މިދިޔަ ޖެނުއަރީ މަހުން ފެށިގެން ގްރީން ޓެކްސްއަށް ގެނައި ބަދަލުތަކާ ގުޅިގެން، މި ޓެކްސްއިން ދައުލަތަށް ލިބޭ އާމްދަނީ 50 އިންސައްތަ އިތުރުވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 400 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 233 މިލިއަން ރުފިޔާއާ އަޅާބަލާއިރު ފާހަގަކުރެވޭ ކުރިއެރުމެކެވެ.
ގްރީން ޓެކްސްގެ އަދަދަށް ގެނައި ބަދަލާ ގުޅިގެން، ކުރިން ހަ ޑޮލަރު ދައްކަމުން އައި ތަންތަނުން މިހާރު ދައްކަނީ 12 ޑޮލަރެވެ. އަދި ތިން ޑޮލަރު ދައްކަމުން އައި ތަންތަނުން މިހާރު ދައްކަންޖެހެނީ ހަ ޑޮލަރެވެ. މިއީ ކުރިން ދައްކަމުން އައި އަދަދަށްވުރެ 100 އިންސައްތައިގެ އިތުރުވުމެކެވެ.
ސަރުކާރުން މި އަހަރަށް ކަނޑައަޅާފައިވާ އަމާޒަކީ ގްރީން ޓެކްސްއިން 964 މިލިއަން ރުފިޔާ ހޯދުމެވެ. މިހާތަނަށް ވޭތުވެދިޔަ ތިން މަހުގެ ތެރޭގައި އަމާޒުކުރި އަދަދުގެ 40 އިންސައްތަ ވަނީ ހާސިލުކުރެވިފައެވެ.
އެއާޕޯޓް ޑިވެލޮޕްމަންޓް ފީއަށްވެސް މިދިޔަ ޑިސެންބަރު މަހުން ފެށިގެން ބަދަލުތަކެއް ގެނެސްފައިވެއެވެ. މި ބަދަލާ ގުޅިގެން މި ފީއިން ދައުލަތަށް ލިބޭ އާމްދަނީ ވަނީ 35 އިންސައްތަ އިތުރުވެފައެވެ. މިގޮތުން މިހާތަނަށް 340 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 233 މިލިއަން ރުފިޔާއެވެ.
ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ޓެކްސްއާއި ފީތަކަށް ގެނެވުނު ބަދަލުތަކާ ގުޅިގެން ދައުލަތުގެ އާމްދަނީއަށް 2.7 ބިލިއަން ރުފިޔާ އިތުރުކުރެވޭނެ ކަމަށް ލަފާކުރެވެއެވެ. އަދި އަންނަ ޖުލައި މަހުން ފެށިގެން ޓީޖީއެސްޓީ 17 އިންސައްތައަށް ބޮޑުކުރުމަށް ވަނީ ހަމަޖެހިފައެވެ.