26 އެޕްރީލް 2025
ރޯވި ބޯޓުން ގެއްލިގެން ހޯދަމުންދާ އަލީ މުޝްފިގު (25އ) ލ. މާވަށް-- ފޮޓޯ: ސޯޝަލް މިޑިއާ

މުޝްފިގުގެ މަރު ސާބިތު ކުރުމަށްފަހު، ކަށު ނަމާދު އަންނަ ހުކުރުދުވަހު ބޭއްވުމަށް މަސައްކަތްކުރަނީ

މާވަށު ދޯނީގެ ހާދިސާގައި ގެއްލިފައިވާ ޢަލީ މުޝްފިގް މުޙައްމަދު ޝަރީފުގެ މަރު ސާބިތުކުރުމަށްފަހު އަންނަ ހުކުރު ދުވަހު ކަށު ނަމާދު ކުރުމަށް މަސައްކަތްކުރަމުންދާކަަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައިވާއިރު، މިމަހުގެ 2 ވަނަ ދުވަހުގެ ރޭ ހިނގި ހާދިސާގައި ގެއްލުނު ލ. މާވަށު ޢުމުރުން 25 އަހަރުގެ ޢަލީ މުޝްފިގް މުޙައްމަދު ޝަރީފު، ނިޔާވީކަމަށް ނިންމައި ކަށު ނަމާދުކުރުމަށް އެރަށުކައުންސިލުން އިއްޔެ އިޢުލާން ކުރިއެވެ. އެހެން ނަމަވެސް މުޝްފިޤުގެ ކަށު ނަމާދު މިއަދު ނުކުރާކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.

މުޝްފިޤުގެ ޢާއިލާއާ ވާހަކަ ދައްކާފައިވާކަމަށާއި ހާދިސާއާ ގުޅިގެން އިސްލާމީ ޝަރީޢަތުގައި އޮތް ގޮތައް އަމަލުކޮށް، ކޯޓް މެދުވެރިކޮށް މަރު ސާބިތު ކުރުމަށް ފަހު، ކަށު ނަމާދުގެ ކަންކަން އަންނަ ހުކުރަށް އިންތިޒާމު ކުރެވޭތޯ މަސައްކަތްކުރަމުން ދާކަމަށާއި، މުޝްފިޤުގެ ކަށު ނަމާދު އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މުޝްފިޤަކީ ވަރަށް ރީތިކޮށް ޤުރުއާން ކިޔަވާ ހެޔޮ ލަފާ ކުއްޖެއްކަމަށާއި އިމާމުވެ ނަމާދުކޮށް އުޅުނު ނަމޫނާ ޒުވާނެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

"އޭނާ ގެއްލުނު ހާދިސާއަކީ އެ ޢާއިލާގެ އިތުރުން އަޅުގަނޑުމެން އެންމެންނަށް ލިބުނު ހިތާމައެއް. މާތް ﷲ ގެ ރަޙުމަތް ތަނަވަސް ވެގެންވޭ" ވަޒީރު ވިދާޅުވިއެވެ.

ގެއްލުނު މީހަކީ، މީހަކާ އިނދެގެން ނެތް މީހަކު ކަމުގައި ވިޔަސް އޭނާގެ މަރާ މެދު ގޮތް ނިންމަންވާނީ ޤާޟީކަމަށްވުމުން، ކަނޑަށް ވެއްޓި ގެއްލި ހޯދައި ނުފެނިފައިވާ މީހާއާމެދު ގޮތް ނިންމަންވާނީ ޤާޟީކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވެފައިވަނީ ޤާޟީ ގޮތް ނިންމާނީ ގެއްލުނު ޙާލަތުގެ މައްޗަށް ނަޒަރު ހިންގައި ހޯދަންކުރި މަސައްކަތުގެ މައްޗަށް ބަލައި މުޅި މައްސަލައިގެ ހަފަރާތް ބެލުމަށް ފަހުކަމަށެވެ.

އެހެންކަމުން ގެއްލުނު މީހާ މަރުވެފައިވާ ކަމަށް ޤާޟީ ކަނޑައަޅައިފިނަމަ، އޭނާގެ މައްޗަށް ކަށުނަމާދު ކުރެވިދާނެކަމަށާއި، އޭނާގެ މުދާ ވާރިސުންގެ މެދުގައި ބެހޭނެކަމަށެވެސް ވަޒީރު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު