26 އެޕްރީލް 2025

އިސްރާއީލުގެ އިންޓެލިޖެންސް ޔުނިޓްގެ 8200 ރިޒާވިސްޓުންނާއި އެކަޑަމިކުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލައިފި

އިސްރާއީލުގެ އެންމެ އިސް އިންޓެލިޖެންސް ޔުނިޓް ކަމުގައިވާ ޔުނިޓްގެ 8200 ރިޒާވިސްޓުންނާއި، 2،000 އަށްވުރެ ގިނަ ޔުނިވަރސިޓީ މުވައްޒަފުން، ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއިކޮށްފިއެވެ.

އިސްރާއީލުގެ ޗެނަލް 12 އިން ރިޕޯޓުކުރި ގޮތުގައި، އެކަޑަމިކުންގެ ބަޔާނުގައި ބުނެފައިވަނީ ޣައްޒާގައި ހައްޔަރުކޮށްފައިވާ އިސްރާއީލީން ދޫކޮށްލެވޭނީ ސިޔާސީ އެއްބަސްވުމަކުން ކަމަށާއި، އަސްކަރީ ބާރުގެ ބޭނުން ކުރުމަކުން ނޫން ކަމަށެވެ. އަދި ސަރުކާރުން އަސްލު ސަލާމަތީ ކަންބޮޑުވުންތަކަށްވުރެ އިސްކަން ދެނީ ސިޔާސީ އަދި އަމިއްލަ އެޖެންޑާތަކަށް ކަމަށް ފާހަގަކޮށްފައިވެއެވެ.

މި ކަމާ ގުޅިގެން އިސްރާއީލުގެ ޗީފް އޮފް ސްޓާފް އެޔަލް ޒަމީރު ވަނީ ޕެޓިޝަނުގައި ސޮއިކުރި އިސް އޮފިސަރުންނާއި 1،000 އަށްވުރެ ގިނަ ރިޒާވިސްޓުން ވަޒީފާއިން ވަކިކުރުމަށް ނިންމާފައެވެ. ޒަމީރު ވިދާޅުވި ގޮތުގައި ސިފައިންނަށް ހަނގުރާމައާ ދެކޮޅަށް ހާމަކަން ބޮޑު ގޮތެއްގައި އިހުތިޖާޖު ކުރުމަށްފަހު އަނބުރާ ޔުނީފޯމުގައި ޚިދުމަތް ނުކުރެވޭނެއެވެ.

މީގެ އިތުރުން، އިސްރާއީލު އެއަރ ފޯސްގެ  ކުރީގެ އަދި މިހާރުގެ 970 ރިޒާވިސްޓުން ވަނީ ޣައްޒާގައި ހިފަހައްޓާފައިވާ އިސްރާއީލީން ވަގުތުން ދޫކޮށްލުމަށް ގޮވާލާ ސިޓީއެއް ދޫކޮށްފައެވެ. މި ސިޓީގައި ކުރީގެ ޗީފް އޮފް ސްޓާފް ލެފްޓިނަންޓް ޖެނެރަލް ޑޭން ހަލުޓްޒް އާއި ކުރީގެ އެއަރ ފޯސް ކޮމާންޑަރ މޭޖަރ ޖެނެރަލް ނިމްރޮޑް ޝެފަރ ފަދަ އިސް ބޭފުޅުން ހިމެނެއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނާ ގޮތުގައި ޣައްޒާގައި މިހާރު ތިބީ އިސްރާއީލުގެ 59 އަސީރުންނެވެ. އޭގެ ތެރެއިން 24 މީހުން ދިރި ތިބިކަމަށް ލަފާކުރެވެއެވެ. އެހެންނަމަވެސް، 9،500 އަށްވުރެ ގިނަ ފަލަސްތީނު މީހުން މިވަގުތު ތިބީ އިސްރާއީލުގެ ޖަލުތަކުގައި ހައްޔަރުކުރެވިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު