ ފުއްޓަރުމަތީގައި އޮތް ބޮޑު ހިރިގަލަށެވެ. އެގައު ފެނުމުން އީތަންގެ ހިތަށް ކުރުވީ އާދަޔާ ހިލާފުއުފާވެރި އިހުސާސެކެވެ. އެތަނުގައި ކޮންމެވެސް މީހަކު އީތަންއަށް އިންތިޒާރު ކުރެއޭ އީތަންގެ ހިތް ބުނަމުންދާ ކަހަލައެވެ. ނަމަވެސްފުއްޓަރުމަތީ އީތަން ހުއްޓައި ފުލުހުންނަށް ފެނިއްޖެނަމަ ދެންވާނީ ކިހިނެއްހެއްޔެވެ؟ އެންމެ ކުޑަމިނުން ފަތަންވެސް އީތަންއަކަށް ނޭނގެއެވެ. ދެހިޔާލެއްގައި އިރުކޮޅަކު ހުރުމަށްފަހު އީތަން ހިނގައިގަތީ މޫދާ ދިމާއަަށެެވެ. ފުލުހުން އަތުގައި ޖެހުނަސް އީތަންގެ އަތުން އެމީހުނަށް މަސްތުވާ އެއްޗެއްމިވަގުތަކު ނުފެންނާނެއެވެ. ނަމަވެސް މިހާ ހިސާބަށް އާދެވުމުން ހިރިގަލަށްނާރާ ގެއަށް ހިނގައްޖެނަމަ އީތަންގެ ލޮލަށް ނިންޖެއް ނާންނާނެއެވެ. އެދުވަހު ފެނުނު އަންހެންކުއްޖާއަކީ ހަގީގަތެއް ނޫންކަން ޔަގީންކުރަންއީތަން ބޭނުމެވެ. އަވަސް ހިނގުމެއްގައި ގޮސް އީތަން އެރުނީ މޫދަށެވެ.ފުލުހަކަށް ފެނި އޭނާ ހުއްޓުވުމުގެ ކުރިން ފުއްޓަރާއި ހަމައަށް ދާން ބޭނުންވާތީ އީތަން ހިނގަމުން ދިޔައީ ބާރަށެވެ. ހިނގަމުން ގޮސް އީތަންބޮޑު ހިރިގަލާއި އަރާ ހަމަކުރިއިރު ތެމީފޯވެއްޖެއެވެ. މަޑުޖެހިލުމެއްނެތި އީތަންއެރީ ބޮޑުހިރިގަލުގެ މައްޗަށެވެ. އެދުވަހެކޭ އެއްފަދައިން ކޮޅަށްތެދުވެ ހިންދެމިލައިފިއެވެ. އެއަށްފަހު އީތަންއަށް ފުންނަޒަރެއް ދޫކޮށްލެވުނީ އެދުވަހު އެއަންހެން ކުއްޖާ ފެނުނު ދިމާއަށެވެ. ނަމަވެސް ރާޅު ހިނދިފައި އޮތް ދުވަހެއްކަމުން ހަމަހިމޭންކަން ފިޔަވާ އެއްވެސް އެއްޗެއް އެތާކުނެތެވެ. އީތަންއަށް ދޫކޮށްލެވުނީ ބޮޑު ނޭވައެކެވެ. ޗޮކެއް ކަނޑާލެވުނީ އަމިއްލަ މީހާގެ މޮޔަކަމުންނެވެ. ދެފަރާތަށް ބޯ ހަލުވާލަމުން އީތަން ބަލާލީ އެނބުރި އައިކޮޅަށެވެ. އިރުއޮއްސެން އަދި ވަގުތުކޮޅެއް އޮތުމުން އީތަން ނިންމީ ވަރުބަލި ފިލުވާލަން އެތަނުގައި މަޑުކޮށްލާށެވެ. އެހެންކަމުން ކަނޑުއޮޅިއާވީފަޅިއަށް ފައިބައި ހިރިގަލުގެ ތިރީގަައި އިށީނދެވޭގޮތަށް އިން ތަންކޮޅެއްގައި އީތަން އިށީނދެއްޖެއެެވެ. އެތަނުގައި އިންނައިރު، ބޯހަރޭގަ ހުރެ ބަލާލާ މީހަކަށް އެތަނުގަ މީހަކު ހުރިކަމެއް ނޭނގޭނެއެވެ. ޖީބަށް އެޅި މަދުތަށް ނަގާއެއްބައި ކަނޑުއޮޅީތެރެއަށް އުކާލުމަށް ފަހު އީތަން ނެގީ ލައިޓަރާއި ސިގަރޭޓުފޮށި ލާފައި އޮތް ކޮތަޅެވެ. ރީތިކޮށް ހަމަޖެހިލަމުން ކޮތަޅު ނިއުޅާލައިފިއެވެ. ސިގަރޭޓު ފޮށިން ސިގަރޭޓެއް ނަގާ ތުބުގައި ޖެހުމަށްފަހު އީތަން ލައިޓަރު ނެގީ ކުރިމައްޗަށް ނަޒަރު ދޫކޮށްލަމުންނެވެ. ނަމަވެސް ލައިޓަރު އަޅާލަން އީތަން ކޮށްލި ހަރަކާތަަށް އައީ ކުއްލި ހުއްޓުމެކެވެެ. އީތަން ދެންމެ މޫދަށް އުކާލި ދޮންމަދުތައް މިހާރު ފެންނާކަށް ނެތެވެ. އީތަންގެ މެއަށް ހީވީ މީހަކު ފިނިފެން އެއްޗެއް އޮއްސާލި ހެންނެވެ. އަވަސް އަވަހަށްއީތަންއަށް ވަށައިގެން ނަޒަރު ހިންގާލެވުނެވެ. ނަމަވެސް އެއިން އެންމެ ދޮންމަދެއް ވެސް މިހާރު ފެންނާކަަށް ނެތެވެ. ދިޔައީ އަޑިއަށް ކަމެއް އެރީ މައްޗަށް ކަމެއް އީތަންއަކަށް ނޭނގުނެވެ. ތުބުގައި ޖެހި ސިނގިރޭޓު އަލުންފޮއްޓަށްލުމަށް ފަހު އީތަން އަވަސް އަވަހަށް ކޮތަޅަށް ލާ އޮޅާލައިފިއެވެ. އޭރު އީތަންގެ ތޫނު ނަޒަރު ހޯދަމުން ދިޔައީ ކަނޑުގެ ފުންމިނުން އެ އަންހެންކުއްޖާ ފެންނަން ހުރިތޯއެވެ. ކޮތަޅު ބޭއްވުމަށްފަހު އީތަން ނެގީ ޖީބުގައި ބާކީހުރި ކަނަމަދުތަކެވެ. އެއިން ދެ ކަނަމަަދު ނަގައި މޫދަށް އެއްލާލައިފިއެވެ.ކަޅިވެސް ޖަހާނުލާ މިފަހަރު އީތަން އިނީ ބަލާށެވެ. ނަމަވެސް އަންހެންކުއްޖާގެ ޚަބަރެއް ނުވިއެވެ. މިނެޓެއް ހާއިރު އީތަން ބަލަން އިނެވެ. އެއްލި ދެ ކަނަމަދު ރާޅާއެކު މަޑުމަޑުން ހެލިލަ ހެލިހާ އޮތެވެ. އެެހެންކަމަށް ވާނަމަ މީހަކު އެނުނަގާނަމަ ކުރިން އުކާލި މަދުތަށް ވެސް ކުއްލިއަކަށް ގެއްލިގެންނުވާނެއެވެ.

"މަށަށް ޔަގީން ޕަރީ މިތާ އެބަ އުޅޭކަން. މަށަށް ފިލާތަ ތިއޮތީ.؟"

އީތަން ވާހަކަ ދެއްކީ ދެހިޔާލެއްގައި ހުރެއެވެ. ނަމަވެސް ދެންވެސް ޚަބަރެއް ނުވިއެވެ. އަތުގައި ބާކީ ހުރި މަދުތަށް ވެސް އީތަން އުކާލީ މޫދަށެވެ. އެއެއްޗެހި މޫދަށް އުކާލުމަށް ފަހު އީތަން މޫނު އަނބުރައިލީދުރަށެވެ.

"އެކަކު ގަބޫލު ނުކުރިޔަސް މަށަށް މިހާރު ޔަގީން ތީ އަސްލެއްކަން. ޕަރީ.. މަ ބޭނުން ޕަރީ ދެކެލަން. ފިލާ ނުހުރެ މަށަށް ފެނިބަލަ."

އީތަން މޫނު އަނބުރައިގެން ހުއްޓަސް ސިއްރުން ބަލަމުން ދިޔައީމަދުތަކަށެވެ. ކުއްލިއަކަށް އަޑިން ވުސް އަޅާފައި އެއްޗެއް ހިނގައްޖެއެވެ. ތެޅިގެންފައި އީތަންއަށް ތެދުވެވުނީ ކޮޅަށެވެ. ދިޔައީ މާ އަޑިން ނޫންކަމުން އީތަންއަށް ރީތިކޮށް އޭގެ ހިޔަނި ފެނުނެވެ. އެއީ ދިގު ފިނދުފަތްގަނޑެއް ލީއިންސާނެއްގެ ސޫރައެވެ. ބިރުވެރިކަން ހިތަށް ވެރިވެގަތުމުން އީތަންއަށް ދެވަނަ ފަހަރު ގޮވާލާކަށް ނުކެރުނެވެ. އީތަން ބޭނުންވީ ދުއްވައިގަންނާށެވެ. ނަމަވެސް އެއީ އީތަންއަށް ގެއްލުމެއް ދޭނެ އަންހެން ކުއްޖެއްނަމަ އެދުވަހު އީތަން ސަލާމަތެއް ނުކުރާނެއެވެ. ދުވެ ފިލައިފިނަމަ އެއަންހެން ކުއްޖާ ރީތިކޮށް ދެކެލަން މިލިބުނު ފުރުސަތު ގެއްލުނީތީހިތާމަކުރަން ޖެހޭނެކަން އީތަންއަށް ޔަގީނެވެ. ހިތްވަރު ކޮށްލަމުން އީތަންއަމިއްލަ ނަފުސު ހަމަޖައްސާލިއެވެ.

"މަށަށް ފެނިއްޖެ. އީތަން މަށަކީ. އެދުވަހު މަ ގެނބެނިކޮށް ތީނަ އައިސްމަ ސަލާމަތް ކޮށްދިނީމެއްނު. އެކަކުވެސް މަ ދެއްކި ވާހަކަ ގަބޫލެއް ނުކުރި. ހެޔޮނުވާނެ ފިލާ ނުހުރެ މަށަށް ރީތިކޮށް ފެނިބަލަ."

އީތަން ވާހަކަ ދައްކަމުން ދިޔައީ ނޭވާ ހިފަހައްޓާލައިގެން ހުރެއެވެ. އެތަނުގައި އެއުޅެނީ ފެނުޕަރީއެއްކަން އީތަންއަށް ޔަގީނެވެ. ނަމަވެސް އެއީސީދާ އެދުވަހު އީތަންއާ ބައްދަލުވި އަންހެން ކުއްޖާއަށް ނުވެއްޖެނަމަ ދެންވާނީ ކިހިނެއް ހެއްޔެވެ.؟ އެއެތި އީތަންއަށް ހަމަލާއެއް ދީފިނަމަ އީތަންގެދުވަސް ދިޔައީއެވެ.

"ޕަރީ. މަގޭ…"

ވަށައިގެން އެކި ދިމަދިމާއަށް ބަލަމުން ދިޔަ އީތަންގެ ލޮލުގައި ޕަރީއަޅައިގަތީ ކުއްލިއަކަށެވެ. ދެފެން ދޭތެރޭގައި އަޑީގައި އީތަންގެ މޫނަށް ބަލަންމަޑުކޮށްލައިގެން ހުރި ޕަރީ ފެނުމުން އީތަންގެ ގަޔަށް ދިޔައީ ފިނިއަރައިގެންނެވެ. ހިންޏެއް ހިރޭހާ މަޑު މަޑުން އެއަންހެން ކުއްޖާ އައީމައްޗަށެވެ. ބަލަމުން ދިޔައީ އީތަންގެ މޫނަށެވެ.

ނުނިމޭ..

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. އީތަންވެސް ތިހާމަންމަދެކެލޯބިވަންޔާ ތިވިޔާނުދާއުޅުން ދޫކޮށްލާފަ
    ހަރުދަނާމީހަކަށްވެބަލަ އޭރުންމަންމަވެސް ކިހާއުފާވާނެ

    2
    0

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު