9 ފެބުރުވަރީ 2026
މޯލްޑިވިއަން އެއާޕައިންގެ ފުރަތަމަ ވައިޑް ބޮޑީ ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސުމާ އެކު، ވޯޓަ ސެލިއުޓެއް ދެނީ؛ ފޮޓޯ:މިހާރު

ވައިޑް ބޮޑީ މަތިންދާބޯޓު ހޯދުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލައިފި

ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ދެވަނަ ވައިޑް ބޮޑީ މަތިންދާބޯޓު ހޯދުމަށް މީގެ ކުރިން ކުރި ޢިއުލާން ބާތިލްކޮށް އަލުން ޢިއުލާންކޮށްފިއެވެ.

އެކުންފުނިން ވައިޑް ބޮޑީ ހޯދުމަށް ދެވަނަ ފަހަރަށް ޢިއުލާންކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހު ކުރި ޢިއުލާން ބާޠިލް ކުރުމަށްފަހުއެވެ.

މިކަމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން، މޯލްޑިވިއަނުން ވިދާޅުވީ މަތިންދާބޯޓު ހޯދުމަށް އަލުން އިއުލާންކޮށްފައިވަނީ، މިހާރު ލިބިފައިވާ ހުށަހެޅުންތަކުގެ އިތުރަށް، މިކަމަށް ޝައުޤުވެރިވާ އެހެން ފަރާތްތަކެއް ހޯދުމަށެވެ.

މިކަމަށް ކަނޑައަޅާފައިވާ ސުންގަޑި ހަމަވަނީ މިމަހުގެ 26 ވަނަ ދުވަހުއެވެ. މޯލްޑިވިއަންއިން ހޯދަން އިއުލާންކޮށްފައިވަނީ މިހާރުވެސް ބޭނުންކުރަމުން އަންނަ އެއަރބަސް އޭ330-200 މަރުކާގެ މަތިންދާ ބޯޓެކެވެ. އަދި އެ މަތިންދާބޯޓު ކުއްޔަށް ނަގާނީ 5 އަހަރުގެ ދުވަހުގެ މުއްދަތައްކަމަށްވެސް އެކަމާއި ގުޅޭ އިޢުލާނުގައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް މޯލްޑިވިއަންގެ ދަތުރުތަކުގައި ބޭނުންކުރުމަށް ފުރަތަމަ ފަހަރަށް ވައިޑް-ބޮޑީ މަތިންދާ ބޯޓެއް ގެނައީ މިދިޔަ މަހުގެ 6 ވަނަ ދުވަހުއެވެ. އެއީ 264 މީހުންގެ ޖާގައިގެން ބޯޓެކެވެ.

މޯލްޑިވިއަން އެއަރލައިންސްއިން ވަނީ ވައިޑް-ބޮޑީ މަތިންދާބޯޓާއެކު ޗައިނާގެ ތިން ސިޓީއަކަށް (ބެއިޖިން، ޝަންހާއީ އަދި ޗެންގްޑޫ) ސީދާ ދަތުރުތައް ފަށާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވަނީ، މޯލްޑިވިއަންއަށް ގެންނަ ދެވަނަ ވައިޑް-ބޮޑީ މަތިންދާބޯޓާއެކު ޔޫރަޕްގެ މަންޒިލްތަކަށް ދަތުރުތައް މިއަހަރުގެ އޮކްޓޯބަރު މަހު ފެށުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ.

ސަރުކާރުން ޤަބޫލުކުރައްވާ ގޮތުގައި މި ވައިޑް-ބޮޑީ މަތިންދާބޯޓުތަކާއެކު ދުރު މަންޒިލްތަކަށް ސީދާ ދަތުރުތައް ފެށުމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބި، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު